Roadha Mihaaru
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި

މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފް ކޯޓުން ދަމަހައްޓައިފި

17 ސެޕްޓެމްބަރ 2017

ގާހިރާ (ސެޕްޓެމްބަރު 17) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް އެ ގައުމުގެ އެންމެ މަތީ އިސްތިއުނާފް ކޯޓުން ދަމަހައްޓައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ސެޕްޓެމްބަރު 17) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް އެ ގައުމުގެ އެންމެ މަތީ އިސްތިއުނާފް ކޯޓުން ދަމަހައްޓައިފި އެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުރެ ސިފައިން ގެނައި ބަޣާވާތެއްގަ އެވެ. އޭރު ސިފައިންގެ ވެރިއަކީ ސީސީ އެވެ. ބަޣާވާތަށް ފަހު މުރްސީ ހައްޔަރުކޮށް ވަރަށް ގިނަ ދައުވާތައް ވަނީ އުފުލައިފަ އެވެ. އުމުރު ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ލިޔުންޔަކެއް ގަތަރަށް ދިން މައްސަލައިގަ އެވެ. ކޯޓުގެ އެންމެ ފަހުގެ ހުކުމާ ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

މިސްރުގައި 2012 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި ބަޔަކު މަރުވި މައްސަލާގައި މުރްސީގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. މިހާރު ގެންދަވަނީ އެ ހުކުމް ތަންފީޒް ކުރައްވަމުންނެވެ.

މުރްސީގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ކުރިން އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ނޮވެމްބަރު މަހު 22 ވަނަ ދުވަހު ވަނީ ބާތިލްކޮށްފަ އެވެ.

މުރްސީގެ މައްޗަށް އިއްވާފައި މަރުގެ ހުކުމް ވަނީ އިސްތިއުނާފް ކޯޓުން ނޮވެމްބަރު މަހު 15 ވަނަ ދުވަހު ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ. މުރްސީ އަށް މަރުގެ ހުކުމް އިއްވީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި ފުލުހުންނާ ދެކޮޅަށް އަނިޔާވެރިވެފައިވުމާ އަދި ޖަލު ފަޅާލައިގެން ބަޔަކު ނެރުމަށް މުރްސީ އެހީވެދީފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ.