Roadha Mihaaru
ރައީސް ޔާމީންގެ ފެކްޝަނުން ގާސިމްއާ ބައްދަލުކޮށްފި

ރައީސް ޔާމީންގެ ފެކްޝަނުން ގާސިމްއާ ބައްދަލުކޮށްފި

01 ޖުލައި 2016

ވެރިކަން ކުރާ ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މިރޭ ބައްދުލުކުރައްވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ވެރިކަން ކުރާ ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މިރޭ ބައްދުލުކުރައްވައިފި އެވެ.

ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ބޮޑުވެ، އެ ޕާޓީ ތެރޭގައި ދެ ފެކްޝަން ވަނީ އުފެދިފަ އެވެ. އެއީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުންނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަފާތެރި ބޭފުޅުންގެ ދެ ޓީމެވެ.

ރައީސް ޔާމީނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ކައުންސިލް ދެ މެމްބަރުން ކަމަށްވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، ގާސިމްގެ ގެ، މ. މާފަންނުވިލާ އަށް ވަޑައިގަތީ މިރޭ 9:00 ހާއިރު އެވެ. ދެ ގަޑިއެއްހާއިރު ފަހުން، 11:30 ހާއިރު އެ ދެ ބޭފުޅުން އެ ގެ އިން ނުކުމެވަޑައިގެން ޒަމީރުގެ ކާރުގައި ވަޑައިގެންނެވީ އެވެ.

ޒަމީރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވެސް މީޑިއާ އަށް އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެ އެވެ. އެއީ ކޮން ބައްދަލުވުމެއްތޯ އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކެރެވުނީ ކޮން ކަމަކާ ގުޅޭ ގޮތުންތޯ "މިހާރު"ން ދެންނެވުމުން ގާސިމް ވިދާޅުވީ "މަޝްވަރާ ކުރާނެ ވަރަށް ގިނަ ކަންކަން ހުންނާނެ ނޫންތޯ" އެވެ.

"ދެން އެެހެން އިރަކުން ދެއްތޯ؟ އަޅުގަނޑު ވަރަށް ހަޑިކޮށް މި ހުރީ،" ގާސިމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާ މިރޭ ބައްދަލުކުރެއްވުމަށް ފަހު ގާސިމް ނުކުމެވަޑައިގެން ދޮރުމަތީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާ މިރޭ ބައްދަލުކުރެއްވުމަށް ފަހު ގާސިމް ނުކުމެވަޑައިގެން ދޮރުމަތީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަމީރާއި އަބްދުއްރަހީމް ގާސިމާ ބައްދަލުކުރައްވަމުން ގެންދެވިއިރު، މައުމޫން ވަނީ ނޫސްވެރިންނަށް ބަޔާނެއް ދެއްވާފަ އެވެ. އެ ބަޔާނުގައި އެ މަނިކުފާނު ވަނީ ޕާޓީގެ އެތެރޭގެ ހިންގުން ބޮއްސުންލާފައިވާ ކަމަށް ވިދާޅުވެ، އެ ކަންކަން ރަނގަޅު ކުރަން އިސްލާހީ އެޖެންޑާއެއް އިއުލާން ކުރައްވާފަ އެވެ.

މިރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ގާސިމްގެ ބައިވެރިވުމާާ އެކު އެވެ. އެކަމަކު، ވެރިކަމަށް މާ ގިނަ ދުވަސް ނުވަނީސް، މަޖިލީހުގެ ރައީސަކު އިންތިހާބު ކުރުމުގެ މައްސަލައިގައި ޖެހުނު ހިޔާލު ތަފާތުވެ، ގާސިމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތެވެ. ފަހުން އަނެއްކާ ވެސް ސަރުކާރަށް ތާއީދު ކުރައްވަން ފެއްޓެވީ އޭނާގެ ވިޔަފާރިތަކަށް އިންތިހާ އަށް ދަތިކޮށް، ބައެއް ވިޔަފާރިތައް ބަނގުރޫޓު ވާ ހިސާބަށް ދިއުމުންނެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާ މިރޭ ބައްދަލުކުރެއްވުމަށް ފަހު ގާސިމް ނުކުމެވަޑައިގެން ދޮރުމަތީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާ މިރޭ ބައްދަލުކުރެއްވުމަށް ފަހު ގާސިމް ނުކުމެވަޑައިގެން ދޮރުމަތީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވީ، ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހަށް ފަހުގަ އެވެ. އެ އިސްލާހާ އެކު ކޮރަޕްޝަނަށް މަގުފަހިވެދާނެތީ، އިސްލާހު ފާސްނުކުރުމަށް މައުމޫން ތަކުރާރުކޮށް ދެންނެވި ނަމަވެސް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ ހަމައެކަނި މެމްބަރަކީ ފާރިސް މައުމޫނެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ވޯޓު ނެގި ވަގުތު ހުންނެވީ މަޖިލިހުގެ ޗެމްބަރުން ބޭރުގަ އެވެ.

ފާރިސް އާއި ވަހީދު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުމާ ހިލާފަށް ވޯޓު ދެއްވި މައްސަލާގައި އެބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް އިއްޔެ ހުށަހެޅި އެވެ. އަދި އެންމެ ފަހުން މައުމޫން ވަނީ އެމަނިކުފާނުގެ ހުއްދަ ނެތި، ޕާޓީގެ އެއްވެސް ކޮމިޓީއެއް ނުބޭއްވޭނެ ކަމަށް އަންގަވައިފަ އެވެ. މީގެ އިތުރުން މައުމޫން އައްޔަން ކުރައްވާފައިވާ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މަތިކޮށްފައިވާ ޕީޕީއެމްގެ މަސްއޫލިއްޔަތުތައް ވެސް މައުމޫން ވަނީ ރޭ އަތުލައްވާފަ އެވެ. ޕީޕީއެމްގެ އިދާރީ ހިންގުމުގައި މިހާތަނަށް އިސްކޮށް ހުންނެވީ އަބްދުއްރަހީމެވެ. އަދި މައުމޫން ވަޑައިގެން ނެތް ހާލަތެއްގައި ޕާޓީގެ ކައުންސިލް ބޭއްވުމާއި މައްސަލަތައް އެޖެންޑާ ކުރުމުގެ ބާރު ވެސް އަބްދުއްރަހީމަށް އޭރު އޮތީ ދީފަ އެވެ. އެކަމަކު މައުމޫން ވަނީ އެ ބާރުތައް ވެސް ރޭ އަތުލައްވާފަ އެވެ.

ރައީސް ޔާމީނަށް ތާއީދުކުރައްވާ، ޕީޕީއެމްގެ ކައުންސިލް މެމްބަރުންތައް ރައީސް އޮފީހުގައި ވަނީ މިއަދު މެންދުރުފަހު ބައްދަލުކުރައްވާފަ އެވެ. އެއާ ވިދިގެން މައުމޫން ވަނީ ޕީޕީއެމް އޮފީހުގައި އެ މަނިކުފާނަށް ވަފާތެރި ބޭފުޅުންތަކަކާ އެކު ބައްދަލުކުރައްވައި މަޝްވަރާ މަޖިލީހެއް އެކުލަވާލައްވާފަ އެވެ.

ޕާލިމެންޓްރީ ގްރޫމާއި ކައުންސިލް އެއްކޮށްހެން އޮތީ ރައީސް ޔާމީނާ އެކު އެވެ. އަދި 65 އަހަރުން މަތީގެ ބޭފުޅަކަށް ޕާޓީއެއްގެ ރައީސްކަން ނުކުރެއްވޭ ގޮތަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފަ އެވެ. އެ ބިލް އައުމާ އެކު، މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭނެ އެވެ.