Roadha Mihaaru
"އިސްލާހަށް އެދުމުން ފިޔަވަޅު އެޅުމަކީ ބޭއިންސާފެއް"

އިސްލާހަށް އެދުނު މީހުންނަށް ފިޔަވަޅު އެޅުމަކީ ބޭއިންސާފެއް: ވަކީލުން

11 ސެޕްޓެމްބަރ 2017

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި އިންތިހާ އަށް ކަންބޮޑުވާ މައްސަލަތައް ހައްލުކޮށްދޭން އެދުމުން އެކަން އިސްލާހުކޮށްނުދީ، ފިޔަވަޅު އެޅުމަކީ ބޭއިންސާފެއް ކަމަށް ސަސްޕެންޑް ކުރި ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި އިންތިހާ އަށް ކަންބޮޑުވާ މައްސަލަތައް ހައްލުކޮށްދޭން އެދުމުން އެކަން އިސްލާހުކޮށްނުދީ، ފިޔަވަޅު އެޅުމަކީ ބޭއިންސާފެއް ކަމަށް ސަސްޕެންޑް ކުރި ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

އަދުލު އިންސާފު ގާއިމް ކުރުމުގައި ދިމާވެފައި ހުރި މައްސަލަތައް ހައްލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ގިނަ އަދަދެއްގެ ވަކީލުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅި އެވެ. އެ ޕެޓިޝަން ބަލައިނުގަނެ، އަނބުރާ ފޮނުވާލާފައިވާ އިރު، އޭގައި ސޮއިކުރި ވަކީލުންގެ ތެރެއިން 54 ވަކީލަކު ވަކި މުއްދަތެއް ނެތް ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން އިއްޔެ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޑީޖޭއޭ އިން ބުނި ގޮތުގައި ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރަން ނިންމީ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދާއި ވަކީލުންގެ އިގުރާރާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާއި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ހިލާފުވުމާ ގުޅިގެންނެވެ.

މި ފިޔަވަޅާ މެދު ކަންބޮޑުވުން ފާޅު ކުރެއްވި ވަކީލުން ވިދާޅުވީ، ސުޕްރީމް ކޯޓުން ބަލައިނުގަތް ލިއުމަކާ ގުޅިގެން އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކާ މެދު އިދާރީ ގޮތުން ފިޔަވަޅު އެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެއާއެކު، އެ ވަކީލުންނަށް ޖަވާބުދާރީވާނެ ފުރުސަތު ނުދީ ފިޔަވަޅު އެޅުމަކީ ވެސް އިޖުރާއަތުތަކާ ޚިލާފުކަމެއް ކަމަށް ވަކީލުން ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެން ގާނޫނާ ޚިލާފު ލިއުމެއްގައި ސޮއެއް ނުކުރަން. ކޯޓުގެ ހުރުމަތެއް ވެސް ނުކަނޑަން. ކޯޓަށް ވަކީލުން ފޮނުވަން އުޅުނު ލިއުމެއް ކޯޓަކަށް ބަލައެއް ވެސް ނުގަނޭ. އެކަމަކު ވެސް މައްސަލަ ތަހުގީގު ކުރަން ވަކި މުއްދަތެއް ނެތް ގޮތަށް ގިނަ އަދަދެއްގެ ވަކީލުން އެއްފަހަރާ ސަސްޕެންޑްކުރުމަކީ ދެރަ ކަމެއް،" ޕެޓިޝަނުގައި ސޮއި ކުރުމުން ސަސްޕެންޑްކޮށްފައިވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

"ޖަވާބުދާރީވާނެ ފުރުސަތު ވަކީލުންނަށް ނުދީ ފިޔަވަޅު އެޅުމަކީ ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މީހެއްގެ ހައްގަކަށް އުނިކަމެއް ލިބޭ ކަމެއްގައި ޖަވާބުދާރީވާނެ ފުރުސަތު ނުދިނުމަކީ ވަރަށް ހަޑިހުތުރު ކަމެއް."

ޕެޓިޝަން ހުށަހަޅަން ވަޑައިގެންނެވި ވަކީލުން ސުޕްރީމް ކޯޓު ކައިރީގައި. -- ފޮޓޯ: އަހްމަދު ޝުރާއު/ އަވަސް

ޕެޓިޝަން ހުށަހަޅަން ވަޑައިގެންނެވި ވަކީލުން ސުޕްރީމް ކޯޓު ކައިރީގައި. -- ފޮޓޯ: އަހްމަދު ޝުރާއު/ އަވަސް

ސްޕެންޑް ކުރި މަޝްހޫރު ވަކީލުންގެ ތެރޭގައި ސުއޫދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އަދި ހިސާން ހުސައިންގެ އިތުރުން ނާޒިމް އަބްދުއްސައްތާރާއި އިބްރާހިމް ރިފްއަތާއި މަހްފޫޒު ސައީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އަބްދުﷲ ހަސީނާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހިމެނިވަޑައިގަންނަވަ އެވެ.

