Roadha Mihaaru
އެއްވެސް މީހަކު ބާކީ ނުކޮށް ފްލެޓް ލިބޭނެ: ނިހާން

އެއްވެސް މީހަކު ބާކީއެއް ނުކުރާނެ، ފްލެޓް ލިބޭނެ: ނިހާން

14 ސެޕްޓެމްބަރ 2017

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ނުލިބުނު މީހުން މާޔޫސްވާނެ ކަމެއް ނެތް ކަމަށާއި އެއްވެސް މީހަކު ބާކީނުކޮށް އިންސާފުވެރިކަމާ އެކު ސަރުކާރުން ފްލެޓް ދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ނުލިބުނު މީހުން މާޔޫސްވާނެ ކަމެއް ނެތް ކަމަށާއި އެއްވެސް މީހަކު ބާކީނުކޮށް އިންސާފުވެރިކަމާ އެކު ސަރުކާރުން ފްލެޓް ދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ފްލެޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން އެތައް ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަށް މި ސަރުކާރުން ނިކުތީ މާލެ ސަރަހައްދުން އެކަނި ވެސް 21،000 މީހުން ބޯހިޔާވަހިކަން ބޭނުންވާ ކަން އެނގި ތިބެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ވައުދު ފުއްދަން ސަރުކާރުން ފެށީ އެ ހިސާބުތަކަށް ބަލައިގެން ކަމަށާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 15،000 ފްލެޓް އެޅުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި ފްލެޓަށް ހުޅުވާލި ފުރަތަމަ މަޝްރޫއު ވެސް ސަރުކާރު ކުރިއަށް ގެންދިޔައީ ވަރަށް އިންސާފުވެރިކަމާ އެކުގަ އެވެ. ފްލެޓްތަކަކީ އެސްޓީއޯ އިން ވިއްކަން ގެނެސް ހޯލްސޭލްކޮށް، ފިހާރައެއްގެ ހަރުގަނޑުގައި ޖަހާފައިވާ އަލިފާން ފޮށިތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައި ކުރު މުއްދަތެއްގެ ތެރޭގައި ހިއްކައި ނިންމީ ސަަބަބުތަކެއް އޮވެގެން ކަމަށާއި ކުރީ ސަރުކާރުތަކުން ހޭދަކުރި ގޮތަށް ހަތް އަހަރުގެ ބަދަލުގައި ހުޅުމާލެ ހިއްކަން ނެގީ ދޮޅު އަހަރު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ހުޅުމާލޭގައި 15،000 ފްލެޓު އަޅަންވީ ލޯނުގެ ފައިސާ އާއި އެހެނިހެން މަސައްކަތްތައް ތަރުތީބުވެ މިހާރު އެ މަސައްކަތުގެ ރަސްމީ ބަޔަށް ސާމާނު ޖަމާކުރުމާ ހަމައަށް ވަނީ ގޮސްފައި. އެހެންވީމާ މިއަދު [ފްލެޓް] ލިބުނު ފަރާތްތަކާއި ނުލިބުނު ފަރާތްތަކަށް ދެމެދުގައި އަޅާކިއުން އިހަށް ދޫކޮށްލަންވީ. ކެތްތެރިކަމާ އެކުގައި އިންސާފުވެރިކަމާ އެކުގައި ބަރޯސާކުރައްވާ،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމުން ރުމާލު 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގެ ތެރެެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޕީޕީއެމުން ރުމާލު 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގެ ތެރެެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ރައީސް ޔާމީންގެ ވިސްނުންފުޅުގައި ތިއިން އެއްވެސް ބޭފުޅަކު ބާކީކުރުމެއް ނެތް. މި ސަރުކާރުގެ އެއްވެސް ބޭފުޅަކު، ރައީސް ވެސް ވަޒީރަކު ވެސް މެމްބަރަކު ވެސް ވިދާޅެއް ނުވާނެ މި ޕާޓީގެ މީހުންނަށް ފްލެޓް ދީ ނިމުނީމައޭ އެހެން މީހުންނަށް ލިބޭނީ."

އޭނާ ވިދާޅުވީ ފްލެޓުގެ ލިސްޓު އިއުލާންކުރަންދެން އުއްމީދުގައި އެތައް ބަޔަކު ތިބިކަން މި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ޕީޕީއެމް އޮތީ އެ އެންމެންނާ އެކުގައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ﷲ އިރާދަކުރެއްވިއްޔާ މިކަން ލުއިކޮށް ނިމިގެންދާއިރު، އިންސާފުވެރި ގޮތްތަކެއް އެ މީހުންނަށް ލިއެވިގެންދާނެ. މިއީ ހުސްވާހަކައެއް ނޫން ކަމުގެ ޔަގީންކަން މިދެނީ، ހުޅުމާލޭ ފޭސް 2 އެ އޮތީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިއްކައި ނިންމާފައި،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ރާއްޖޭގެ އާާބާދީގެ ތިންބައިކުޅަ އެއްބައި މީހުން މާލޭގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެއްސުމުގެ ވިސްނުން ރައީސް ޔާމީން ގެންގުޅުއްވަނީ މާސިންގާ އާބަން ސެންޓަރެއް ގާއިމްކުރެއްވުމުގެ ގާބިލްކަން އެމަނިކުފާނުގެ ސަރުކާރުގެ ހުރުމުންނެވެ. ރައީސް ޔާމީން ގެންގުޅުއްވަނީ އެހެން ވެރިން ގޮތަކަށް ތާކުންތާކު ނުޖެހޭ ފިލޯސަފީ ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު އާންމު ކުރިއިރު، އެ ލިސްޓުގައި، ނަމާއި އެޑްރެސް ފަދަ މައުލޫމާތު ނުހިމަނައި ފޯމު ނަންބަރު އެކަނި ޖަހާފައި އޮތުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހާމަނުކުރީ ފްލެޓް ލިބުނު މީހުން ސިއްރުކުރަން ކަމަށް ބުނެ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީ އަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ. ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ މި ފްލެޓްތަކަށް ކުރިމަތިލާން 2014 ގައި ހުޅުވާލުމުން ގާތްގަނޑަކަށް 15،000 މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ފްލެޓް ކަށަވަރުވީ 661 މީހަކަށެވެ.