މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ދަގަނޑު ހޮޅިތައް ފަރުމަތީގައި ބަހައްޓައިގެން ފަރަށާއި އެ ތަނުގެ ދިރުމަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް އީއައިއޭ އިން ދައްކައިފި އެވެ.
30 ޖޫން 2016
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ދަގަނޑު ހޮޅިތައް ފަރުމަތީގައި ބަހައްޓައިގެން ފަރަށާއި އެ ތަނުގެ ދިރުމަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް އީއައިއޭ އިން ދައްކައިފި އެވެ.
ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ބިމަށް ފައްތާ ދަގަނޑު ހޮޅިތައް ބަހައްޓާފައި ހުރީ ގުޅީފަޅު ފަރުމަތީގަ އެވެ. އޭގެ ތެރޭގައި 15 ސްޓީލް ކޭސިން އާއި 16 ހޮޅި ހިމެނެ އެވެ. އެ ތަކެތި ފަރުމަތީގައި ބަހައްޓާފައި ހުރުމުން ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުން ހޮޅިތައް ހުރީ މުރަކަ އަށް ވުރެ، ގާ ގިނަ ތަނެއްގަ އެވެ. އެ ތަނުގައި ދިރޭ މުރަކަ ހުރި ނިސްބަތް 10 ޕަސެންޓުގައި އުޅޭއިރު، އެއީ ނިސްބަތުން މަދު އަދަދެއް ކަމުން ހޮޅިތައް ބެހެއްޓުމުން ލިބޭ ގެއްލުން ކުޑަވާނެ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެކަމަކު ހޮޅިތަކުގެ ހިޔަނި އެޅި، އަވި ނުލިބުމުގެ ސަބަބުން ދިރޭ މުރަކައިގެ ބައެއް މަރު ވެދާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
ބްރިޖުގެ ހޮޅިތައް ފަރުމަތިން ނަގައިގެން ގެންދިއުމުގެ މަސައްކަތް ކުރަނީ.
މީގެ އިތުރުން ފަރަށް ލިބި ދާނެ ގެއްލުންތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ ބާޖު ފަދަ ބޮޑެތި އުޅަނދު ފަރާ ކައިިރި ކުރަން ޖެހުމާއި ފަރަށް ތެޔޮ އެޅުމާއި އެ ނޫން ވެސް އެ މާހައުލު ތަޣައްޔަރު ވެދާނެ ފަދަ ކަންކަމެވެ. އެ ގެއްލުންތައް ކުޑަކުރަން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ގާބިލް މީހުން ލައްވާ ނޫނީ ހޮޅިތައް ފަރަށް ބޭލުމާއި ގެންދިއުމުގެ މަސައްކަތް ނުކުރުމާއި ވީހާވެސް އަވަހަކަށް އެކަން ކޮށް ނިންމުން އަދި މޫސުން ރަނގަޅު، ކަނޑު މަޑު ދުވަސް ދުވަހު އެކަނި އެ މަސައްކަތް ކުރުން ހިމެނެ އެވެ.
ގުޅީފަޅު ފަރު ނޫން ތަނެއްގައި ހޮޅިތައް ބަހައްޓައިގެން އެ އަށް ވުރެ ވެސް ގެއްލުން ކުޑަކުރެވިދާނެތޯ އީއައިއޭ ހެދި ސީޑީއީ ކޮންސަލްޓިން އިން ބަލާފައިވެ އެވެ. ހުޅުމާލެ، ހުޅުލެ އަދި ތިލަފުށި ފަރު ބެލިއިރު ފާހަގަކުރެވުނީ، އީއައިއޭގައި ވާ ގޮތުން، ހުޅުމާލެ އާއި ހުޅުލެ ފަރުގައި މުރަކަ އާއި އެ ނޫން ވެސް ދިރޭ އެއްޗެހި ނިސްބަތުން ގިނަ ކަމެވެ. އެހެންވެ، އެ ދެ ފަރުގައި ހޮޅިތައް ނުބަހައްޓަން ލަފާ ދީފައިވެ އެވެ. ތިލަފުށި ފަރުގައި ހޮޅިތައް ބަހައްޓައިގެން ފަރަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް ދެއްކިއަސް، އެ ތަނަށް ވުރެ ގުޅީފަޅު ބްރިޖު އަޅާ ސަރަހައްދާ ކައިރިކަން ފާހަގަކޮށްފައިވެ އެވެ.
"އެހެންވެ، [ހޮޅިތައް ބަހައްޓަން] އެންމެ ރަނގަޅު ކަމަށް ފެންނަނީ ގުޅީފަޅު ފަރެވެ،" އީއައިއޭގައިވެ އެވެ.
ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު މިއަދު "މިހާރު" އަށް ވިދާޅުވީ ހުރިހާ ހޮޅިއެއް ޖެހެންދެން އެ އެއްޗެހި ބަހައްޓާނީ ގުޅީފަޅު ފަރުގައި ކަމަށެވެ.
މިހާރު މަސައްކަތްތައް ކުރިއަށް ދާ ނިސްބަތަށް ބަލާއިރު ބްރިޖް އަޅާ ސަރަހައްދުގައި ހޮޅިތައް ޖަހަން އަހަރެއްހާ ދުވަސް ނަގާނެ އެވެ.
ބްރިޖުގެ ތަނބު ޖެހުމުގެ ކުރިން ހޮޅި ފެއްތުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޓުއިޓާ
މުއްތަލިބު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގުޅީފަޅު ތަރައްގީ ކުރަން ގެންގުޅުނު ޕްލޭނުގައި އެ ފަރު ހިއްކަން އޮތީ ނިންމާފަ އެވެ. އެ ކަމަށް ހުއްދަ ވެސް ދީފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހޮޅިތައް ބަހައްޓައިގެން ފަރަށް ލިބޭނެ ގެއްލުންތައް ކުޑަކުރަން އީއައިއޭގައި ލަފާ ދީފައިވާ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
"މިހާރު ހަތަރު ހޮޅި ޖެހިއްޖެ. މިހެން ގޮސް ހޮޅިތައް އެ ތަނުން ނަގަމުން ދާނީ. ވަރަށް ބާރު ސްޕީޑެއްގައި މި މަސައްކަތް ނިންމާލެވޭތޯ މި ބަލަނީ،" މުއްތަލިބު ވިދާޅުވި އެވެ.
ޗައިނާ ކުންފުންޏަކުން އަޅާ ބްރިޖުގައި މައިގަނޑު ފަސް ބައެއް ހިމެނޭއިރު ކޮންމެ ބައެއްގައި ފަސް ތަނބު ޖަހަ އެވެ. އެއިން ކޮންމެ ތަނބެއް ޖަހަނީ ބޮޑު ހޮޅިއެއްގެ ތެރޭގަ އެވެ. ކޮންމެ ހޮޅިއެއް ބިމަށް ފެއްތުމަށް ފަހު އޭގެ ތެރެއިން ފަސް ނަގަން ކޮންނާނީ މެޝިނެއް ބޭނުންކޮށްގެންނެވެ. ކޮނުމަށް ފަހު ރިއިންފޯސްމަންޓް ޖަހާނެ އެވެ. ދެން އޮންނާނީ އޭގެ ތެރެ އަށް ކޮންކްރީޓް އަޅާ ތަނބު ޖެހުމުގެ މަސައްކަތެވެ.
.
އީއައިއޭ ހެދުމުގެ ބާރު އެންވަޔަރްމަންޓް މިނިސްޓްރީ އަށް
ބްރިޖް މަސައްކަތުގައި "ވިކްޓަރީ ރެކް" ހަލާކުވަނީ
ކީރިތިކުރެއްވީ ބުރިޖު ހުޅުވުން ކެންސަލްކުރަން އެންގުމުން
ބްރިޖުން ފީ ނަގާނީ އިގުތިސާދީ ހާލަތަށް ބަލާފައި
ބްރިޖުން ފީއެއް ނަގަން މަޝްވަރާކުރަން ނިންމައިފި
ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގައުމީ ދިރާސާއެއް ބޭނުންވޭ!
ކަރަންޓު ވިއުގައަށް ގެއްލުން ވެދާނެތީ އިންޒާރެއް!
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
އީއައިއޭ ނުހެދުމުން 28 މިލިއަނުން ޖޫރިމަނާކޮށްފި
އެންމެ ގިނައީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުން