31 އޯގަސްޓް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިމަތިވެވަޑައިގަތީ އެ ކޯޓަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ނޫން ކަމަށާއި އޭނާގެ ޝަރީއަތް ހިންގިއިރު ޚާއްސަ ހައްގުތަކެއް ދީފައިވާނެ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިމަތިވެވަޑައިގަތީ އެ ކޯޓަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ނޫން ކަމަށާއި އޭނާގެ ޝަރީއަތް ހިންގިއިރު ޚާއްސަ ހައްގުތަކެއް ދީފައިވާނެ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ، ގާސިމް އާލާސްކަންފުޅާ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮއްވައި، އޭނާ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށްލުމަށް މި މަހުގެ 24 ގައި ކުރި ހުކުމާ ގުޅިގެން އެ ކޯޓުން ނެރުނު މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ބުނީ، ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން އެންމެ ތަނަވަސްމިނުގައި ދޭން ޖެހޭ ފުރުސަތުތައް ޝަރީއަތުން ދީފައިވާނެ ކަމަށެވެ.
އެގޮތުން ޝަރީއަތުގެ މަޖިލީހުގައި އިށީނދެވަޑައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތު ގާސިމަށް ދެއްވި ކަމަށް ހުލާސާ ރިޕޯޓުގައި ބުނެފައިވެ އެވެ. ޝަރީއަތުގެ މަޖިލިސްތަކުގައި ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ މީހާއަށް ވާހަކަ ދައްކަން ފަނޑިޔާރަކު ފުރުސަތު ދެއްވުމުން ކޮޅަށް ތެދުވާން ޖެހެ އެވެ.
ގާސިމް އިބްރާހިމް. އޭނާ މިވަގުތު އޮންނެވީ އައިޖީއެމްއެޗްގައި. - ފޮޓޯ: މިހާރު
ހަމައެއާއެކު، ޝަރީއަތުގެ މަޖިލިސްތަކުގައި ގާސިމްގެ ސެކިއުރިޓީންނަށް ތިބުމުގެ ފުރުސަތު ދިނުން ފަދަ ކަންކަން މަގުފަހިކޮށްދީފައިވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
ރިޕޯޓުގައި ބުނި ގޮތުގައި ގާސިމް ޝަރީއަތަށް ހާޒިރުވުމަށް ޗިޓު ފޮނުވާ ދުވަސްތަކާ ގުޅުވައިގެން ހޮސްޕިޓަލްގައި އެޑްމިޓްވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި ކޯޓަށް ހާޒިރުވުމަށް ފަހު، ބަލި ހާލަތު ބަޔާން ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކާއި ކޯޓުގެ އަޑުއެހުން ނިމުމުން މީޑިއާއާ ވާހަކަ ދައްކާ ގޮތުގައި ބޭރު ފުށުން ފެންނަން ހުރި ތަފާތުތައް ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުގައި ވެ އެވެ.
"ގާސިމްގެ ބަލި ހާލަތު ބަޔާން ކުރުމުގެ ގޮތުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ރާއްޖެ އިން ބޭރުން ޓެސްޓުތަކެއް ހެދުން ފިޔަވައި، އިތުރު ފަރުވާއެއް ހޯދުމަށް އެއްވެސް ޑޮކްޓަރަކު ލަފާ ދީފައިވާ ލިޔުމެއް ނެތް،" ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ގާސިމް އެޑްމިޓްކުރި ކޮންމެ ފަހަރަކު ވެސް ސިއްހީ ފުރިހަމަ ފަރުވާ ހޯދައި ކޯޓަށް ހާޒިރުވެވޭނެ މިންވަރަށް ރިކަވާ ވާވެފައިވާކަން އެނގޭ ކަމަށް ވެސް އޭގައިވެ އެވެ.
"ގާސިމްގެ ގައިގައި ހުރި ބައްޔެއް ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާ ދީފައިވާ ކަމާއި ނަމަވެސް އެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއްކަން ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތް،" ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ގާސިމްގެ ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިދޭ ހައްގުތައް ފުރިހަމައަށް ދީ، އެ ގާނޫނުގައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
މި މަހުގެ 24 ގައި ބޭއްވި ގާސިމްގެ ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ރޫމުގެ ތެރެއަށް ވެއްޓުމާއެކު، އެ ދުވަހުން ފެށިގެން ގާސިމް ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.
ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ގާސިމަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް ގާސިމް ބޭސްފަރުވާ އަށް ފުރުމުގެ ހުއްދަ ސަރުކާރުން މިހާތަނަށް ދީފައެއް ނުވެ އެވެ. ކޯޓު އަމުރުގެ ކުރިން ވެސް ގާސިމް ބޭސްފަރުވާ އަށް ބޭރަށް ވަޑައިގަތުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ސަރުކާރުން އެކަމަށް އިޖާބައެއް ނުދިނެވެ. އަދި ގާސިމްގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ އޭނާ ބޭސްފަރުވާ އަށް ފޮނުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ކުރި އަމުރަށް ފަހު ޖެހިގެން އައި ދުވަހު އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނުމަށް ފަހު، ގާސިމްގެ ހުކުމުގައި ހިމެނޭ، ބޭސްފަރުވާ އަށް އޭނާ ފޮނުވުމުގެ ބައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެންމެ ފަހުން އޭނާ ގޭބަންދަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ނިންމައިފަ އެވެ.
ގާސިމާ މެދު އަމަލުކުރަނީ ހެޔޮ ނިޔަތަކު ނޫން: ޖޭޕީ
ގާސިމް ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި
ގާސިމް މަރަށް ތެޅެނީ، މުއައްސަސާތައް ބަލަހައްޓައިގެން!
ކަރެކްޝަންސް އިން ގާސިމާ ހަވާލުވެއްޖެ
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި: ވަކީލުން
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ގެއަށް ދޫކުރެވޭ ވަރަށް ވުރެ ގާސިމް ސީރިއަސް: ސަމީރު
ރައީސްގެ މަންދޫބެއްގެ ގޮތުން އަޒްލީން، ގާސިމް އަރިހަށް