Roadha Mihaaru
ހަތަރު މެމްބަރުންގެ މައްސަލަ މާދަމާ ނިންމަނީ

ހަތަރު މެމްބަރުންގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުން ނިންމަނީ

07 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ މައްސަލަ މާދަމާ ނިންމުމަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ މައްސަލަ މާދަމާ ނިންމުމަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ހަތަރު މެމްބަރެކެވެ. އެއީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ. މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަނީ އެ ހަތަރު ބޭފުޅުންގެ މައްސަލަ އެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ ހަތަރު ބޭފުޅުންގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި އެ ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެ މައްސަލަ މާދަމާ އަށް ތާވަލްކޮށް، މެމްބަރުންނަށް ޗިޓް ފޮނުވާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. މާދަމާ އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށް ބެލެވެ އެވެ.

އެ ހަތަރު ބޭފުޅުންގެ އިތުރުން އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެ މައްސަލަތައް އޮތީ އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަދި ނުފަށަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލްކޮށް، އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް އަންގައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ފަހުން ވަނީ އަމުރެއް ނެރެ، ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށްފަ އެވެ.