Roadha Mihaaru
ލަންކާގެ ސަފީރަކަށް މުންދު އައްޔަން ކުރައްވައިފި

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރައްވައިފި

06 ސެޕްޓެމްބަރ 2017

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު އައްޔަން ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު އައްޔަން ކުރައްވައިފި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ރުހުން ދެއްވި މުންދު އަށް މަގާމުގެ ފަތްކޮޅު ރައީސް ޔާމީން ދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މުންދު އޮގަސްޓް 2016 އިން ފެށިގެން މިހާތަނަށް ހުންނެވީ ޖަޕާންގެ ސަފީރަކަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނަވައި، އެ ސަރުކާރު ދިފާއު ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް އޭރު ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.

މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރައްވަން ރައީސް ޔާމީން ނިންމެވިއިރު، އިދިކޮޅު ހަރަކާތްތައް އެ ގައުމުގައި ވަނީ ވަރުގަދަކޮށްފަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އެއް ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ލަންކާގައި އުޅުއްވާއިރު، އިދިކޮޅު ހަރަކާތުގެ މުހިންމު ބައްދަލުވުންތައް ވެސް ދޭތެރެދޭތެރެއިން އެ ގައުމުގައި އަންނަނީ ބާއްވަމުންނެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މިދިޔަ ތިން އަހަރެއްހާ ދުވަހު ހުންނެވީ ޒާހިޔާ ޒަރީރެވެ.