Roadha Mihaaru
"ނިންމީ ރައީސަކަށް އިބޫ، ނައިބަކަށް ފާރިސް ގެންނަން"

މަޖިލީހުގެ ރައީސަކަށް އިބޫ، ނައިބަކަށް ފާރިސް ހަމަޖައްސަން ވަނީ ނިންމާފައި: ނަޝީދު

27 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، އެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖެއްސުމަށް ފަހު، ނައިބުކަން ދޭން ނިންމާފައި އޮތީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، އެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖެއްސުމަށް ފަހު، ނައިބުކަން ދޭން ނިންމާފައި އޮތީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

"ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި އޮތީ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގެ ރައީސަކަށް ހަމަޖައްސަން. އަދި މަޖިލީހުގެ އާ ނައިބު ރައީސަކީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ކަަމަށް،" އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ވޯލްޑް އިޒް ވަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވި އެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާ އަށް ވަޑައިގަތް ނަޝީދު ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަސީހު މަގާމުން ދުރުކުރަން ޖެހެނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް މިނިވަންކަމާ އެކު މަޖިލިސް ހިންގަން ކަމަށެވެ. މަސީހުގެ ރިޔާސަތުގައި މަޖިލީހުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް އެތައް ކަމެއް ހިންގައި، ސަރުކާރުގެ ރަބަސްޓޭމްޕަކަށް މަޖިލިސް ބަދަލުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ މި ހާލަތު ބަދަލުކޮށް، ކުރިއަށް ގެންދަން ގުޅިފައިވާ ޕާޓީތަކުން އިސްލާހީ އެޖެންޑާއެއް އެކުލަވާލާފައި އޮތް ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ. މަސީހުގެ މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ތިން ފަހަރަށް ކުރި މަސައްކަތް ސަރުކާރުން ނާކާމިޔާބު ކޮށްލާފައިވާއިރު، ނަޝީދު އިއްޔެ ވެސް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ފުޅާ ކޯލިޝަނަކުން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މަދު ދުވަސްތެރޭގައި އެ ކޯލިޝަން ރޫޅިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވި އެއްބަފާ ބޭބޭފުޅު، މައުމޫން ވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް ގެއްލިފައިވާ ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

ވޯލްޑް އިޒް ވަން ނޫހަށް ނަޝީދު އިންޓަވިއު ދެއްވަނީ: މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރެވޭނެ ކަމަށް ވިދާޅުވި.

ވޯލްޑް އިޒް ވަން ނޫހަށް ނަޝީދު އިންޓަވިއު ދެއްވަނީ: މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރެވޭނެ ކަމަށް ވިދާޅުވި.

ނަޝީދު ވިދާޅުވީ އެއާއެކު، އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ހުކުމް އިއްވުން ލަސްވެގެން ދަނީ އުއްތަމަފަނޑިޔާރަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވައިގެން ކަަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާ ގޮތަށް މެމްބަރުންގެ ގޮނޑި ގެއްލުވާލާކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ މެޖޯރިޓީ ބޭނުމެއް ނުވެ އެވެ. މައްސަލަ ހުށަހެޅި ފަހުން ދޮޅު މަހެއްހާ ދުވަސްވެފައިވާއިރު ވެސް އެ ހުކުމް ލަސްވަނީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އެ ހުކުމް ލަސްވެގެން މުޅި ދައުލަތް މިހާރު ހުއްޓިފައި ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސްބޭފުޅުންނާ އެކު ވެސް ބައްދަލުވުންތައް ބާއްވައި ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި ހިނގަމުންދާ ކަންކަން އިންޑިއާ ސަރުކާރަށް އެނގޭ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖެ އަށް މުހިއްމު ކަަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވަމުން ވިދާޅުވީ އެކަމަށް އިންޑިއާ އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.