Roadha Mihaaru
ޕެޓިޝަނާ ގުޅިގެން 54 ވަކީލުން ސަސްޕެންޑްކޮށްފި

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން 54 ވަކީލުން ސަސްޕެންޑްކޮށްފި

10 ސެޕްޓެމްބަރ 2017

ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭ ކަންބޮޑުވުންފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން 54 ވަކީލަކު ސަސްޕެންޑް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) މިރޭ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭ ކަންބޮޑުވުންފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން 54 ވަކީލަކު ސަސްޕެންޑް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) މިރޭ ނިންމައިފި އެވެ.

ޑީޖޭއޭ އިން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި ވަކީލުން ސަސްޕެންޑް ކުރަން ނިންމީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭ ގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓަށް އެއްވުމާ ގުޅިގެންނެވެ.

ހަމައެއާއެކު، އަދުލު އިންސާފުގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހްސާސްތަކާއި ކޯޓުތަކުގެ އިޖުރާއުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފަށް ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ޑީޖޭއޭ އިން ނެރުނު އިއުލާނުގައިވެ އެވެ.

ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރަން ނިންމީ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދާއި ވަކީލުންގެ އިގުރާރާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާއި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ހިލާފުވުމާ ގުޅިގެން ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.

ސަސްޕެންޑް ކުރި މަޝްހޫރު ވަކީލުންގެ ތެރޭގައި ހުސްނުއް ސުއޫދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ހިސާން ހުސެއިންގެ އިތުރުން ނާޒިމް އަބްދުއްސައްތާރާއި އިބްރާހިމް ރިއްފަތާއި މަހްފޫޒު ސައީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އަބްދުﷲ ހަސީނާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހިމެނިވަޑައިގަންނަވަ އެވެ.

މީގެތެރެއިން ގިނަ ވަކީލުންނަކީ ސިޔާސީ ބޮޑެތި ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި، އަދި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މި ސަސްޕެންޝަން ދެމިއޮތްހާ ހިނދަކު މިއިން އެއްވެސް ބޭފުޅަކަށް ކޯޓަށް ވަޑައިގެން ދެން ވަކާލާތެއް ނުކުރެއްވޭނެ އެވެ. މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގައި މިހާ ގިނަ ވަކީލުންތަކެއް އެއްފަހަރާ ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.

މި 54 ވަކީލުންގެ އިތުރުން، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަލީ ޝަމީމް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ޕެޓިޝަންގައި ސޮއި ކުރެއްވި އެވެ. އެކަމަކު އެ ދެ ބޭފުޅުންނަކީ މީގެ ކުރިން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފައި ތިއްބެވި ދެ ބޭފުޅުންނެވެ.