Roadha Mihaaru
ސިޔާސީ ބޭފުޅުންނަށް ޒަރޫރީ ބޭނުންތަކަށް ތަކެތި ނުލިބޭ

ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ޒަރޫރީ ބޭނުންތަކަށް ތަކެތި ނުލިބޭ: އާއިލާ

22 މާޗް 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ސިޔާސީ ބޭފުޅުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި ބޭފުޅުން މިއަދު މާފުށީ ޖަލަށް ބަދަލު ކުރިއިރު، ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާ ތަކެތި ފޯރުކޮށް ނުދޭ ކަމަށް ބުނެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ސިޔާސީ ބޭފުޅުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި ބޭފުޅުން މިއަދު މާފުށީ ޖަލަށް ބަދަލު ކުރިއިރު، ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާ ތަކެތި ފޯރުކޮށް ނުދޭ ކަމަށް ބުނެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އިލްހާމް އަހުމަދުގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ހިމެނެ އެވެ.

އެއިން ބޭފުޅެއްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި ގޮތުގައި އެ ބޭފުޅުން ޖަލަށް ބަދަލު ކުރުމަށް ފަހު ދީފައިވަނީ ދަނޑި ސައިބޯންޏަކާއި ތުވާޔެއް އެކަނި ކަމަށެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހެން ތަކެތި ނުދޭއިރު އެތަކެތި އާއިލާގެ ފަރާތުން ހަވާލު ކުރެވޭނެ ގޮތެއްވެސް ނުވި ކަމަށް އާއިލާއިން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ބަންދުކުރާ މީހުން ބޭނުންވާ ތަކެތި ޖެހެނީ ޖަލުގައި ހުންނަ ފިހާރައަކުން ގަންނާންށެވެ. ތަކެތި ގަތުމަށް ފައިސާ ދައްކަން ޖެހެނީ މާލޭގައި ހުންނަ ކަރެކްޝަންސްގެ އޮފީހަށެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވީ މިއަދު ހަވީރު އެ ބޭފުޅުން ޖަލަށް ބަދަލުކުރުމާއެކު ކަރެކްޝަނަށް ފައިސާ ޖަމާކުރަން ދިއުމުން އެކަން ވާނީ އަންނަ އާދިއްތަ ދުވަހުގައި ކަމަށް ބުނެފައިވާ ކަމަށެވެ. ތަކެތި ދޫކުރާނީ ފައިސާ ޖަމާކޮށްދޭތާ ހަތަރު ދުވަސް ފަހުން ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވާގޮތުން އަށް ދުވަސް ފަހުން އެބޭފުޅުންނަށް ތަކެތި ލިބެން އޮތީ. ދަތް އުނގުޅޭނެ ގޮތެއް ނެތް. ޝޭމްޕުލެއް ނުލިބޭ، ވަރަށް ހާލުގައި ތިއްބެވީ،" ކަންބޮޑުވުން ފާޅުކުރަމުން އޭނާ ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން ކަރެކްޝަންގެ ބަހެއް ހޯދުމަށް މީޑިއާ އޮފިޝަލް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.