19 މެއި 2016
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ ކާކުކަން ހޯދިފައިވާ ކަމަށާއި ނާޒިމްގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓަށް އެ މީހާ ހާޒިރުކުރަން އެދޭނެ ކަމަށް ނާޒިމްގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ ކާކުކަން ހޯދިފައިވާ ކަމަށާއި ނާޒިމްގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓަށް އެ މީހާ ހާޒިރުކުރަން އެދޭނެ ކަމަށް ނާޒިމްގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ފަހު ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ އެ ކޮޓަރިއަށް ފިސްތޯލަ ލީ ކާކުކަން ހައި ކޯޓުން ހުކުމްކުރި ފަހުން ހޯދިފައިވާ ކަމަށެވެ. އެހެންވެ އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކޮށްދޭން އެދޭނެ ކަމަށާއި އެކަމަށް ބާރު ދޭނެ އެހެން ހެކިން ވެސް ހާޒިރުކުރަން އެދޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އާންމު އުސޫލަކީ ދަށު މަރުހަލާގައި ހުށަހަޅާފައި ނެތް ހެއްކެއް އިސްތިއުނާފް މަރުހަލާއަށް ހުށަހެޅުމުގެ ފުރުސަތު ނެތުން ކަމަށް ވިޔަސް މި މައްސަލައިގެ ބާވަތަށް ބަލައި، ފިސްތޯލަ ބޭއްވި މީހާ އާއި އަލަށް ހުށަހަޅާ ހެކިން ވެސް ހާޒިރުކޮށްދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އާންމު އުސޫލަކީ އެއީ. އެކަމަކު ސުޕްރީމް ކޯޓުން ވަރަށް ފަހުން އޮވޭ އު އުސޫލު ބަދަލުކޮށްފައި. އެހެންވެ މި މައްސަލައިގެ ބާވަތުން އަދުލު އިންސާފު ގާއިމްކުރަން ކޮންމެހެން ބޭނުންތެރި ކަމަކަށް ވާތީ އަޅުގަނޑުމެން އުއްމީދުކުރަން އެ ފަރާތްތައް ހާޒިރުކޮށްދޭނެ ކަމަށް،" ސުއޫދު ވިދާޅުވި އެވެ.
ދަށު ކޯޓާއި ހައި ކޯޓުން ވެސް ފާހަގަކޮށްފައިވަނީ އެ ފިސްތޯލަ ބޭއްވީ ކާކުކަން ނާޒިމަށް ސާބިތުކޮށް ނުދެވުން ކަމަށްވާއިރު އަލަށް ލިބުނު ހެކިންގެ ބަހުން އެއީ ކާކު ބޭއްވި އެއްޗެއް ކަން އިނގޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ވަރަށް އަވަހަށް ސުޕްރީމް ކޯޓުން ނިންމައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެއީ ދައުލަތުންނާއި ރައީސް އަބްދުﷲ ޔާމީން ވެސް އެގޮތަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވާތީ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފިސްތޯލައަކީ ސިފައިންގެ ބަޑި ގުދަނުގައި ގެންގުޅުނު ހަތިިޔާރެއް ކަމަށް ބެލެވޭ ކަމަށް ސިފައިންގެ ކެޕްޓަން އަލީ އިހުސާން ޝަރީއަތުގައި ބުނެފައިވާއިރު އެކަމަށް ހައި ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށެވެ. އަދި ހައި ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި އިހުސާންގެ ހެކި ބަސް ނެތް ކަމަށާއި އޭނާގެ ބަޔާން ބަލައިލުމުގެ ފުރުސަތު ފިޔަވައި، އެ ހެކިބަހުގެ މުހިންމު ކަންކަން ނޯޓުކޮށްލުމުގެ ފުރުސަތު ވެސް ހައި ކޯޓުން ނުދިން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އޭގެ އިތުރުން ވެސް އެ ޝަރީއަތާ ގުޅޭ އިޖުރާއީ އެތައް މައްސަލައެއް ފާހަގަކޮށްފައިވާނެ ކަމަށާއި ސުޕްރީމް ކޯޓުން އެކަން ކަމަށް ބަލައި، ނާޒިމަށް އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
ފިސްތޯލަ ބޭއްވި މީހާގެ ވާހަކައަކީ ދޮގެއް: ދައުލަތް
ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ކިޔާ މީހެއް
ނާޒިމްގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ނާޒިމްގެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
ދެ ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް