Roadha Mihaaru
"ލީޑަރުން މިނިވަންކޮށްފައި މަޝްވަރާގެ ވާހަކަ ދައްކާ"

ލީޑަރުން ދޫކޮށްލުމަށް ފަހު މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ޕާޓީތައް

11 ސެޕްޓެމްބަރ 2017

ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ރައީސް އަބްދުﷲ ޔާމީންގެ އިޚްލާސްތެރިކަމެއް ހުރި ނަމަ ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަން ކުރެއްވުމަށް ފަހު މަޝްވަރާގެ މޭޒަށް ދައުވަތު ދެއްވަން އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ރައީސް އަބްދުﷲ ޔާމީންގެ އިޚްލާސްތެރިކަމެއް ހުރި ނަމަ ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަން ކުރެއްވުމަށް ފަހު މަޝްވަރާގެ މޭޒަށް ދައުވަތު ދެއްވަން އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނޭ ގޮތަށް، ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ރައީސް އަބްދުﷲ ޔާމީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވައިފަ އެވެ.

މި ދައުވަތާ މެދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޝްވަރާކުރުމަށް ފަހު ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސް ޔާމީން މިފަހަރު ވެސް މަޝްވަރާ އަށް ގޮވާލެއްވީ ބޭރުގެ އެކި ފަރާތްތަކުގެ "ލޮލުގައި އަނދުނެއް އަޅުވަން" ކަމަށެވެ. ޕާޓީތަކާ އެކު މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރައްވަން، އެމަނިކުފާނުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބަޖެޓެއް ދެއްވާފަ އެވެ. އެހެން ނަމަވެސް އެ ފާސްކޮށްދެއްވި ބަޖެޓަށް ސަރުކާރުން ހެއްދެވި ނުހެއްދެވި ގޮތެއް އެނގެން ނެތްއިރު، އެ ބަޖެޓުގައިވާ މަޝްރޫއުތައް ސަރުކާރުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ކުރަންޖެހޭ މަޝްވަރާއެއް އޮންނާނެ ކަމަށް ޕާޓީތަކުން ގަބޫލެއް ނުކުރަމެވެ،" ބަޔާނުގައި ވެ އެވެ.

ސަރުކާރާ އެކު މަޝްވަރާ އަށް ނުދާން ނިންމި ގިނަ ސަބަބުތަކެއް ހުރެގެން ކަމަށް ބަޔާނުގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.

މަޝްވަރާ އަށް އދ. އިން ކަނޑައެޅި މަންދޫބު ތަމްރަތު، ސަރުކާރުގެ ވަފުދަކާ ބައްދަލުކުރައްވަނީ: އދ. ގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދަން އުޅުނު މަޝްވަރާ ވެސް ވަނީ ފޭލްވެފައި.-- ފޮޓޯ: ޓުވިޓާ

މަޝްވަރާ އަށް އދ. އިން ކަނޑައެޅި މަންދޫބު ތަމްރަތު، ސަރުކާރުގެ ވަފުދަކާ ބައްދަލުކުރައްވަނީ: އދ. ގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދަން އުޅުނު މަޝްވަރާ ވެސް ވަނީ ފޭލްވެފައި.-- ފޮޓޯ: ޓުވިޓާ

މަޝްވަރާއަށް ނުދާން އިދިކޮޅު ފަރާތްތަކުން ދައްކާ ސަބަބުތައް:

- ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބެލުމެއް ނެތި އިދިކޮޅު ސިޔާސީ ލީޑަރުން ގާނޫނާޚިލާފަށް ޖަލަށްލާފައިވުން.

- އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އަސާސެއް ނެތް ތުހުމަތުތަކާއި ދައުވާތައް އުފުލުން.

- ސަރުކާރާ މެދު ހިޔާލުތަފާތުވާ ރައްޔިތުންނާ މެދު އަނިޔާވެރިވުން.

- ޕްރޮސިކިއުޓަ ޖެނެރަލާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ނާޖާއިޒު ނުފޯޒު ފޯރުވައި ބިރުދައްކައި އެ ފަރާތްތަކުގެ މިނިވަންކަން ނަގާލުން.

- ސިފައިން މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް އެ މުއައްސަސާގެ ހަގީގީ ބޭނުން ކަނޑުވާލުން.

ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް ނިގުޅައިގަނެ، ސިޔާސީ ހަރަކާތްތައް ހުއްޓުވައި ސިޔާސީ ޕާޓީތަކުގެ ދައުރު ނައްތާލަން ސަރުކާރުން މަސައްކަތް ކުރުން.

- ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ ހިފަހައްޓާފައިވުން.

- ރާއްޖޭގެ ފަޅުތަކާއި ފަރުތަކާއި ރަށްތައް ނުއަގުގައި ހިތުހުރިގޮތަކަށް ވިއްކާލައި ރާއްޖޭގެ އިގްތިސާދު ނާޒުކު ފައްތަރަކަށް ވައްޓާލުން.

- އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި އަމިއްލަ މަސްލަހަތަށް ސަރުކާރުގެ ހާރިޖީ ސިޔާސަތު ވިއްކާލުން،

މީގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ހުތުރު އަމަލުތަކުގެ އަޑީގައި ރައީސް ޔާމީން ހުންނެވި ކަމަށާއި އެ ކަންކަމަށް ހިތްވަރު ދެއްވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

"މި ދެންނެވި ކަންކަން އިސްލާހުކުރުމަކީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށްގެން ކުރަންޖެހޭ ކަންކަން ކަމުގައެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަކުން ނުދެކެމެވެ. ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމުގައިވާ ނަމަ މި ގައުމުގައި އިސްލާހުކުރަން ހުރި ކަންކަމަކީ ސަރުކާރުން މިހާރުން މިހާރަށް ވެސް ކުރެއްވޭނެ ކަންކަމެވެ،" ބަޔާނުގައިވެ އެވެ.

ޕާޓީތަކުން ބުނީ އދ.ގެ މަންދޫބަކާ އެކު ވެސް މަޝްވަރާ ކުރިއަށް ގެންދެވޭތޯ ޕާޓީތަކުން މަސައްކަތް ކުރި ކަމަށެވެ. ކޮންމެ ފަހަރަކު ވެސް މަޝްވަރާ ފޭލްވަނީ ސަރުކާރުން ދައްކާ ބަހަނާތަކާ ހެދި ކަމަށާއި މަޝްވަރާ އަށް ގޮވާލާއިރު ސަރުކާރުގެ އިހްލާސްތެރިކަން ނެތް ކަން މުޅި ދުނިޔެ އަށް ވެސް މިހާރު ސާފުވެފައިވާ ޕާޓީތަކުން ބުންޏެވެ.