Roadha Mihaaru
އަބްދުއްރަހީމްގެ އަބުރެއް ނެތް: ސަމީރު

އަބްދުއްރަހީމްގެ އަބުރެއް ނެތް، ވެރިކަމުގައި ސިއްކަ ޖަހާނަން: ސަމީރު

11 ފެބުރުއަރީ 2018

ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަކީ އަބުރު ގެއްލިފައިވާ ބޭފުޅެއް ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިއްކަ ޖަހާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު، އަބްދުއްރަހީމަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަކީ އަބުރު ގެއްލިފައިވާ ބޭފުޅެއް ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިއްކަ ޖަހާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު، އަބްދުއްރަހީމަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

އޭނާގެ ފާޑުވިދާޅުވުން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމަށް މި އަމާޒުކުރީ، ސުޕްރީމު ކޯޓުން އަމުރެއް ނެރެގެން ވެރިކަން ބަދަލު ކުރުމަށް ގެންނަން އުޅުނު "ބަޣާވާތު"ގެ އެންމެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ކަމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަބްދުއްރަހީމް ވިދާޅުވުމާ ގުޅިގެންނެވެ.

އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، ހުކުމުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް މި މަހު 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރެ، އެ ކަންތައްތައް ރާވާ ހިންގެވީ ގާސިމް ކަމަށާއި އެއީ ގައުމަށް ޣައްދާރުވެފައިވާ ބޭފުޅެއް ކަމަށެވެ. އެކަމަކު ދެ ވަނަ ފަހަރަށް ރައްޔިތުންގެ ގައިގައި އެ ކަށި ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމަށް ރައްދު ދިނުމަށް ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ދައްކަވާ ވާހަކައަކުން އެ ޕާޓީ އާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތަށް ހީނަރު ކަމެއް ނާންނާނެ ކަމަށެވެ. އަދި ކުރު މުސްތަގުބަލެއްގައި، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ އަބްދުއްރަހީމް ޓީވީތަކަަށް އަރުއްވައިގެން ދައްކަވަނީ ރައީސް ޔާމީން ވިދާޅުވާ ވާހަކަތަކެއް ކަމަށެވެ. އަދި ހަމަޖެނުޖެހުން އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް ސަމީރު ގޮވާލެއްވި އެވެ.

"ތި ގޮތަށް ބަޔަކު ނެރެގެން ގައުމުގައި ހަމަޖެހުން އުފެދޭ ގޮތަށް، އަބުރު ގެއްލިފައިވާ ބޭފުޅުން މެދުވެރި ކުރައްވައިގެން ތި ދައްކަވާ ވާހަކަތައް ހުއްޓާލާ،" ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ސަމީރު ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާސިމް ކޮންމެ ކަމެއް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިނާއި ދައުލަތުގެ މުއައްސަސާއަށް ތަކަށް ފުރިހަމަައަށް އިހްތިރާމް ކުރައްވައިގެންނެވެ. އަދި ފުލުހުންނާއި ސިފައިންނާ މެދު ގާސިމް ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާސިމް ގަބޫލު ކުރައްވަނީ ފުލުހުންނާއި ސިފައިން ތިއްބަވާނީ ރައްޔިތުންނަށް ހެވާއި ލާބައަށް ރައްޔިތުންގެ ނިންމުމާ އެއްގޮތަށްކަން،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ގައުމު ހަލަބޮލި ކުރަން ރައީސް ޔާމީން ކިތަަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ޕާޓީތައް ބައިބައި ނުކޮށްލެވޭނެ ކަމަށެވެ. އަދި ގާސިމް ހުންނެވީ އިދިކޮޅު ޕާޓީތަކާ އެކުގައި ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތައް މިހާރު އޮތް އިއްތިހާދުން ވަކިވާ ނަމަ އެކަން ކުރާނީ ރީތި ގޮތުގައި، ވާހަކަ ދައްކައިގެން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަންކަން ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގާސިމްގެ ދަރިކަލުން، އިބްރާހީމް ސިޔާދު ގާސިމް ފުލުހުން ހައްޔަރުކޮށް އަނިޔާވެރިވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.