Roadha Mihaaru
ސިކުނޑި "މަރުވި" މީހަކު ސަލާމަތްވެއްޖެ

ސިކުނޑި "މަރުވި" މީހަކު އާދަޔާޚިލާފު ގޮތަކަށް ސަލާމަތްވެއްޖެ

22 ސެޕްޓެމްބަރ 2017

"ސިކުނޑި މަރުވެފައިވާ" އަންހެނެއްގެ ފުރާނަ އިންޑިއާގެ ނިއު ދިއްލީގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ ޑޮކްޓަރުން ބައިޕާސް ސާޖަރީއެއް ހަދައިގެން ސަލާމަތްކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

"ސިކުނޑި މަރުވެފައިވާ" އަންހެނެއްގެ ފުރާނަ އިންޑިއާގެ ނިއު ދިއްލީގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ ޑޮކްޓަރުން ބައިޕާސް ސާޖަރީއެއް ހަދައިގެން ސަލާމަތްކޮށްފި އެވެ.

ސަރަސްވަތީ ދޭވީ ނަމަކަށް ކިޔާ މި މީހާ އޮޕަރޭޝަން ކުރިއިރު އޭނާގެ ސިކުނޑި ގާތްގަނޑަކަށް އޮތީ މަރުވެފަ އެވެ. ސިކުނޑިއަށް އޮކްސިޖަން ދަތުރެއް ނުކުރެ އެވެ. އަދި ބްލަޑް ޕްރެޝާ ލެވެލް ވެސް ހުރީ "ޒީރޯ" ގަ އެވެ.

މި މީހާ އަކީ މީގެ ދުވަސްކޮޅެއް ކުރިން ސްޓެންޓެއް ލައްވަން އޮޕަރޭޝަނެއް ކޮށްފައި ހުރި މީހެކެވެ. އަދި ފަހުން މޭގައި މާގަދަޔަށް ރިއްސާތީ ޓެސްޓްކުރުމުން ހިތުގެ ވަރަށް ބޮޑު މައްސަލައެއް ހުރިކަން ޑޮކްޓަރުންނަށް ފާހަގަ ކުރެވުނެވެ. އަދި ވަގުތުން ބައިޕާސް ސާޖަރީއެއް ހަދަން އޭރު ނިންމި ކަމަށް ހޮސްޕިޓަލުގެ ބަޔާނެއްގައި ބުންޏެވެ.

ފޯޓިސް އެސްކޯޓްސް ހާޓް އިންސްޓިޓިއުޓްގެ ޑޮކްޓަރުން މި އަންހެންމީހާގެ ސާޖަރީއަށް ތައްޔާރުވަމުން ދަނިކޮށް ކުއްލިއަކަށް ވަރަށް ވަރުގަދަ ހާޓް އެޓޭކެއް ޖެހުނީ އެވެ. އަދި ލޭގެ ޕްރެޝަރު ސުމަކަށް ވެއްޓުނީ އެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ސީޕީއާރު ދީގެން ވެސް ރަނގަޅު ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ޑޮކްޓަރުން އަވަސް ކޮށްލާފައި ހިތުގެ އޮޕަރޭޝަން ކުރީ އެވެ.

ސާޖަރީ ހަދަން ޖެހޭ ހިސާބު ސްޓްރެލައިޒްކުރުމުގެ އިތުރުން ޗެސްޓް ކެވިޓީ ހުޅުވުމާ ހަމައަށް ނެގީ އެންމެ 10 މިނިޓް ކަމަށާއި އެ ވަގުތުކޮޅުގެ ތެރޭގައި ހާޓް ބީޓާއި ބްލަޑް ޕްރެޝަރު "ޒީރޯ" އަށް ދިޔަ ކަމަށާއި އެވަގުތުތަކުގައި ގުނަވަންތަކަށް ލޭ ސަޕްލައިކުރުން މުޅިން ބަންދުވި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

"ސިކުނޑިއަށް އޮކްސިޖަން ނުލިބި ގިނަ އިރުތަކެއް ނުވެ ވޭތޯ އަހަރެމެންނަށް ވަރަށް ހަލުވިކޮށް މަސައްކަތް ކުރަން ޖެހުނު. ޑޮކްޓަރީ އުސޫލުން ބަލާއިރު އިންސާނެއްގެ ސިކުނޑިއަށް އޮކްސިޖަން ނުލިބި ހަތަރު މިނިޓް ވެއްޖެ ނަމަ އެމީހެއްގެ ސިކުނޑި މަރުވެއްޖެކަމަށް ނިންމާނެ. މި ބަލިމީހާގެ ސިކުނޑިއަށް އޮކްސިޖަން ނުލިބި 10 މިނިޓް ވަންދެން އޮތް،" އެ ހޮސްޕިޓަލުގެ އެސޯސިއޭޓް ޑައިރެކްޓާ (ކާޑިއެކް ސާޖަރީ) އެސް.އެން ކަންނާ ވިދާޅުވި އެވެ.

އާއްމުގޮތެއްގައި ބަލާއިރު ސާޖަރީ ކާމިޔާބު ވިޔަސް ސިކުނޑިއަށް އޮކްސިޖަން ނުލިބި މިހާ ގިނަ އިރުވުމުގެ ސަބަބުން ބަލިމީހާގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރެދާނެ ކަމުގެ ބިރު ޑޮކްޓަރުންނަށް ވަރަށް ބޮޑަށް އޮތެވެ.

"ބަލިމީހާ ހޭއަރާއިރު އޮވެދާނެ ހާލަތަކަށް އަހަރެމެން ތިބީ ވަރަށް ޖެހިލުންވެފައި. ނަމަވެސް ނަސީބަކުން އޭނާގެ ސިކުނޑިއަކަށް އަދި ސިކުނޑީގެ މަސައްކަތަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ. މިއީ ހަމަ އާދަޔާޚިލާފް ކަމެކޭ ބުނެވޭނީ،" ކަންނާ ވިދާޅުވި އެވެ.

ދޭވީ، 50، މިހާރު ވަނީ ބަލި ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.