Roadha Mihaaru
ހުރިހާ ދިމާއަކުން ވެސް ހަމޫދަށް ތައުރީފު

ހުރިހާ ދިމާއަކުން ވެސް ހަމޫދަށް ތައުރީފު

28 އޯގަސްޓް 2017

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ދެވަނަ ހޯދި ލަވަ ކިޔުންތެރިޔާ ހަމޫދު އަހުމަދުގެ ލަވަތަކެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ. އެ ޝޯ ނިންމާލި ފަހުން، ޒުވާން ލަވަ ކިޔުންތެރިޔާގެ އަޑެއް އެއްގޮތަކަށް ވެސް ނީވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ދެވަނަ ހޯދި ލަވަ ކިޔުންތެރިޔާ ހަމޫދު އަހުމަދުގެ ލަވަތަކެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ. އެ ޝޯ ނިންމާލި ފަހުން، ޒުވާން ލަވަ ކިޔުންތެރިޔާގެ އަޑެއް އެއްގޮތަކަށް ވެސް ނީވެ އެވެ.

އެކަމަކު ކުރިން ވެސް އުންމީދު ކުރި ގޮތަށް ހަމޫދުވެގެން ދާނީ ރާއްޖޭގައި ވަރަށް މަޝްހޫރު ޕްލޭބެކް ސިންގަ އަކަށް ކަމުގެ ނިޝާންތައް ވެސް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. އެހެންވެ ދެން މާ ލަސްތަކެއް ނުވެ، ހަމޫދުގެ ލަވަތައް އިވެން ފަށާނެ އެވެ.

އޭނާ އައިޑޮލް ތެރޭގައި ދައްކައިލި ހުނަރާ އެކު ރާއްޖޭގެ ބައެއް ފިލްމް ޕްރޮޑިއުސަރުން ހަމޫދު ލައްވައި އެ މީހުންގެ ފިލްމްތަކަށް ލަވަތައް ރެކޯޑް ކުރުވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އޭނާގެ ސޮއި ހޯދަން ކިޔޫގައި މިހާރު ވެސް އެތައް ޕްރޮޑިއުސަރުންނެއް އެބަ ތިއްބެވެ. ބައެއް ޕްރޮޑިއުސަރުން ހަމޫދު ލައްވައި މިހާރު ލަވަތައް ރެކޯޑް ވެސްކޮށްފި އެވެ.

ހަމޫދުގެ ލަވައާ ބެހޭ ގޮތުން "ބޮސް" ގެ ބަސް.

އެ ޝަރަފު އެންމެ ފުރަތަމަ ހޯދި މީހަކީ އައިޑޮލް ހަމޫދަށް ކާމިޔާބުކޮށް ދިނުމަށް ވަރަށް ގަދަ އަށް ކެމްޕޭން ކުރި ބަތަލާ/ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ އެވެ. އޭނާގެ އާއިލީ ފިލްމް ކުންފުނި ޔާރާ އިން އަންނަ އަހަރު ގެނެސްދޭ ފިލްމަކަށް ހަމޫދު ލައްވައި ލަވައެއް ރެކޯޑްކޮށްފައިވާ އިރު، ރިޝްމީ މިހާރު ޑައިރެކްޓް ކުރަމުން އަންނަ ފާތުމަތު ނަހުލާގެ ފިލްމް "ބޮސް" އަށް ވަނީ ހަމޫދު ލައްވައި ޑުއެޓެއް ރެކޯޑްކޮށްފަ އެވެ. އެ ލަވައިގައި ހަމޫދާ އެކު އިވިގެން ދާނީ އައިޑޮލްގައި ވެސް ހަމޫދާ އެކު ލަވައެއް ކިޔާލި މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އެވެ.

އެ ދެ މީހުންގެ އަޑުން ރެކޯޑްކޮށްފައިވާ ލަވަ "ހަޔާތުގައި މި ދިމާވި ގޮތުން ރޮވޭ ގޮތްވޭ" މި ލަވައާ ބެހޭ ގޮތުން އޭގެ މިއުޒިކް ޑައިރެކްޓަރު މުހައްމަދު އަބްދުލްޢަނީ (ތޭރަވާ) ބުނީ ރާފިޔަތުގެ އަޑާ އެކު ހަމޫދުގެ އަޑު މި ލަވައިން އިވިގެންދާ އިރު، ގައިން ހީބިހި ނަގާ ކަމަށެވެ.

