Roadha Mihaaru
"ފަރުވާ އަށް ގާސިމް ފޮނުވަން އިޚްލާސްތެރިކަމެއް ނެތް"

ފަރުވާ އަށް ގާސިމް ފޮނުވަން ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް: ޕާޓީތައް

30 އޯގަސްޓް 2017

ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް، ފަރުވާ އަށް ގާސިމް ފޮނުވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ސަރުކާރުން ބުނުމަށް ފަހު، ހުކުމް އިސްތިއުނާފްކުރުމުން ސުވާލު އުފެދޭ ކަމަށެވެ. ގާސިމަށް ބޭސްފަރުވާ ރާއްޖެއިން ބޭރުން ލިބޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް ހުކުމުގައި އެންގި ބައި އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ އިސްތިއުނާފްކޮށްފަ އެވެ.

އެންމެ ކަމެއް ފިޔަވައި، ގާސިމް ބޭރަށް ފޮނުވުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމުގެ ސަރުކާރުން ޔަގީންކަން ދިނުމަށް ފަހު އަމަލުކުރި ގޮތުން ކަންބޮޑުވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"ހޯމް މިނިސްޓަރު ދެއްވި ޔަގީންކަމާ އެކު އަޅުގަނޑުމެން އުއްމީދުކޮށްގެން ތިބީ ގާސިމަށް ވަރަށް އަވަހަށް ބޭސްފަރުވާ އަށް ބޭރަށް ވަޑައިގެންނެވޭނެ ކަމަށް. އެކަމަކު އެ ބޭފުޅުން ވިދާޅުވާ ބަސްފުޅުތަކާ އެއްގޮތަށް އަމަލު ނުކުރާތަން މި ފެންނަނީ،" ސަމީރު ވިދާޅުވި އެވެ.

ގާސިމް: އޭނާ ބޭސްފަރުވާ އަށް ފޮނުވުން ލަސްކުރަމުންދާ ކަމަށް ބުނެ އާއިލާ އިން ދަނީ ކަންބޮޑުވުންފާޅުކުރަމުން. --ފޮޓޯ/މިހާރު

ގާސިމް: އޭނާ ބޭސްފަރުވާ އަށް ފޮނުވުން ލަސްކުރަމުންދާ ކަމަށް ބުނެ އާއިލާ އިން ދަނީ ކަންބޮޑުވުންފާޅުކުރަމުން. --ފޮޓޯ/މިހާރު

ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަމަށް ވިޔަސް، ގާސިމަށް ބޭރުން ބޭސް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ހުކުމުގައި އަމުރުކުރި ބައި ހައި ކޯޓުގައި އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން އިސްތިއުނާފްކޮށްފައިވާތީ ވެސް ޕާޓީތަކުން ކަންބޮޑުވުންފާޅުކުރި އެވެ.

"އޮންނަ އުސޫލުގެ ތެރެއިން އިސްތިއުނާފް ކުރެއްވުމަކީ އަޅުގަނޑުމެން އެކަމަކާ މާބޮޑު މައްސަލައެއް އޮތް ކަމެއް ނޫން. ގާސިމް މައްސަލާގައި އިސްތިއުނާފް ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ތަފާތު ގޮތަކަށް ސަރުކާރުން އަމަލުކުރާ ތަން،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ދަންވަރު ކޯޓުތަކުން ނިކުމެވަޑައިގަންނަވާ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވެ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެނިކޮށް ހުކުމުގައި ގާސިމަށް ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސަން އޮތް ބައި އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފް ކުރުމަކީ އުސޫލްތަކާ އެއްގޮތަށް ކުރާ ކަމެއް ކަމަށް ވެސް ގަބޫލެއް ނުކުރެއްވެ އެވެ.

ގާސިމް ބޭރަށް ފޮނުވުން ލަސްވަނީ މެޑިކަލް ބޯޑުގެ ބައްދަލުވުމެއް ނުބޭއްވިގެން ކަަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަމީރު ވިދާޅުވީ މެޑިކަލް ބޯޑުގެ ކޯރަމް ހަމަކޮށްގެން ބައްދަލުވުމެއް ބާއްވައި، ދެން ހުރި އިޖުރާއަތުތައް ވެސް ފުރިހަމަކޮށްގެން ގާސިމް ފަރުވާ އަށް ފުރުވާ ވާހަކަ ހުކުމުގައި ނެތް ކަމަށެވެ. ފަނޑިޔާރު ހުކުމް ކުރައްވާނީ އެ އިޖުރާއަތުތައް ވެސް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައި ކަމަށާއި ހުކުމުގައި ނެތް ކަމެއް ކުރަންވެގެން ގާސިމް ފަރުވާ އަށް ފޮނުވުން ލަސްކުރާތީ އާއިލާ އިން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ އިޖުރާއަތުތަކެއް ބައިޕާސްކުރައްވާފައި ހުކުމް ކުރައްވާފައި އެ އޮތީ ގާސިމް ވަގުތުން ފަރުވާ އަށް ފޮނުވަން. އެ ހުކުމަށް ސަރުކާރުން ޗެލެންޖު ކުރައްވައި ގާސިމް ފޮނުވުން ލަސްކުރަމުން މިދަނީ. އެހެންވީމަ ގާސިމްގެ ފަރުވާއަށް ހުރަހެއް ނާޅާ ކަމަށް ސަރުކާރުން ބުނާ ބަހާއި އަމަލު ދިމައެއް ނުވޭ،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުކުމަށް ވުރެ ކަރެކްޝަނަލް ސާވިސްގެ އިޖުރާއަތުތައް މަތިކޮށް، ގާސިމްގެ ފަރުވާ އަށް ހުރަސް އެޅޭނެ ގޮތެއް ނޯންނާނެ އެވެ.

ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކުރީ އޭނާގެ ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ވަޑައިގެން ހުންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓުމުންނެވެ. ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ އޭނާގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ގާސިމްގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ.