Roadha Mihaaru
ސާފް ސުޒުކީ ކަޕާ މެދު ބަކާ އުއްމީދުގައި

ސާފް ސުޒުކީ ކަޕާ މެދު ބަކާ އުއްމީދުގައި

16 އޯގަސްޓް 2018

މި ފަހަރުގެ ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި ފަހަރުގެ ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ފަހުން މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އެ ފަހަރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބަކާ ހުރި ނަމަވެސް މިހާރު އޭނާ އަކީ ޓީމުގެ ކުޅުންތެރިއެކެވެ. ބަކާގެ މޮޅު ކުޅުމާ އެކު ރާއްޖޭން 2009 ގެ ފައިނަލުގައި އަދި 2011 އާއި 2013 ގެ ސެމީގައި ކުޅެ ބަލިވީ އެވެ. މި އަހަރާ މެދު އޭނާ ހުރީ ވަރަށް ބޮޑު އިތުބާރެއްގަ އެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ހިތްހަމަ ޖެހޭ ވަރުގެ ނަތީޖާއެއް ނެރެވޭނެކަމަށް ވަރަށް އުއްމީދުކުރަން މި ފަހަރު،" ބަކާ ބުންޏެވެ.

މި މަހު ހަ ވަނަ ދުވަހުން ފެށިގެން ގައުމީ ޓީމުން އަންނަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. އަންނަ މަހު 4-15 އަށް ބަންގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕަށް ފަރިތަކުރުމުގެ ގޮތުން ގައުމީ ޓީމު ވަނީ އަންގާރަ ދުވަހުގެރޭ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބް އަތުން 4-3 އިން މޮޅުވެފަ އެވެ.

އަލް-މަރްޚިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ބަކާ އެވެ. ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަނިޔާގައި ހުރުމުން ބަކާއާ ޓީމު ލީޑުކުރުމުގެ ޒިންމާ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ހަވާލުކުރިއިރު، މީގެ ކުރިން އޭނާ ވަނީ ބަކާ އަކީ އޭނާ ވަރަށް އިތުބާރުކުރާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. ބަކާ ވަނީ އެ މެޗުގައި ލަނޑު ވެސް ޖަހައިފަ އެވެ.

މި މޮޅު ލިބުނީމަ މާތްﷲ އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ކުޅުންތެރިން މި ކުރި މަސައްކަތަކީ ކޯޗު ވެސް ހުރިހާ އެންމެން ވެސް ބަލައިގަންނާނެ މަސައްކަތެއް ކަމަށް ހީކުރަން." އަލް-މަރްޚިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ބަކާ ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕަށް ދިޔަ ފަހުން ގައުމީ ޓީމުން އަންނަނީ ދެ އިރު ޕްރެކްޓިސް ކުރަމުންނެވެ. ކޯޗު ސެގާޓް ވެސް ވަނީ އެހާ ގާތްގާތުގައި ޕްރެކްޓިސްކޮށްފައި ކުޅުނު މެޗަކާ ބަލާ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ބުނެފަ އެވެ. ކޯޗު ސެގާޓްގެ ވާހަކަތަކޭ އެއްގޮތަށް ބަކާ ވެސް ވަނީ ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެނުނު ކަން ފާހަގަކޮށްފަ އެވެެ.

"އަސްލު ވަރަށް ވަރުބަލިކޮށް ހުރިހާ ކުޅުންތެރިން ވެސް ތިބީ. އެއީ ދެ އިރު ޕްރެކްޓިސްކޮށްފައި މި ވަރުގެ ވަރުގަދަ ޓީމަކާ އެކު ކުޅެލާއިރު މި ނަތީޖާ ހަމަ ބަލައިގަންނަން ޖެހޭ. ވަރަށް ހިތްހަމަ ޖެހޭ މި ނަތީޖާއާ މެދު. ކޮންމެސް ވަރަކަށް ކޯޗުގެ ޕްލޭނާ އެއްގޮތަށް ކޮންމެސް ހިސާބަކުން ދިޔަ ކަންނޭނގެ. ވަރުބަލިކަން ވެސް އިހުސާސްކުރެވޭ،" ބަކާ ބުންޏެވެ.

އުމުރުން 33 އަހަރުގެ ބަކާ އަށް މި އަހަރު އަލުން ގައުމީ ޓީމުން ފުރުސަތު ލިބުނީ ދެ އަހަރު ފަހުންނެވެ. ބަކާ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ 2016 ވަނަ އަހަރު އޭރު ގައުމީ ކޯޗަކަށްހުރި ނިއު ޒީލެންޑުގެ ރިކީ ހާބަޓްގެ ކޯޗުކަމުގައި ޖެހިޖެހިގެން ތިން މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ކެޓުމުން، އެކަމަށް ބަކާ ފާޑުކިޔުމާ ގުޅިގެންނެވެ. ބަކާ އޭރު ބުނީ އާ ކުޅުންތެރިންނަށް ފުރުސަތުދެނީ ކަމަށް ބުނެ ހާބަޓްގެ ކޯޗުކަމުގައި ނަތީޖާ ނުނެރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓީމަށް އެނބުރި އައިސް ބަކާ ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ މާޗް މަހު ބޫޓާން އަތުން ރާއްޖެ 7-0 އިން މޮޅުވި މެޗުގަ އެވެ. އަލުން ޓީމަށް އައިސް ބަކާ އެ މެޗުގައި ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ.