Roadha Mihaaru
މިކަން މިއޮތީ ނިމިފައި، ޝައްކެތް ނެތް: އިބޫ

މަސީހު ވަކިކުރުމުގެ މައްސަލަ އޮތީ ނިމިފައި، އެކަމުގައި ޝައްކެއް ނެތް: އިބޫ

22 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމުގެ ކަންކަން މިހާރު އޮތީ ނިމިފައި ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމުގެ ކަންކަން މިހާރު އޮތީ ނިމިފައި ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް ކަމަށް ދިރާސާތަކުން އެނގިފައިވާ ކަމަށެވެ.

މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވާހަކަ ދައްކަވަނީ: ރިޔާސަތު ބަދަލު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވާހަކަ ދައްކަވަނީ: ރިޔާސަތު ބަދަލު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ ވިދާޅުވި ގޮތުގައި މަޖިލިސް ހިނގަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަކަށް ނޫނެވެ. މަޖިލީހުގެ ކަންކަން ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފަށް ހިނގަމުންދާ އިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތެއް މަސީހް ނުދެއްވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

މަޖިލިހުގައި ގޯސްކޮށް ހިންގާ ކަމަށް އިދިކޮޅު މެމްބަރުން ފާހަގަކުރާ މައްސަލަތައް:

- ވަޒީރުންނާ ސުވާލު ކުރުމުގެ މައްސަލަތައް އެޖެންޑާ ނުކުރުން.

- މެމްބަރުންނަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނުދިނުން.

- މެމްބަރުންނަށް ވަގުތު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ.

- ބިލުތައް ދިރާސާ ކުރަން އެކަށީގެންވާ ވަގުތެއް ނުދޭ

- ބިލުތަކަށް ބަހުސް ކުރަން އެކަށީގެންވާ ވަގުތެއް ނުދޭ.

އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސް އަމަލު ކުރައްވަމުން ގެންދަވަނީ ބޭނުން ގޮތަކަށް ކަމަށާއި މަޖިލީހުގެ ރިޔާސަތަށް ސިޔާސީ ވިސްނުން ވަދެފައިވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ރިޔާސަތު ބަދަލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ނުވިޔަސް، އިދިކޮޅު ފަރާތްތަކުން އެޅި ބިންގަލުގެ މަތީގައި ކުރަން ޖެހުނު ހުރިހާ ކަމެއް މަޖިލިސް ތެރެއިން ކުރަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތިބީ މި އެޅި ބިންގަލުގެ މަތީގައި ކުރަން ޖެހުނު ހުރިހާ ކަމެއް މަޖިލިސް ތެރެއިން ކުރަން ތައްޔާރުވެގެން. އަޅުގަނޑުމެންގެ މަސައްކަތްތައް ފެނިގެންދާނީ އެއް ވިސްނުމެއްގައި،" ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ، ވަރަށް ގިނަ އިސްލާހީ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. އެ ގޮތުން ގާނޫނުއަސާސީއަށް ގެނައި ދެ އިސްލާހު ކަމުގައިވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމާއި ބިދޭސީންނަށް ބިންތައް މިލްކު ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މިނިވަން ކަމާއެކު ހިނގަމުން ނުދާ މުއައްސަސާތަކުގައި ތިބި މެމްބަރުން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް އިބޫ ދެއްވި އެވެ. އޭނާ ފާހަގަކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ހިމެނެ އެވެ.

އިސްލާހު ކުރަން ނިންމި ގާނޫނުތަކުގެ ތެރޭގައި އިބޫ ވިދާޅުވި ގޮތުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނާއި މާލިއްޔަތު ގާނޫނާއި ކޯޓުތަކުގެ ގާނޫނު ހިމެނެ އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މިއަދުގެ ނިއުސް ކޮންފަރެންސްގައި: މަޖިލީހުގެ އޮނިގަނޑު މިހާރު އޮތް ގޮތުން އިސްލާހީ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މިއަދުގެ ނިއުސް ކޮންފަރެންސްގައި: މަޖިލީހުގެ އޮނިގަނޑު މިހާރު އޮތް ގޮތުން އިސްލާހީ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑު މިހާރު އޮތް ގޮތުން އިސްލާހީ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ގައުމުގެ ހާލަތު ބަދަލު ކުރަން ޕީޕީއެމްގެ ތެރެއިން ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ތިބީ "އެއް ފިޔަވަޅެއްގެ މަތީގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުގެ ހާލަތާ މެދު ޕީޕީއެމްގެ އާންމު މެމްބަރުންގެ ތެރެއިން 90 ޕަސަންޓަށް ވުރެ ގިނަ މެމްބަރުންނާ އެކީގައި، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން ބޮޑު އަޣުލަބިއްޔަތަކާ އެކުގައި އެހެން ޕާޓީތަކުގެ މެމްބަރުންނާ އެއް ފިޔަވަޅަކަށް މި އާދެވުނީ،" ފާރިސް ވިދާޅުވި އެވެ.

ޕީޕީއެމަށް މެމްބަރުންތަކެއް ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މަސީހް މަގާމުން ވަކިކުރަން އުޅެނީ އެމަނިކުފާނުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެއީ "ގުރުބާންކުރެވޭ ކަންބަޅިއެއް" ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މި ވޯޓު ނަގަނީ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި ސިޔާސީ ލީޑަރުންނަށް ދިމާވެފައިވާ ބަދުނަސީބުތަކާ ހެދި އުފެދިފައިވާ "ޖަޒުބާތުތަކަކާ"އި ސަރުކާރާ ދޭތެރޭ އޮތް ޒާތީ ހަސަދައަކާ ހެދި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.