Roadha Mihaaru
ވައުދުތައް އިއުލާންކުރަން ޕީޕީއެމްގެ ބޮޑު ޖަލްސާއެއް

ވައުދުތައް އާންމުކުރަން ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވަނީ

27 އޯގަސްޓް 2018

ކުރިއަށް އޮތް ފަސް އަހަރަށް އަނެއްކާ ވެސް ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ، ރައްޔިތުންނަށް ފުއްދައިދޭނެ ވައުދުތައް ހާމަކުރުމަށް އެ ޕާޓީގެ ބޮޑު ޖަލްސާއެއް އަންނަ މަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް އޮތް ފަސް އަހަރަށް އަނެއްކާ ވެސް ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ، ރައްޔިތުންނަށް ފުއްދައިދޭނެ ވައުދުތައް ހާމަކުރުމަށް އެ ޕާޓީގެ ބޮޑު ޖަލްސާއެއް އަންނަ މަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

މި ފަސް އަހަރު ވެސް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަހުމަދު ނިހާން ވިދާޅުވީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ބޮޑު ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ވައުދުތައް ހިއްސާކޮށް ދެއްވާނީ އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، އެ ޕާޓީގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ.

ނިހާން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދާދި ފަހުން، ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ވައުދުތައް ވަނީ ވެވަޑައިގެންފައި ކަމަށެވެ. އެކަމަކު، މާލޭގައި ޖަލްސާ އޮންނަ ރެއަކީ ޚާއްސަ ރެއަކަށް ވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ބޮޑު ޖަލްސާގައި ރައީސް ޔާމީންގެ ޚާއްސަ މެސެޖްތަކެއް އިވިގެންދާނެ ކަމަށެވެ. ރައީސް ޔާމީނަކީ، ރައްޔިތުންނާ ވަރަށް ގާތުން ގުޅުން ބާއްވަމުން އަންނަ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖަލްސާ ވެގެން ދާނީ އެމަނިކުފާނު [ރައީސް ޔާމީން] ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ކުރިއަށް އޮތް ފަސް އަހަރަށް ކުރިމަތިލައްވައިގެން މި ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި މުޅިން އާ ހަރުފަތަކަށް މައުލޫމާތުތައް ރައްޔިތުންނަށް ލިބިގެންދާނެ ރެއަކަށް ކަން ޔަގީން،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ބޮޑު ޖަލްސާގައި ސަރުކާރާއި ޕީޕީއެމަށް ތާއީދު ކުރާ މީހުންނާއި އިދިކޮޅު ފިކުރަށް ތާއީދު ކުރާ މީހުން ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރައީސް ޔާމީން ރަސްމީ ދަތުރުފުޅެއްގައި ރ. ދުވާފަރުގައި މިވަގުތު ހުންނެވިއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޕީޕީއެމްގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން މި ހަފުތާގައި އެމަނިކުފާނު ވަނީ ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފަ އެވެ. ކެމްޕެއިނަށް އެންމެ ފުރަތަމަ ރައީސް ޔާމީން ވަޑައިގަތީ ފ. އަތޮޅުގެ ބައެެއް ރަށްތަކަށާއި ތ. ގުރައިދު އަށެވެ.