20 ސެޕްޓެމްބަރ 2017
އެކި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް ފެނަކަ ކޯޕަރޭޝަނުން ޑީސަލް ގަތުމަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެކި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް ފެނަކަ ކޯޕަރޭޝަނުން ޑީސަލް ގަތުމަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ކޮރަޕްޝަންގެ ބޮޑު ހާއްޔެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރަމުން ގެންދިޔަ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، ފެނަކަ އިން 2014 އާއި 2015 ގައި ހިންގި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި އޮތީ ޑީސަލް ގަތުމުގައި ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުންތަކެއް ލިބުމެވެ.
އޮޑިޓް ރިޕޯޓުގައިި ބުނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުށަހެޅި އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކުން 2014 ގައި 16 މިލިއަން ލީޓަރުގެ ޑީސަލް ފެނަކައަށް ގަނެފައިވާ ކަމަށެވެ. އަދި އެފްއެސްއެމް އިން ހުށަހެޅި އަގަށް ވުރެ ބޮޑު އަގުގައި 2015 ގައި 10 މިލިއަން ލީޓަރު ޑީސަލް ފެނަކައަށް ގަނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެހެންވެ، އަމިއްލަ ފަރާތްތަކުން 26 މިލިއަން ލީޓަރުގެ ޑީސަލް ގަތުމުގެ ސަބަބުން 21.8 މިލިއަން ރުފިޔާ އިތުރަށް ފެނަކަ ކޯޕަރޭޝަނުން ހަރަދުކޮށްފައިވާ އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން ފެނަކަ އިން އެކި ރަށްރަށުގައި ހިންގާ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް އެތަންތަނަށް ސަޕްލައިކޮށް، ވިއްކުމަށް އެފްއެސްއެމް އިން ފެނަކަ އަށް އަގު ހުށަހަޅާފައިވަނީ އައްޑޫ ފިޔަވައި އެހެން ހުރިހާ ރަށްތަކަށް އެއް ރޭޓެއްގަ އެވެ. އެކަމަކު އަމިއްލަ ބައެއް ފަރާތްތަކުން ފެނަކަ އަށް ޑީސަލް ވިއްކުމަށް އަގު ހުށަހަޅަމުން ގޮސްފައި ވަނީ މާލެއާ ކައިރި ރަށްރަށާއި އަދި ދުރު ރަށްރަށަށް ތަފާތު ރޭޓެއްގަ އެވެ.
ރިޕޯޓުގައި ފެނަކައާ ހަވާލާދީ ބުނެފައިވަނީ އަމިއްލަ ފަރާތްތަކުން ތެޔޮ ގަންނަމުން ގޮސްފައިވަނީ އެ ކުންފުންޏަށް ބޭނުންވާ ދުވަހަށް އެފްއެސްއެމް އިން އެކި ރަށްރަށަށް ތެޔޮ ސަޕްލައި ނުކުރެވޭތީ އެވެ. އެކަމަކު އެފްއެސްއެމްއާ ހަވާލާދީ ރިޕޯޓުގައިވަނީ އެކަށީގެންވާ ވަގުތު އޮވެގެން، ހަރުދަނާ އުސޫލެއްގެ ދަށުން އެ ކުންފުންޏަށް އޯޑަރުތައް ލިބޭނަމަ، ބޭނުންވާ ދުވަހަކަށް ތެޔޮ ސަޕްލައި ކުރެވޭނެ ކަމަށެވެ.
"ރާއްޖޭގައި ޑީސަލް ވިއްކުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ހިންގާ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާއިރު، ފެނަކަ އަށް ބޭނުންވާ ޑީސަލް ހެޔޮ އަގުގައި ލިބޭނެ ގޮތް މަގުފަހިކޮށް ފެނަކަ އަށް ޑީސަލް ލިބެން ހުންނަ އެންމެ ހެޔޮ އަގުގައި ޑީސަލް ގަންނަމުން ދާނަމަ، ކަރަންޓު އުފެއްދުމަށް ހިނގާ ހަރަދު ކުޑަވުމަށް މަގުފަހިވާނެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.
އެހެންވެ، އޮޑިޓަ ޖެނެރަލް ފެނަކަ ކޯޕަރޭޝަނަށް ލަފާ ދެއްވީ ޑީސަލް ގަތުމުގައި އެންމެ އަގު ހުށަހަޅާ ފަރާތްތަކުން ޑީސަލް ގަނެވޭނެ އިންތިޒާމު ހަމަޖައްސައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކުން ޑީސަލް ގަތުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
ޑީސަލް ގަތުމަށް ފެނަކަ އިން އެކި ފަހަރު ހޯދާފައިވާ ކޯޓޭޝަންތަކަށް ބަލާއިރު، އެއްފަރާތެއްގެ ވިޔަފާރިތައް ކަމަށް ބެލެވޭ ވިޔަފާރިތަކުން ކޯޓޭޝަން ހޯދައި، އިތުރު އެހެން ފަރާތްތަކުން ޑީސަލް ސަޕްލައި ކޮށްދޭނެ އަގުތައް ނުބަލައި، ގިނަ އަދަދެއްގެ ޑީސަލް ގަނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެގޮތުން ޑީސަލް ގަތުމަށްޓަކައި އަގު ބެލުމަށް ހޯދާފައިވާ ކޯޓޭޝަންތައް އޮޑިޓް ސާމްޕްލިންގެ އުސޫލުން ބެލިއިރު، ގުޅުނު ފަރާތްތަކުގެ ގޮތުގައި ބެލެވޭ ފަރާތްތަކުން އެކި ފަހަރު ހުށަހަޅާފައިވާ ކޯޓޭޝަންތަކުގެ މައްޗަށް ބިނާކޮށް 2015 ގައި 4.3 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
އަދި ބުނީ ފެނަކަ އަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށް ދިނުމުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ބެލުމަށް އަގު ހޯދާއިރު، އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އަގު ބަލާފައިވާކަން ދެއްކުމަށް ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ގުޅުން ހުރި ފަރާތްތަކުން އެކި ނަންނަމުގައި ކޯޓޭޝަން ހޯދައި އެ ކޯޓޭޝަންތަކުގެ މައްޗަށް ބިނާކޮށް ޑީސަލް ސަޕްލައިކޮށް ދިނުމުގެ މަސައްކަތް ހަވާލު ކުރުމުން ޑީސަލް ސަޕްލައިކޮށް ދިނުމުގެ ހަމަހަމަ ފުރުސަތު ގާބިލް ފަރާތްތަކަށް ނުދެވޭ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި ކުންފުންޏަށް އެންމެ މަންފާ ހުރި ގޮތެއްގައި ޑީސަލް ހޯދުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންވެ، އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައިވަނީ ވާދަވެރި އަގުތަކެއްގައި ޑީސަލް ގަނެފައިވާކަން ދެއްކުމުގެ ގޮތުން، އެއް ފަރާތްތަކެއް ކަމަށް ބެލެވޭ ފަރާތްތަކުން ކޯޓޭޝަން ހޯދައިގެން ޑީސަލް ގަންނަމުން ގޮސްފައި ވަނީ ވަކި ފަރާތްތަކަކަށް ނާޖައިޒު މަންފާތަކެއް ހޯދައި ދިނުމަށް މަގުފަހިވާ ގޮތަށް ކަމަށް ބެލެވޭތީ މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ފެނަކަ އަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތްތަކާއި އަގުތައް ހޯދުމުގެ މަސައްކަތް ބެލިއިރު، އިތުރު އެއްވެސް ފަރާތަކުން އަގު ނުހޯދައި ހަމައެކަނި އެންމެ ކުންފުންޏަކުން ކޯޓޭޝަން ހޯދައިގެން ތ. އަތޮޅުގެ ރަށްތަކުގައި ހުރި ފެނަކައިގެ އިންޖީނުގެތަކުގެ ބޭނުމަށް 2014 އާއި 2015 ގައި 26.1 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާ ކަމަށެވެ. އަދި ކުންފުނިން ޑީސަލް ސަޕްލައި ކުރީ އަތޮޅުގެ ވަކި ރަށަކަށް ވާތީ ފެނަކަ އިން އެ ކުންފުނީގެ ހަރަދުގައި އަތޮޅުގެ އެހެން ރަށްތަކުގައި ހުރި އިންޖީނުގެތަކަށް ޑީސަލް ސަޕްލައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ރިޕޯޓުގައިވެ އެވެ.
ފެނަކައިގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އިތުރު ފަރާތްތަކުން ޑީސަލް ސަޕްލައިކޮށްދޭ އަގުތައް ނުބަލައި ހަމައެކަނި އެންމެ ފަރާތަކުން އަގު ހޯދައިގެން ޑީސަލް ގަނެވޭނީ އިމަޖެންސީ ހާލަތުގަ އާއި ތިން ފަރާތެއްގެ އަގު ލިބެން ނުހުންނަ ހާލަތުގައި ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.
އޮޑިޓަ ޖެނެރަލް ވިދާޅުވި ގޮތުގައި ހަމައެކަނި އެއް ފަރާތަކުން އަގު ހޯދައިގެން އިންޖީނުގެތަކަށް ޑީސަލް ގަންނަނީ ތ. އަތޮޅަށް ޑީސަލް ސަޕްލައިކުރާ އިތުރު ފަރާތެއް ނެތުމުން ކަމަށް ފެނަކަ އިން ބުނި ކަމުގައި ވިޔަސް، އެ ސަރަހައްދަށް ޑީސަލް ސަޕްލައިކޮށްދެވޭނެ އަގުތައް އެފްއެސްއެމްއިންނާއި އަމިއްލަ އެހެން ކުންފުނިތަކުން ފެނަކަ އަށް ހުށަހެޅިއިރު، އެ ފަރާތްތަކުން ރަށްރަށަށް ޑީސަލް ސަޕްލައިކޮށްދީފައިވެ އެވެ.
މީގެ އިތުރުން ތ. އަތޮޅުގެ ރަށްތަކަށް ޑީސަލް ސަޕްލައިކޮށް ދިނުމަށް އެފްއެސްއެމް އިން ހުށަހަޅާފައިވާ އަގު ޑީސަލް ސަޕްލައިކުރުމުގެ މަސައްކަތް ފެނަކަ އިން ހަވާލުކުރި ކުންފުނިން ހުށަހަޅާފައިވާ އަގަށް ވުރެ ކުޑަ ކަމަށް ރިޕޯޓުގައިވެ އެވެ. އެ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކާފައިވާ އަގު އެފްއެސްއެމުން ފެނަކަ އަށް ކޯޕަރޭޝަނަށް ޑީސަލް ވިއްކަން ހުށަހަޅާފައިވާ އަގަށް ވުރެ، އެވްރެޖް ގޮތެއްގައި ލީޓަރަކުން 1.29 ރުފިޔާ ބޮޑު ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ފެނަކަ އިން ޑީސަލް ގަތުމަށް 5.4 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރި ކަމަށް ރިޕޯޓުގައިވެ އެވެ.
އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައިވަނީ ވާދަވެރި އަގުތަކެއް ހޯދައިގެން އެންމެ ފައިދާ ބޮޑު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކުން ކުންފުންޏަށް ބޭނުންވާ ޑީސަލް ގަންނަމުން ދިއުމަށެވެ. އަދި އެންމެ ކުންފުންޏެއްގެ ކޯޓޭޝަން ހޯދައިގެން ޑީސަލް ގަންނަނީ ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭތީ މި މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހެޅުމަށެވެ.
ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް ގެއްލުން!
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ހިދުމަތުގެ ބަދަލަށް ރަށްރަށް ނުދޭން އަންގައިފި
ޒިކުރާ މިސްކިތް ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި
ފައިސަލްގެ އައިނު ހައްދަން ބަޖެޓުން 72،000ރ
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!
ފެނަކައިގެ ބޮޑެތި ކޮރަޕްޝަން އޮޑިޓުން ފަޅާއަރުވާލައިފި