Roadha Mihaaru
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސާބަސް: ފަލާހް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސާބަސް: ފަލާހް

29 އޯގަސްޓް 2017

އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލާގައި ސުޕްރީމް ކޯޓުން ރޭ ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުގެ ފަނޑިޔާރުންނަށް، އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހް މިރޭ ތައުރީފް ކުރައްވައި ސާބަސް ދަންނަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލާގައި ސުޕްރީމް ކޯޓުން ރޭ ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުގެ ފަނޑިޔާރުންނަށް، އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހް މިރޭ ތައުރީފް ކުރައްވައި ސާބަސް ދަންނަވައިފި އެވެ.

ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުން ރޭ ނިންމީ އެކަމުގައި އެ ކޯޓުން އިތުރު ނިންމުމެއް ނިންމަންޖެހޭ ކަމެއް ނެތް ކަމަށެވެ.

އެ ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރީގައި ނެރުނު ހުކުމާއި އަމުރު އަދި ރޭގެ ނިންމުމަށް ރިއާޔަތްކޮށް، ވެރިކަންކުރާ ޕީޕީއެމް ކޯލިޝަނުން ދެކޭ ގޮތުގައި އިދިކޮޅު ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ބައި އިލެކްޝަން ބާއްވައިގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި އޮތް ޖަލްސާގައި، މިކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ފަލާހް ވިދާޅުވީ ހުރިހާ ރައްޔިތުން ތިބީ ކޯޓުތަކުގެ އަދުލުވެރި ފަނޑިޔާރުންނާ އެކުގައި ކަމަށެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ރެއަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ރެއެއް. ބައެއް ބޭފުޅުން ރޭގައި އުޅުނު ގައި ކަހާތީ. އެހެން ވާނެ އިނގޭތޯ؟ ބައެއް ފަހަރަށް ނުބައިކޮށް އޮވެ ނިދޭ ގޮތަކުން ތަންތާނގައި ރިއްސާނެ. ބޯ ވެސް އަނބުރާނެ. ގައި ވެސް ކަހާނެ،" އިދިކޮޅު ފަރާތްތަކަށް ހަޖޫ ޖައްސަވަމުން ފަލާހް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް ރޭގައި ވަރަށް ހަމަޖެހިލައިގެން އަރާމުކޮށް ނިދުނު. ރެ އަކީ ރާއްޖޭގެ ހަތަރު ދާއިރާއެއްގެ ރައްޔިތުންނަށް ވެސް ވަރަށް އުފާވެރި ރެއަކަށް ވެގެން ދާނެ."

އޭނާ ވިދާޅުވީ ގޮނޑި ގެއްލުނު މެމްބަރުންނަކީ އެ ބޭފުޅުން އިންތިޚާބުކޮށް ދިން ދާއިރާތަކުގެ ރައްޔިތުންނަށާއި ސަރުކާރަށާއި ޕީޕީއެމަށް ޚިޔާނާތްތެރިވެފައިވާ ބޭފުޅުންތަކެއް ކަމަށެވެ.

"އެ މެމްބަރުން މިދިޔަ ދުވަސްތަކުގައި އުޅުނީ ބޭރުގައި. އެ ބޭފުޅުންނަށް ދާއިރާތަކުގެ ތަރައްގީގެ މަސައްކަތުގައި މީގެ ކުރިން އުޅެމުން ދިޔަ މެމްބަރުން ފޯނެއް ނުނަންގަވާ. ފޯން އޮންނަނީ މުޅިން ނިއްވާލާފައި. ބެންކޮކްގައި ކަމަށް ވަނީ ގިނަ ބޭފުޅުން އުޅުއްވަނީ،" ފަލާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަނީ ވަރަށް ހިތްހަމަޖެހިވަޑައިގެން ލޯތްބާ އެކު އެވެ.

ފަލާހް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ބޮޑެތި އަދަދުތަކުން ބަޖެޓް ފާސް ކުރި ނަމަވެސް، ރާއްޖޭގެ އެއްވެސް ދިމާއަކުން ތަރައްގީގެ ކަންކަމެއް ނުފެންނަ ކަމަށެވެ.

ޕީޕީއެމުން މިރޭ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޕީޕީއެމުން މިރޭ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ މިވީ މުއްދަތުގެ ތެރޭގައި ތަފާތު ވަރަށް ބޮޑަށް ދައްކުވައި ދީފައިވާ ކަމަށާއި ތަރައްގީގެ އެތައް ބިޔަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ އިނގޭތޯ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް ފައިސާ މި ހޯއްދަވާ ގޮތެއް ވެސް. ކިހާ މަސައްކަތެއްތޯ މި ކުރައްވަނީ؟ އަޅުގަނޑުމެން މި ތިބީ އަޖައިބުވެފައި،" ފަލާހް ވިދާޅުވި އެވެ.

"އަޅުގަނޑުމެން 27 ބިލިއަންގެ ބަޖެޓެއް ފާސްކޮށް ދީފިއްޔާ އެމަނިކުފާން ރާއްޖޭގެ ތަރައްގީ އަށް 30 ބިލިއަނުގެ މަސައްކަތް އެބަ ހިންގަވާ."