Roadha Mihaaru
ޒާޙިލްގެ ސިކުނޑި މަރުވެ، އުންމީދު ކަނޑާލައިފި

ޒާޙިލްގެ ސިކުނޑި މަރުވެ، ޑޮކްޓަރުން އުންމީދު ކަނޑާލައިފި

21 ސެޕްޓެމްބަރ 2017

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިބްރާހިމް ޒާހިލްގެ ސިކުނޑި މަރުވެ، އޭނާ ދިރިއޮވެދާނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލައިފި ކަމަށް އާއިލާއިން ބުނެފި އެވެ..

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިބްރާހިމް ޒާހިލްގެ ސިކުނޑި މަރުވެ، އޭނާ ދިރިއޮވެދާނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލައިފި ކަމަށް އާއިލާއިން ބުނެފި އެވެ..

އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ޒާހިލްގެ ސިކުނޑި މަސައްކަތް ނުކުރާ ކަމަށާއި އޭނާގެ ހާލު ވެސް މިއަދު ވަރަށް ސީރިއަސް ކަމަށެވެ.

އޭނާ ބުނިގޮތުގައި ޒާހިލްގެ މުޅި ހަށިގަނޑުގައި ޖަރާސީމު އުފެދިފައިވާ ކަމަށާއި ނިއުމޯނިއާގެ މައްސަލަ ވެސް ބޮޑުވަމުންދާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ހާލު ސީރިއަސްވުމުން އެއްވެސް ތަނަކަށް ނުގެންދެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ޒާހިލަށް މިހާރު ފަރުވާ ދެމުން އަންނަނީ ކޮޗިންގެ ހޮސްޕިޓަލެއްގަ އެވެ. ރާއްޖެ ގެންދަން ޑޮކްޓަރުން ލަފާދިން ނަމަވެސް އެ އާއިލާއިން މަސައްކަތް ކުރީ ހައިދަރުއާބާދަށް ގެންދިއުމަށެވެ. އެކަމަކު އެހެން ތަނަކަށް ނުގެންދެވޭނެ ކަމަށް ޑޮކްޓަރުން އެންގުމާ އެކު، އެނބުރި ރާއްޖެ ވެސް އާދެވޭކަށް ވެސް، އަދި ހައިދަރުއާބާދަށް ވެސް ގެންދެވޭކަށް ނެތެވެ.

"މީގެ ދެތިން ހަފުތާ ކުރިން ޑޮކްޓަރު ބުނީ ރާއްޖެ ގެންދަންވީ ނޫންހޭ، މިކޮޅުން ދެވޭނެ އިތުރު ފަރުވާއެއް ނެތޭ. އެކަމަކު އަޅުގަނޑުމެން އުޅުނީ ހައިދަރުއާބާދަށް ދާން. މިދިޔަ ހަފުތާގައި އަނެއްކާ ޑޮކްޓަރުން ބުނެފި އިތުރު ތަނަކަށް ނުގެންދެވޭނެއޭ އެހެންވެ ރާއްޖެ ގެންދެވޭކަށް ވެސް މިހާރަކު ނެތް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

"މިއަދު ވަރަށް ހާލު ދެރަ. ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނުކުރޭ. ހަމައެކަނި ވެންޓިލޭޓަރުގައި އޮތްކަން. މިއަދު ބަލާފައި އެ ބުނީ ސިކުނޑި ވެސް މަރުވެފައިވާ ކަމަށް. ޒާހިލަށް އެންމެންގެ ހެޔޮދުއާ ކޮށްދިނުން އެދެން،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ހދ. ނެއްލައިދު އަށް އުފަން ޒާހިލް މި ބަލީގައި އުޅޭތާ 18 އަހަރު ވީ އެވެ. އުފަންވީއްސުރެ ޒާހިލުގެ ސިއްހަތަށް އެކި މައްސަލަތައް ދިމާވަމުން ގޮސް، އޭނާ އަށް އެއްޗެއް ނުކެވޭތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އޭނާ އަށް ވަރަށް ގިނަ ދިވެހިން ފައިސާގެ ގޮތުން އެހީވުމުން ބޭރުގެ އެކި ހޮސްޕިޓަލްތަކުން ފަރުވާކޮށްގެން ވެސް ވަނީ ރަނގަޅު ނުވެފަ އެވެ.