Roadha Mihaaru
ޒިކުރާ މިސްކިތް ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި

ޒިކުރާ މިސްކިތް ހަދަން ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި

24 ފެބުރުއަރީ 2020

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތް ކަމަށާއި މިސްކިތް އަޅަން ހުށަހެޅި ޕްރޮޕޯސަލާއި އެއްބަސްވުން ވެސް ދިމާނުވާކަން އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތް ކަމަށާއި މިސްކިތް އަޅަން ހުށަހެޅި ޕްރޮޕޯސަލާއި އެއްބަސްވުން ވެސް ދިމާނުވާކަން އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ޒިކުރާ މިސްކިތް ހަދަން ހަވާލުކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ލަފާ ދެއްވައި އާންމުކުރެއްވި 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިސްކިތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައި ގާނޫނީ ލަފާ ވެސް ހޯދައިފައެއް ނުވެ އެވެ.

"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 9، 2018، ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ އޭރުގެ ސަރުކާރުން ވަނީ ދީފަ އެވެ.

އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

SJ construction ah badhalu dhinumuge massala court in beyrun hallu kuranee

SJ construction ah badhalu dhinumuge massala court in beyrun hallu kuranee

The most trusted news source in the Maldives

Mihaaru

ބަދަލު ދިނުމުގެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަން މަޝްވަރާ ފެށުން

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ ޕްރޮޖެކްޓް ދިނުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށާއި މާލިއްޔަތު ގާނުނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.

ފިނޭންސުން ތައްޔާރުކޮށްފައިވާ އެ ޕްރޮޖެކްޓްގެ ޕްރޮޕޯސަލް އިވެލުއޭޝަން ރިޕޯޓްގައި ބުނެފައިވާ ގޮތުން މަސައްކަތާ ހަވާލުވާ ފަރާތުން މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރާ ހަރަދު ދައުލަތުގެ ބަޖެޓުން އަނބުރާ ދެއްކުމުގެ ބަދަލުގައި އިމާރާތުގެ 10 ފްލޯގެ ތެރެއިން ހަ ފްލޯ، 10 އަހަރު ދުވަހަށް އެ ފަރާތަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް، ސޮއިކޮށްފައިވާ އެއްބަސްވުމުގައިވަނީ އިމާރާތުގެ ތިން ވަނަ ފްލޯ އިން ފެށިގެން މަތީގައި ހިމެނޭ ފްލޯތަކަކީ މަސައްކަތާ ހަވާލުވި ފަރާތުން ހަރަދުކުރާ ފައިސާ ދައުލަތުން އަބުރާ ދެއްކުމުގެ ބަދަލުގައި އެފަރާތަށް 10 އަހަރަށް ދޫކުރާ ތަންތަން ކަމަށެވެ. އެހެންކަމުން ފުރަތަމަ 10 އަހަރު މިނިސްޓްރީ އަށް ލިބޭނެ ކަމަށް އެއްބަސްވުމުގައި ވަނީ ނަމާދު ކުރަން ކަނޑައަޅާފައިވާ ތިން ފްލޯ އެކަންޏެވެ.

ޕްރޮޕޯސަލާއި އެއްބަސްވުމާ ތަފާތު ވެފައިވާތީ. ފުރަތަމަ 10 އަހަރު ކުލީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދު ސައްހަ ނޫން ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. މިނިސްޓްރީން ތައްޔާރުކޮށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ހުށަހެޅި ކަރުދާހުގައި، ފުރަތަމަ 10 އަހަރު ކުލީގެ ގޮތުގައި ސައްވީސް މިލިއަން މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވިޔަސް، ފުރަތަމަ 10 އަހަރު ކުލީގެ ގޮތުގައި މިނިސްޓްރީ އަށް އެއްވެސް އާމްދަނީއެއް ނުލިބޭނެކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ޖެހޭ މުއްދަތުގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވާ މުއްދަތާއި ޕްރޮޕޯސަލްގައިވާ މުއްދަތު ތަފާތުކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ. އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ އިމާރާތުގެ ކުރެހުންތައް ފާސްކުރާ ތާރީހުން ފެށިގެން 25 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންވާނެ ކަމަށެވެ. ނަމަވެސް، އެސްޖޭން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވަނީ މަޝްރޫއުގެ މަސައްކަތް 23 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އެހެންކަމުން، މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރަށް ލިބެންނުވާ މަންފާއެއް ލިބޭނެ ގޮތަކަށް އެއްބަސްވުން ތައްޔާރުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޒިކުރާ މިސްކިތް ތަރައްގީ ކުރަން ހަވާލުކުރި އިރު އެ ބިމަކީ ރަޖިސްޓްރީ ވެސް ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރީ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާ މައިގަނޑު ޑޮކިއުމެންޓް ކަމަށްވާ ބިމުގެ ރަޖިސްޓްރީ ނެތި ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.

ޒިކުރާ މިސްކިތް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަކާ ނުލައިކަން ފާހަގަކޮށް، އެފަދަ އެއްބަސްވުންތަކަކީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކޮށްފައިވާ އެއްބަސްވުންތަކަކަށް ވާން ޖެހޭނެ ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވެ އެވެ.

އެސްޖޭއާ އެކު އިސްލާމިކް މިނިސްްޓްރީން އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ވި އިރު ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެސްޖޭ އިން ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކޮށްފައި ވާއިރު މި ސަރުކާރުގެ ބޮޑެތި ބައެއް ޕްރޮޖެކްޓަތައް ވެސް އެސްޖޭއާ ހަވާލުކޮށް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެންމެ ފަހުން އެ ކުންފުންޏާ ހަވާލުކުރީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ.