19 އޯގަސްޓް 2020
ކޮވިޑް-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވި 149 ވެންޓިލޭޓަރު ބޭރުން ގެންނަން ވަކި ކުންފުނިތަކެއް ހޮވައި ބޮޑު އަގުގައި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަވާލުކޮށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިހުމާލު ބޮޑު ކަަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވި 149 ވެންޓިލޭޓަރު ބޭރުން ގެންނަން ވަކި ކުންފުނިތަކެއް ހޮވައި ބޮޑު އަގުގައި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަވާލުކޮށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިހުމާލު ބޮޑު ކަަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވެއްޖެ އެވެ.
ދުބާއީގެ އެގްޒެކިއުޓާސް އާއި ރާއްޖޭގެ މެޑްޓެކާއި ނާޑު ކުންފުންޏާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓުން ވަނީ ހާމަވެފަ އެވެ. އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކޮށް، ގެރެންޓީއަކާ ނުލައި އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދިނުމެވެ. އެގްޒެކިއުޓާސްގެ އިތުރުން ވެންޓިލޭޓަރު ގެނައުމަށް ރާއްޖޭގެ ދެ ކުންފުންޏެއް ކަމަށްވާ ނާޑް އާއި މެޑްޓެކްއާ ބިޑް ކޮމިޓީން ކުރި މުއާމަލާތުގައި ވެސް ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެ އެވެ.
ދެ ހަފުތާ އިން ވެންޓިލޭޓަރުތައް ގެނެވޭނެ ކަމަށް އެއްބަސްވުންތައް އެކުލަވައިލި ނަމަވެސް އެ ތިން ކުންފުންޏަށް އެ މުއްދަތަކަށް ނުގެނެވުނެވެ. ދުބާއީގެ ކުންފުނިން ގެނައި 11 ވެންޓިލޭޓަރު ވީ ބޭކާރެެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރިންގެ ޓީމަކުން ނިންމީ އެގްޒެކިއުޓާސް އިން ގެނައި ވެންޓިލޭޓަރުތައް ފަރުވާ އަށް ބޭނުން ކުރެވޭ ވަރަށް ވުރެ ފެންވަރު ދަށެވެ.
މި މައްސަލައިގައި މާލިއްޔަތު ކޮމިޓީގައި އަމާޒުކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން އޮޑިޓަ ޖެނެރަލް ޒިޔަތު އިއްޔެ ވިދާޅުވީ ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އާއި ބިޑް ކޮމިޓީގެ އިހުމާލު ބޮޑު ކަމަށެވެ. މާލިއްޔަތު ގަވާއިދާ ޚިލާފަށް ކުންފުނިތަކާ އެކު މުއާމަލާތްތައް ހިންގާފައިވާ ކަން އޮޑިޓުގައި ވެސް ލިއެފައިވެ އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފު ބިޑް ކޮމިޓީގެ މަސްއޫލިއްޔަތު އަދާނުކުރާކަން. މާލީ ޒިންމާދާރުވެރިޔާ މަސްއޫލިއްޔަތު އަދާނުކުރާކަން. އެހެންވެ ނަމަވެސް މުޅި މިކަން ހިނގައިދިޔަ ގޮތުން މި ސްޓާޓްވެފައި މި އޮންނަނީ ދެ ބޭފުޅެއްގެ މަޝްވަރާގެ މަތިން،" ޒިޔަތު ވިދާޅުވި އެވެ.
އެގްޒެކިއުޓާސް އަށް އެޑްވާންސް ޕޭމަންޓުގެ ގެރެންޓީ ނުދީ ފައިސާ ދޫކުރަން އެންގި ފަރާތެއް އޮޑިޓަށް ނުހޯދެ އެވެ. އެ ސުވާލު ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާއާ ކުރުމުން ސީދާ ޖަވާބެއް ނުލިބުނު ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަތުގައި ރެކޯޑިން ވެސް ހުންނާނެ. ތަހުގީގީ އިދާރާއަކުން ބަލަން ޖެހޭނެ،" ޒިޔަތު ވިދާޅުވި އެވެ.
