Roadha Mihaaru
ކުޅެން ފުރުސަތެއް ނެތް، ބަކާ ކުޅިބަލަން!

ކުޅެން ފުރުސަތެއް ނެތް، ބަކާ ކުޅިބަލަން!

06 ސެޕްޓެމްބަރ 2017

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު އިންޑޮނީޝިއާ އިން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖެހި ފަހުން އޭޝިއާގެ މެދު ފަންތީގެ ގައުމެއް ރާއްޖެ އަތުން އެންމެ ތަފާތު ބޮޑުކޮށް މޮޅުވީ އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އޮމާނުން 5-0 އިންނެވެ. ރާއްޖޭން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު މިވަރަށް ލަނޑު ވަންނާނީ މެދުތެރޭގެ ދައުރު ވެސް އެންމެ ރަނގަޅަށް އަދާނުކުރެވިގެން ކަމަށް ގަބޫލުކުރެވެ އެވެ. އެހެންވެ ގިނަ ބަޔަކު އެންމެ ބޮޑަށް ސުވާލު އުފައްދަނީ އެފަދަ ދިފާއީ ރޭވުމެއް ކޯޗު ރޭވިއިރު ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ޑިފެންސިވް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ފުރުސަތު ނުދިނީ ކީއްވެކަމާ މެދު އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ ޓީމަށް ކުޅުންތެރިން ނަގާއިރު ބައެއް ފަހަރު އެ ކޯޗެއްގެ ސްޓައިލަށް ފެތޭ ކުޅުންތެރިންނަށް އިސްކަންދެ އެވެ. މާނައަކީ އެ ވަގުތު އެންމެ ރަނގަޅު ފޯމުގައި ނެތަސް، އެ މެޗެއްގައި ކޯޗު ކުޅުވާ ސްޓައިލަށް ފެތޭ ނަމަ ފުރުސަތު ދީފާނެ އެވެ. އެކަމަކު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް މެޗުގެ ކުރިން ބުނީ "ސްކޮޑަށް ކުޅުންތެރިން ނަގާއިރު އެ ވަގުތަކު އެ ކުޅުންތެރިއަކު ދައްކަމުން އަންނަ ކުޅުން ނޫން އެއްވެސް ކަމަކަށް ނުބަލާނެ" ކަމަށެވެ. އެހެންކަމުން ކޯޗުގެ ސިލެކްޝަނާ މެދު ސުވާލު އުފެއްދޭނެ ޖާގަ އެބައޮތެވެ.

ބަކާ އަކީ އިދިކޮޅު ޓީމުގެ މެދުތެރޭގެ ބޯލްޓްތައް ނައްޓާލައި، ކުޅުންގަނޑު ރޫޅާލަން މި ސަރަހައްދުގައި ވެސް ނެތް ފަދަ ކުޅުންތެރިއެއްގެ ގޮތުގައި ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. އީރާން ފަދަ ޓީމުތަކާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އިސްކޮޅާއި، ފިޒީކަށް ބަލާއިރު ވެސް އޭނާ އަކީ އޭޝިއާގެ ވަރުގަދަ ޓީމުތަކާ ރަނގަޅު ފައިޓެއް ދެވޭނެ ކުޅުންތެރިއެކެވެ. އެއީ މާޒީ ކަމަށް ބަލަމާ ހިނގާށެވެ.

މި ސީޒަނުގައި ދައްކާ ކުޅުމަށް އެކަނި ބެލިޔަސް ބަކާ އަށް ފުރުސަތު ހައްގު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މި ސީޒަނުގައި އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުގައި ބަކާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަށް ބަދަލުވެ އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރުކޮށް ރަނގަޅު ކުޅުމެއް އަންނަނީ ދައްކަމުންނެވެ.

ބަކާ އަކީ ބޮކްސް-ޓު-ބޮކްސް މިޑްފީލްޑަރެއް ނޫނެވެ. އެކަމަކު އޭނާއާ އެކު ހަރަކާތްތެރި ދެ މިޑްފީލްޑަރަކު ތިބެއްޖެ ނަމަ އެ ދެ ކުޅުންތެރިންނަށް ކުރިއަށް އަރައި ފަހަތަށް ޖެހެން ބަކާގެ ސަބަބުން ފުރުސަތު ލިބޭނެ އެވެ. އޭނާ އަކީ ޑިފެންސް ލައިން ކުރިމަތިން، އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވައި އަދި ޕްރެޝަރު ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅުތަނަށް ޕާސް ޖަހާ ކުޅުންތެރިއެކެވެ. އެހެންވެ އޮމާނާ ދެކޮޅަށް ޑިފެންސިވް ގޭމެއް ރޭވިއިރު ބަކާ ފަދަ ތަޖުރިބާކާރު މިޑްފީލްޑަރަކު، އަކްރަމް އަބްދުލްގަނީ އާއި އަސްހަދު އަލީ (އަޑުބަރޭ) ނުވަތަ މުހައްމަދު އުމެއިރާ އެކު އެރުވި ނަމަ ތަފާތު ފެނުނީސް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ވިކްޓަރީގައި ބަކާ އަށް ކޯޗުކޮށްދިން އަލީ ސުޒޭން ބުނި ގޮތުގައި އޭނާގެ ހިތުގައި އުފެދިވާ ހަމައެކަނި ސުވާލަކީ "ބަކާ ގައުމީ ޓީމަށް ނުނެގީ ކީއްވެތޯ؟" ކަމަށެވެ.

