Roadha Mihaaru

ރޮހިންޖާ މުސްލިމުންނާ ޓެރަރިސްޓުންނާ ގުޅުން އޮވޭ: އިންޑިއާ

ނިއު ދިއްލީ (ސެޕްޓެމްބަރު 19) - އިންޑިއާގައި ދިރިއުޅޭ ރޮހިންޖާ މުސްލިމު ރެފިއުޖީންނާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމުގެ ހެކި އެބަހުރި ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ރޮހިންޖާ މުސްލިމުންނާ ޓެރަރިސްޓުންނާ ގުޅުންއޮވޭ: އިންޑިއާ
ހަސަން އާމިރު
ހަސަން އާމިރު

19 ސެޕްޓެމްބަރ 2017

ނިއު ދިއްލީ (ސެޕްޓެމްބަރު 19) - އިންޑިއާގައި ދިރިއުޅޭ ރޮހިންޖާ މުސްލިމު ރެފިއުޖީންނާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމުގެ ހެކި އެބަހުރި ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ބުނީ ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތްތަކާއި ރޮހިންޖާ ރެފިއުޖީންނާ ގުޅުން އޮންނަ ކަމަށް ޖާސޫސީ ގޮތުން ލިބިފައިވާ މައުލޫމާތު ސުޕްރީމް ކޯޓަށް ހިއްސާކުރާނެ ކަމަށެވެ. އިންޑިއާ އިން ދަނީ އެ ގައުމުގައި ދިރިއުޅޭ ރޮހިންޖާ 40،000 ރެފިއުޖީން ފޮނުވާލާނެ ގޮތެއް ހޯދަމުންނެވެ.

ރޮހިންޖާ ރެފިއުޖީން އިންޑިއާ އިން ފޮނުވާލާނެ ކަމަށް އެ ގައުމުގެ ޖޫނިއާ ހޯމް މިނިސްޓަރު ވިދާޅުވުމާ ގުޅިގެން އެ ކަން ހުއްޓުވުމަށް ރެފިއުޖީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފަ އެވެ. އެ މައްސަލައިގެ އަޑު އެހުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުމުގައި ހޯމް މިނިސްޓްރީން ބުނެފައި ވަނީ އިންޑިއާގައި ގަވާއިދާ ޚިލާފަށް އުޅޭ ރެފިއުޖީންނަކީ އެ ގައުމުގެ ސަލާމަތަށް ހުރި ބިރެއް ކަމަށެވެ.

މިއަންމާގެ ރޮހިންޖާ ރެފިއުޖީ އަކު ނިއު ދިއްލީގެ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ

މިއަންމާގެ ރޮހިންޖާ ރެފިއުޖީ އަކު ނިއު ދިއްލީގެ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ

ސޮލިސިޓާ ޖެނެރަލް ތުޝާރު މެހްތާ ކޯޓުގައި ވިދާޅުވެފައި ވަނީ ރޮހިންޖާ މުސްލިމުންނާ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމުގެ ހެކި ދެން އޮންނަ އަޑުއެހުމަކަށް ހުށަހަޅާނެ ކަމަށެވެ. އަދި ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ އިތުރުން އެހެން ގައުމުތަކުގައި އުޅޭ ޓެރަރިސްޓުންނާ ރޮހިންޖާ މީހުންނާ ގުޅުން އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލް ގައިދާ ފަދަ ޖަމާއަތްތަކާ ގުޅިގެން އިންޑިއާގައި ހަމަނުޖެހުން ހިންގުމަށް ރޮހިންޖާ މުސްލިމުން މަސައްކަތް ކުރާ ކަމަށް ވެސް ހޯމް މިނިސްޓްރީން ހުށަހެޅި ލިޔުމުގައި ބުނެފައިވެ އެވެ.

ރޮހިންޖާ މުސްލިމުންގެ ފަރާތުން ވަކާލާތު ކުރާ ޕްރަޝަންތު ބުޝާން ވިދާޅުވީ މިއީ ދީނީ ގޮތުން ތަފާތު ކުރާށާއި މުސްލިމުންނާ މެދު ދެކޮޅުވެރި ހަރަކާތްތަކަށް މަގު ފަހިކުރަން ކުރާ ކަމެއް ކަމަށެވެ.

މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ އޮކްޓޯބަރު 3 ވަނަ ދުވަހު އެވެ.