މީގެ ތެރެއިން ގިނަ ވަކީލުންނަކީ ސިޔާސީ ބޮޑެތި ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި، އަދި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މި ސަސްޕެންޝަން ދެމި އޮތްހާ ހިނދަކު މިއިން އެއްވެސް ބޭފުޅަކަށް ކޯޓަށް ވަޑައިގެން ވަކާލާތެއް ނުކުރެއްވޭނެ އެވެ. މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގައި މިހާ ގިނަ ވަކީލުންތަކެއް އެއްފަހަރާ ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.

ހިސާން ވިދާޅުވީ ވަކީލުންތަކެއް ޕެޓިޝަނެއް ހެދީ އަދުލު އިންސާފުގެ ނިޒާމުގައި ހުރި، ވަކީލުން ކަންބޮޑުވާ ކަންކަން އިސްލާހު ކުރަން ކަމަށެވެ. އެ ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި ވަކީލުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުން އޭނާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އިސްލާހުކުރަން ކަންކަން ހުށަހެޅީމާ އެ ކަންކަން ބަލައިވެސް ނުގަނެ، މައްސަލަތައް ފާހަގަކުރި ވަކީލުންނާ މެދު މި ފިޔަވަޅު އެޅީ،" ހިސާން ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ގިނަ އަދަދެއްގެ ވަކީލުން، އެ މީހުންގެ މުވައްކިލުންގެ ހައްގުގައި ކޯޓުގައި ވަކާލާތު ކުރަމުން ދަނިކޮށް ފިޔަވަޅު އެޅުމަކީ، މުވައްކިލުންގެ ވެސް ހައްގުތައް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. ފިޔަވަޅެއް އަޅަންވާނީ މައްސަލައެއް ބަލައި ނިމުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އިޖުރާއަތު ވެސް އޭގެ ޒާތުގައި ސުވާލު އުފެދޭ ގޮތަށް މިހާރު ކުރިއަށް މި ގެންދަނީ. ވަކީލުންނާ މެދު ފިޔަވަޅު އެޅީ ޣައިރު ގާނޫނީ ލިއުމެއް ތައްޔާރު ކޮށްގެންނޭ. ޣައިރު ގާނޫނީ ލިއުމެއް ކަން ސުޕްރީމް ކޯޓަށް އެނގުނީ ކިހިނެއްތޯ ވެސް ސުވާލު އުފެދޭ. އެތަނަކަށް އެ ލިއުން ބައެއް ނުގަނޭ. އެހެންވީމަ އަޅުގަނޑުމެން މަޑުމަޑުން ނިކުމެގެން އައީ،" ޝަމީމް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓު ކައިރި އަށް އެއްވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ވަންޏާ، އަޅުގަނޑުމެން އެކަންޏެއް ނޫން ބައިވަރު މީހުން އެ ތަނަށް ދޭ."

ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ގިނަ އަދަދެއްގެ ވަކީލުންނާ މެދު ފިޔަވަޅު އެޅުމަކީ ބިރުދެއްކުމުގެ އަމަލެކެވެ. އެކަމަކު، އެ ބިރުގައި އަބަދު ތިބެގެން އަދުލު އިންސާފުގެ ދާއިރާ އިސްލާހު ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އާ ވަކީލުންނަށް ވެސް ހުއްދަ ނުދީ ކިހާ ދުވަހެއް، ހުއްދަ ބާތިލް ކޮށްފާނެތީ އެކަމާ ވެސް ވަކީލުން އެއްޗެއް ނުބުނެ ތިބެންޏާ ހަމަ ތިބޭވަރު ވާނީ. އަޅުގަނޑުމެން ކަންބޮޑުވުން ފާޅު ކުރީ ޕްރޮފެޝަންގެ ވެސް ދިފާއުގައި. މިހާރު ކަންކަން މިދާ އުސޫލުން ދާ ކަމަށްވާ ނަމަ، މީގެ ދެތިން އަހަރު ފަހުން ވަކީލުންގެ ޕްރޮފެޝަންއެއް ވެސް ނޯންނާނެ."