31 އޯގަސްޓް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މެދު ސަރުކާރުން އަމަލު ކުރަނީ ހެޔޮ ނިޔަތެއްގައެއް ނޫން ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މެދު ސަރުކާރުން އަމަލު ކުރަނީ ހެޔޮ ނިޔަތެއްގައެއް ނޫން ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ، ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް މި މަހުގެ 24 ގައި އައިސްފައިވާ ގާސިމް މިވަގުތު އޮންނެވީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން އައިޖީއެމްއެޗުގަ އެވެ. އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ހުކުމް ކުރިއިރު ވެސް އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.
ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ކަރެކްޝަނަލް ސާވިސް އިން ވަނީ އޭނާ ގޭބަންދަށް ބަދަލު ކުރަން ރޭ ނިންމައިފަ އެވެ. އެކަމަކު އާލާސްކަންފުޅު ރަނގަޅު ނުވާތީ، ގާސިމް އަދިވެސް އޮންނެވީ ހޮސްޕިޓަލުގަ އެވެ.
މިކަމާ ގުޅިގެން ސަމީރު "މިހާރު" އަށް ވިދާޅުވީ ގާސިމް ގޭބަންދަށް ބަދަލު ކުރަން ނިންމުމާއެކު، އަސާސީ ބައެއް ޚިދުމަތްތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ގާސިމްގެ އަރިހުގައި އޭނާގެ ސެކިއުރިޓީންނަށް ތިބެވޭ ގޮތް ހަމަޖެހުމާއި އާއިލާގެ މެމްބަރުންނަށް ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވާ ކަން ސަމީރު ފާހަގަކުރެއްވި އެވެ.
ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ގާސިމްގެ އާއިލާ އާއި ޖުމްހޫރީ ޕާޓީގެ ކަންބޮޑުވުމަކީ ގާސިމަށް އެކަށީގެންވާ ބޭސްފަރުވާއެއް ނުލިބި އައިޖީއެމްއެޗުގައި އޮންނަވަން ޖެހުމެވެ. އަދި ރާއްޖޭން ބޭރަށް ވަޑައިނުގެންނެވި ލަސްވާތީ އޭނާ އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ރާއްޖޭން ބޭރުން ޓެސްޓްތައް ހަދައި، ސާޖަރީއެއް ހަދައިގެން ނޫނީ ގާސިމަށް ސިއްހީ ފަރުވާއެއް ލިބެން ނެތް. އެކަމަކު އެކަމަށް އަދިވެސް ފުރުސަތެއް ނުދެއްވާ،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތަބާވެ، ގާސިމް ރާއްޖޭން ބޭރުން ފުރާވަޑައިގެންނެވޭ ގޮތް ވީހާވެސް އަވަހަކަށް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ. އަދި ގާސިމް ބޭރަށް ފުރުވާލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އާއިލާގެ ފަރާތުން ފުރިހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ސަރުކާރުން އަމަލު ކުރަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އެއްބަޔަށް ކަމަށެވެ. އެއީ އޭނާ ފާހަގަކުރެއްވި ގޮތުގައި ކަރެކްޝަންސް އިން ގާސިމާ ހަވާލުވުމެވެ. އެކަމަކު، ހުކުމުގެ ބާކީ އޮތް ބައި ތަންފީޒު ނުކޮށްގެން އުޅެނީ ކޮން ސަބަބަކާ ހުރެ ކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ގާސިމަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. ގާސިމްގެ ހުކުމުގައި ހިމެނޭ، ބޭސްފަރުވާ އަށް އޭނާ ފޮނުވުމުގެ ބައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ނަމަވެސް ސަމީރު ވިދާޅުވީ ހުކުމުގެ ބައެއް އިސްތިއުނާފް ކުރުމަކީ ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވުން މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އިދިކޮޅު ހަރަކާތުގެ ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ޖެހީ ވެސް ގާސިމް ބަލި ހާލަތުގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ގާސިމްގެ އަރިހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ އައިޖީއެމްއެޗަށް ވަޑައިގަތުމަށް ފަހު، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު "މިހާރު" އަށް ވިދާޅުވެފައި ވަނީ "ގާސިމް ބޭރަށް ފޮނުވުމާ ގުޅޭ ވަރަށް ގިނަ ކަންކަން މިހާރު ފުރިހަމަ ވެއްޖެ" ކަމަށެވެ.
ގާސިމް ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި
ގެއަށް ދޫކުރެވޭ ވަރަށް ވުރެ ގާސިމް ސީރިއަސް: ސަމީރު
ގާސިމަށް ކުރިމަތިވީ ހާޒިރުނުވެވޭ ބައްޔެއް ނޫން: ކޯޓު
ގާސިމް މަރަށް ތެޅެނީ، މުއައްސަސާތައް ބަލަހައްޓައިގެން!
ކަރެކްޝަންސް އިން ގާސިމާ ހަވާލުވެއްޖެ
އަބްދުއްރަހީމްގެ އަބުރެއް ނެތް: ސަމީރު
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި: ވަކީލުން
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި