Roadha Mihaaru
އިއުލާން ނުކޮށް ރަށްތައް ދޫކުރަން ފާސްކޮށްފި

އިއުލާން ނުކޮށް ރަށްތައް ދޫކުރަން ފާސްކޮށްފި

29 ޖޫން 2016

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ދުވާލަކަށް ތިން ޑޮލަރު ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ދުވާލަކަށް ތިން ޑޮލަރު ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި އިސްލާހު ފާސްކުރީ ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވި ކަމަށް ބުނެ، މަޖިލީހުގެ ވަގުތު އިތުރު ކުރަން މެމްބަރުން އަތް މައްޗަށް ނަގައިގެންނެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވީ ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާނުވާ ކަމަށެވެ. އަދި މަޖިލީހުގެ ވަގުތު އިތުރުކުރީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ އަދަދު ހަމަނުވެގެން ކަމަށް ވެސް އެ މެމްބަރުން ތުހުމަތުކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އަތް މައްޗަށް ނަގައިގެން މަޖިލީހުގެ ވަގުތު އިތުރު ކުރަން ވޯޓު ދެނީ.--ފޮޓޯ:އިމްތިޔާޒު ފަހުމީ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އަތް މައްޗަށް ނަގައިގެން މަޖިލީހުގެ ވަގުތު އިތުރު ކުރަން ވޯޓު ދެނީ.--ފޮޓޯ:އިމްތިޔާޒު ފަހުމީ

ޓޫރިޒަމް ގާނޫނަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓުދެއްވި އެވެ.

އެމްޑީޕީން ވަނީ މި ގާނޫނަށް ހަ އިސްލާހެއް ހުށަހަޅައިފަ އެވެ. އެ އި އިސްލާހުތަކުގެ ތެރޭގައި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގުން ހަމަސް ދުވަހަށް ފަސް ކުރުމަށާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ހޭދަކުރާ ކޮންމެ ރެއަކަށް ދެ ޕަސެންޓާއި 0.5 ޕަސެންޓު ގްރީން ޓެކްސް ނަގަން ވެސް އިސްލާހު ހުށަހެޅި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު. ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ނިހާނު. - ފޮޓޯ: މަޖިލިސް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު. ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ނިހާނު. - ފޮޓޯ: މަޖިލިސް

ހަމައެއާއެކު އިއުލާނަކާ ނުލައި ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާއެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުން ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދެވޭނެ ކަމަށް ބުނާ އިސްލާހާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ކުއްޔަށް ދޫކުރުމުގައި އަމަލު ކުރަންވާނީ ޓޫރިޒަމް ގާނޫނަށް ކަމަށް ބުނާ އިސްލާހު އުނި ކުރަން ވެސް ހުށަހެޅި އެވެ.

މީގެ އިތުރުން ގެސްޓްހައުސްތަކުން ނަގާ ގްރީން ޓެކްސް ހަރަދު ކުރަންވާނީ އެ ރަށެއްގެ ތިމާވެއްޓާ ރައްޓެހި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ބުނެ އެމްޑީޕީން އިސްލާހު ހުށަހެޅި އެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހެއް މަޖިލީހުން މިއަދު ފާސްކޮށްފައެއް ނުވެ އެވެ. ފާސްވި ހަމައެކަނި އިސްލާހަކީ ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގައި ގްރީން ޓެކްސް ތިން ޑޮލަރަށް ކުޑަކުރުމަށެވެ.

ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވުމުން އިއުލާންކޮށްގެންނާއި ނުކޮށް ވެސް ރަށް ނުވަތަ ބިން ނުވަތަ ފަޅެއް ކުއްޔަށް ދެވިދާނެ އެވެ. އިއުލާން ނުކޮށް ތަނެއް ދެވޭނީ ހިންގަން ބޭނުންވާ މަޝްރޫއުގެ ތަފްސީލާއެކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ހަދައި ގަވާއިދެއްގެ ދަށުންނެވެ. މި ގާނޫނުގައި މީގެ ކުރިން އޮތް "އިއުލާނަކާއި ނުލައި" މި ދެ ބަސް މިހާރު ވަނީ އުނިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން. ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން. ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން. - ފޮޓޯ: މަޖިލިސް

އިސްލާހުގައިވާ ގޮތުން ތަންތަން ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައި އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމުންނެވެ.

މީގެ ކުރިން އިގްތިސާދީ ކޮމެޓީން ވަނީ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރުގެ ބަދަލުގައި ހަތަރު ޑޮލަރު ނެގުމަށް ފާސްކޮށްފަ އެވެ. އެކަމަކު މަޖިލީހަށް ހުށަހެޅުއްވީ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރު ނެގުމަށެވެ. އަދި އެންމެ ފަހުން މަޖިލީހުން ފާސްވީ ޓޫރިސްޓުންގެ އަތުން ތިން ޑޮލަރު ނެގުމަށެވެ.

މި އިސްލާހުގައިވާ ގޮތުން ޓޫރިޒަމާ ބެހޭ ކަންކަމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިން ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ހުޅުވާލައި، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ދައްކަން ޖެހޭ ފީ ދެއްކުމަށް އާ މުއްދަތެއް ކަނޑައެޅޭނެ އެވެ. އަދި ޓޫރިޒަމާ ބެހޭ ކަންކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީއެއް ނަގާނެ އެވެ.

ހަމައެއާއެކު ޓޫރިޒަމްގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މުޅި މަޖިލީހުގެ ރިޕޯޓަށް ބަހުސް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ބިޑްނުކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ތަންތަން ދޫކުރުމުން، އެ ކުންފުނިން ހިންގި ކޮރަޕްޝަންގެ ބޮޑެތި ޖަރީމާ ސާފުވާ ކަމަށެވެ. އަދި މިފަދަ ތަޖުރިބާތަކުގެ ބޭނުންކޮށްގެން ކަންކަން އިސްލާހު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް އޮތުމުން ދައުލަތަށް ލިބޭ އާމްދަނީ އެންމެ ރަނގަޅު ގޮތުގައި ނުލިބޭނެ ކަމަށެވެ. ނަމަވެސް ދައުލަތަށް އާމްދަނީ އިތުރު ކުރަން ޓެކްސް ނަގަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން. - ފޮޓޯ: މަޖިލިސް

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ގެސްޓްހައުސްތަކުން ޓެކްސް ނަގަން ވާނީ ނިސްބަތަށް ބަލައިގެން ކަމަށާއި އެހެންވެ ގްރީން ޓެކްސް ނަގަން ވެސް ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލު ވިދާޅުވީ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރުގެ ބަދަލުގައި ތިން ޑޮލަރު ނަގަން ނިންމީ އެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ޝަކުވާތައް އަޑުއެހުމަށްފަހު ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

ހަލީލު ވިދާޅުވި ގޮތުގައި ތަންތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޓޫރިޒަމް މިނިސްޓްރީއަށް ދިއުމުގެ ބަދަލުގައި މިހާރު ދާނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. އަދި އެކަން ކުރެވޭނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅައި ފާސްކޮށްފައި މިވަނީ ފަތުރުވެރިކަމާ ގުޅުން ހުރި އިދާރާތަކުންނާއި ސިޔާސީ ބައެއް ބޭފުޅުންގެ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވުމަށް ގޮވާލައްވައިފަ އެވެ.