މި ލަވައާ ބެހޭ ގޮތުން ރިޝްމީ ވެސް ވަނީ ހަމޫދަށް ތައުރީފު އޮއްސާލައިފަ އެވެ. އޭނާ ބުނީ ހަމޫދުގެ ލަވަ ވަރަށް ރީތި ކަމަށާއި އޭނާއާ މެދު ފަހުރުވެރިވާ ކަމަށެވެ. ހަމޫދުގެ އަޑު ފިލްމަކުން އިވޭނެ ފުރަތަމަ ފަހަރަކަށް ވާނީ އޮކްޓޯބަރުގައި ރިލީޒް ކުރާ "ބޮސް" އެވެ. އެހެންވެ އޮކްޓޯބަރު މަހުގެ 24 އަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ.

"ހިތުގެ ނަށާ ރާނީ" ލަވައިގެ ރެކޯޑިންގެ ތެރެއިން.

ޑާކް ރެއިން އެންޓަޓައިންމަންޓުން މިހާރު ހަދަމުން އަންނަ ފިލްމް "ވަކިން ލޯބިން" އަށް ހަމޫދު ރެކޯޑް ކުރި ލަވަ "ހިތުގެ ނަށާ ރާނީ" އަކީ އޭނާގެ ފިލްމަކަށް ރެކޯޑް ކުރި ދެވަނަ ލަވަ އެވެ. ޑާކް ރެއިންގެ ފިލްމަކަށް ހަމޫދު ލައްވައި، ލަވައެއް ރެކޯޑް ކުރުވާނެކަން، ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އިއުލާން ކުރީ މޯލްޑިވިއަން އައިޑޮލްގެ ފިނާލޭ ޝޯ ދެއްކި ރޭ ސޯޝަލް މީޑިއާގަ އެވެ.

ހަމޫދުގެ ހުނަރު ކަމުދިޔަލެއް ބޮޑުކަމުން މޮގާ އެކަން ކާމިޔާބުކޮށް، ހަމޫދު ކީ ލަވައިގެން ތަންކޮޅެއް ވެސް ވަނީ ފޭސްބުކްގައި އިއްވާލައިފަ އެވެ. މި ލަވަ ބެލުންތެރިންނަށް މަންޒަރުތަކާ އެކީގައި ބޮޑު ސްކްރީނުން ފެނިގެން ދާނީ މާޗް 5، 2018 ގަ އެވެ.

ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ލީޑް ރޯލުން ފެނިގެންދާ "ވަކިން ލޯބިން" އަށް ހަމޫދު ރެކޯޑް ކުރި "ހިތުގެ ނަށާ ރާނީ" އަޑު އެކީގައި އަޑު އަހާލާ ހިތުން އޭނާގެ ފޭނުން ގައިމު ވެސް މިހާރު ތިބޭނީ ކެތްމަދުވެފަ އެވެ. މި ލަވައަކީ ޑާކް ރެއިންގެ ފިލްމްތަކަށް މިހާތަނަށް ވަރަށް ރީތި ލަވަތަކެއް ހަދާފައިވާ ފަތޯގެ މިއުޒިކަށް ކިޔާފައިވާ ލަވައެކެވެ.

"ވަކިން ލޯބިން" އަށް ހަމޫދު ކީ ލަވައިގެ ތަންކޮޅެއް އިއްވާލަނީ.

މި ލަވަތަކާ އެކު މިއީ ހަމޫދުގެ މިއުޒިކީ ހަޔާތުގެ ފެށުން ކަމަށް ވެދާނެ އެވެ. ކުރިއަށް އޮތް ތަނުގައި ގިނަ ލަވަތަކުން އޭނާގެ އަޑު އިވިގެން ދާނެ ކަމަށް އުންމީދު ވެސް ކުރެ އެވެ. ހަމޫދު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވެސް ބުނީ ބޭނުން ވަނީ ރާއްޖޭގެ މަގުބޫލް ޕްލޭބެކް ލަވަ ކިޔުންތެރިއަކަށްވާން ކަމަށެވެ.

ހާއްސަކޮށް ރީތި އަމިއްލަ ރާގުގެ ލަވަތަކެއް އެހުންތެރިންނާ ހަމައަށް ގެނެސް ދޭން އޭނާ ވެސް ވަރަށް ބޭނުމެވެ.