"އޭގެ އެކްސްޕްލެނޭޝަނެއް ދެވިދާނެތޯ؟ ސްކޯއެއް ވެސް ނޫން ސުވާލަކީ. މި ލެވެލުގައި ރާއްޖެ ކުޅުނު އިރު، މާލޭ ލީގުގައި އެންމެ މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑް ކުޅުންތެރިއާ ނުނެގީ ކީއްވެތޯ އެއީ ހަމައެކަނި ސުވާލު. އަޅުގަނޑުގެ ހަމައެކަނި ސުވާލަކީ ބަކާ އަށް ފުރުސަތު ނުދިނީ ކީއްވެތޯ؟ އޭގެ ޖަވާބު ލިބުމުން ދެން އެނގޭނެ ވީގޮތެއް،" ސުޒޭން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުން މިދިޔަ އަހަރު ކުޅުނު ހާއްސަ މެޗުގެ ޕްރެކްޓިހުގައި ބަކާ (މ) ބައިވެރިވަނީ: ހުނަރުވެރި މި ކުޅުންތެރިއާ އަށް ގައުމީ ޓީމުން އެންމެ ފަހުން ފުރުސަތު ލިބުނީ ދައްކާލުމުގެ މެޗަކުން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ބަކާގެ ކުޅުން ދަށްވި ދުވަސްކޮޅެއް ވެސް ދިޔަ އެވެ. އެކަމަކު ޔަގީނުން ވެސް މި އަހަރު އޭނާ ތަފާތެވެ. އެ ތަފާތާއި އޭނާގެ ތަޖުރިބާ ގައުމީ ޓީމުގައި ބޭނުންކުރެވިއްޖެ ނަމަ އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހާއްސަކޮށް އޮމާނާއި ފަލަސްތީން ފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ހާއްސަކޮށް ރާއްޖެ ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އެ ވަރަށް ޑިފެންސަށް އިސްކަންދީގެން ކުޅުނުއިރު އެވަރަށް ގޯލް ވަނުމަކީ ސުވާލެކެވެ. ގޯލްކީޕަރު މުހައްމަދު ފައިސަލަށް ގޯސްތަކެއް ހެދުނެވެ. އެކަމަކު ޑިފެންސާ ހަމައަށް ގިނަ ބޯޅަތަކެއް އަންނާނީ މެދުތެރެއިން ފުރޭނިގެންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އަކްރަމް ބޭލުމަށް ފަހު ކޯޗު އެރުވީ ޑިފެންޑަރެކެވެ. ބެންޗުން އަރާ ކުޅެން ވެސް ބަކާ އަށް ފުރުސަތެއް ނެތެވެ. ގައުމީ ޓީމުގެ މިހާރުގެ ފެންވަރާއި މި ކުޅުންތެރިން މި ސީޒަނުގައި ކުޅެފައިވާ ފެންވަރާއި ވާދަކުރަން ޖެހޭ ޓީމުތަކުގެ ފެންވަރަށް ބަލާއިރު ޔަގީނުން ވެސް ބަކާ އަށް މުހިއްމު ދައުރެއް އަދާކުރެވޭނެ އެވެ.

ބަކާ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެން ފެށީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު އޭރުގެ ކޯޗު ރިކީ ހާބަޓަށް ފާޑުކީ ފަހުންނެވެ. މިހާރު ފުރުސަތު ނުލިބުމާ އެކަމާ ގުޅުމެއް އޮތް ކަމެއް ނޭގެ އެވެ.

ބަކާ ބުނީ އޭނާ އަށް ފުރުސަތު ނުލިބެނީ އެވަރަށް ނުކުޅެވޭތީ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޓީމަށް ނަގާ ވަރުގެ ކުޅުމެއް ނުދެއްކެނީ ކަމަށް. އެވަރަށް ކުޅޭ ނަމަ ނަގާނެ ކަމަށް ދެކެނީ،" އުމުރުން 31 އަހަރުގެ ބަކާ ބުންޏެވެ.

ގޮތް ނޭގޭ ގޮތަކަށް ރިލްވާން ވަހީދު (ރިލޭ) އަށް ވެސް ގައުމީ ޓީމުން ފުރުސަތު ނުލިބި ދިޔަ އެވެ. އެކަމަކު މި ފަހަރު އޭނާ އަށް ޖާގަ ދިނެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ހުނަރުވެރި ވިންގާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ސީޒަނުގެ ކުރީކޮޅު ފުރުސަތު ދިނެވެ. އެކަމަކު ރަނގަޅަށް ހޭނި، ކުރިއަށް ވުރެ މޮޅަށް ކުޅެން ފެށި ފަހުން ފުރުސަތެއް ނުލިބެ އެވެ.