މިކަމުގައި ހެލްތު މިނިސްޓަރުގެ އަބްދުﷲ އަމީނަށް ތުހުމަތުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އޮޑިޓަ ޖެނެރަލް ވިދާޅުވީ އެގްޒެކިއުޓާސް ހޮވީ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދު މާތުރުގެ މަޝްވަރާތަކަށް ފަހު ކަމަށެވެ. އެއީ ރަސްމީ މަޝްވަރާތަކެއް ނޫން ކަަމަށް ވިދާޅުވެ، އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި ވާހަކަ ވެސް ޒިޔަތު ދޮގު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގްޒެކިއުޓާސް ހޮވުމުގައި މިނިސްޓަރު އަމީންގެ ދައުރު އޮތް މިންވަރެއް ބަލަން ކަމާގުޅޭ އިދާރާތަކުން ތަހުގީގެއް ހިންގަން ޖެހެ އެވެ. އެއީ އޮޑިޓް އޮފީހުގެ ޒިންމާއެއް ނޫން ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބައޮތް ޑަބްލިއުއެޗްއޯ އިން ކިޔައިދީފައި ތިމަންނާމެން [އެގްޒެކިއުޓާސް ކުންފުނި] ރެކޮމެންޑެއް ވެސް ނުކުރާ ކަމަށާއި ކޮންޓެކްޓެއް ކަން ޝެއާކުރީ. އެހެންވީމަ ޑަބްލިއުއެޗްއޯގެ ނަން ބޭނުންކޮށްގެން މުއާމަލާތް ހިންގައިގެން އެކަމުން ބަރީއަވެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ޒިޔަތު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ނެރުމާ އެކު ބިޑް ކޮމިޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ ވަނީ ރައީސް އޮފީހުން ސަސްޕެންޑްކޮށްފަ އެވެ. މިނިސްޓަރު އަމީން ވަނީ، ތަހުގީގީ އިދާރާތަކުން މައްސަލަ ބަލައި ނިމެންދެން، އަމިއްލަ އަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފަ އެވެ.
މި މައްސަލާގައި ބިޑް ކޮމެޓީގެ ކުރީގެ މެމްބަރު ޑރ. ޝާހު މާހިރު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ދުބާއީ ކުންފުނީގެ ވެންޓިލޭޓަރުތައް ގެނައުމުގެ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމަށެވެ. ނަމަވެސް، ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ނާޑު އާއި މެޑްޓެކަށް އެ ތަކެތި ގެންނަން ހަވާލުކުރި އިރު ބިޑް ކޮމެޓީން ނިންމި ނިންމުމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ ކުންފުންޏާ ޕްރޮޖެކްޓް ހަވާލު ކުރަން މަޝްވަރާ ދެއްވީ ބިޑް ކޮމިޓީ އަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި އެކަށީގެންވާ ހަމަތަކާއި އުސޫލުތަކުގެ މަތިން ކަމަށް ވެސް ހެލްތު މިނިސްޓްރީގެ ޒިންމާތަކުން މިހާރު ސަސްޕެންޑު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޝާހު ވިދާޅުވެފައި ވެ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އަޅުގަނޑު ގޭގައި މަޑުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވާފައިވާތީ އެކަމާއި ގުޅިގެން ނެރޭ ނޫސްބަޔާން pic.twitter.com/GvjTQbPE4c
— Dr Shah Mahir (@DrShahMahir) August 17, 2020
ޑރ. ޝާހުގެ ބަޔާން
"އަދި މިއިން އެއްވެސް ނިންމުމެއް ނިންމުގައި އެއްވެސް ނަހަމަ ނުފޫޒެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ލިބިދިނުމަށް އަޅުގަނޑުގެ ފަރާތުން އެއްވެސް އަމަލެއް ނުވަނަ ނިންމުމެއް މިކަމުގައި ހިމެނިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މި ފުރުސަތުގައި އެންމެހައި ފަރާތްތަކަށް އަރުވަމެވެ،" ޑރ. ޝާހު މިދިޔަ ހޯމަ ދުވަހު ނެރުއްވި ބަޔާނުގައި ވެ އެވެ.
ޑރ. ޝާހަކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުކަން ކުރިން ކުރެއްވި ބޭފުޅަކަސް ވެންޓިލޭޓަރުތަކުގެ މުއާމަލާތުތަކާ ގުޅޭ ކަންކަން ނިމުނު ފަހުން އޭނާ ވަނީ އެ ކޮމިޓީން ވަކިކުރައްވައިފަ އެވެ. އެކަމަކު، ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގެ އެއްވެސް މުއާމަލާތެއްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވެވަޑައިނުގަންނަވާ ކަމށް ޑރ. ޝާހު ވިދާޅުވެފައި ވެ އެވެ.
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ކޮރަޕްޝަންގެ އަޑީގައި ހުރީ މިނިސްޓަރު އަމީރު: ޝިޔާމް
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
އޮޑިޓް ރިޕޯޓު އިންސާފުވެރިއެއް ނޫން: ހެލްތު މިނިސްޓްރީ
ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާގެ މައުލޫމާތަށް
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި
ދައުލަތަށް ގެއްލުންވާ ކަމެއް ބަލައިނުގަންނާނެ ހާމަކޮށްދީ