Roadha Mihaaru
ދެ ޒުވާނުން މަރުވީ "މަޖަލުގެ" ތެރޭގައި ތިއްބާ!

ދެ ޒުވާނުން މަރުވީ "މަޖަލުގެ" ތެރޭގައި ތިއްބާ: ރަހުމަތްތެރިިން

29 ސެޕްޓެމްބަރ 2017

ހުޅުމާލޭގައި ރޭ ޒުވާން ފިރިހެނަކާއި އަންހެނަކު މަރުވީ، ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާ އެއްކޮށްގެން ބޮއިގެން ތިބެ މަޖާކުރަމުން ދަނިކޮށް ކަމަށް އެކަން އެނގޭ ބަޔަކު "މިހާރު" އަށް ކިޔައިދީފި އެވެ. އަދި އެކަމާ ބެހޭ ބައެއް ހެކިތައް ރެއާއި މިއަދު ފުލުހުން ވަނީ ހޯދައިފަ އެވެ.

ހުޅުމާލޭގައި ރޭ ޒުވާން ފިރިހެނަކާއި އަންހެނަކު މަރުވީ، ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާ އެއްކޮށްގެން ބޮއިގެން ތިބެ މަޖާކުރަމުން ދަނިކޮށް ކަމަށް އެކަން އެނގޭ ބަޔަކު "މިހާރު" އަށް ކިޔައިދީފި އެވެ. އަދި އެކަމާ ބެހޭ ބައެއް ހެކިތައް ރެއާއި މިއަދު ފުލުހުން ވަނީ ހޯދައިފަ އެވެ.

ހުޅުމާލޭގައި ރޭ ވަރަށް ކުއްލި ގޮތަކަށް މަރުވެފައި ވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، އެވެ. ދެ މީހުންގެ ތެރެއިން ހާމީނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމާލެ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. ސަމާ އާއި ހާމީނަކީ ގާތް ދެ ރަހްމަތްތެރިން ކަމަށްވެ އެވެ.

މި ދެ ޒުވާނުންގެ ތެރެއިން ހާމީން މަރުވީ އޭނާ ގޭގައި ހުއްޓާ މެއަށް ތަދެއް އަރައިގެން ކަމަށާއި ސަމާ މަރުވީ ގެނބިގެން ކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނު ނަމަވެސް، އެއީ ދޮގުކަން މިހާރު ވަނީ ކަށަވަރު ވެފަ އެވެ. އަދި މި ދެ މަރާ ގުޅިގެން ފުލުހުން މިހާރު ވަނީ ހަތަރު މީހަކު ހައްޔަރުކޮށް، އެ ދެ މަރާ ގުޅޭ ތަންތަން ބަލައި ފާސްކޮށްފަ އެވެ.

އުފަންދުވަހުގެ ޕާޓީއަކަށް ތައްޔާރުވި

ސަމާ މަރުވިއިރު، އޭނާ ދިޔައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ. ސަމާ އިންނަން ތައްޔާރުވަނީ ހާމީންއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހަކާ އެވެ. ކައިވެނީގެ ހަފްލާ އަންނަ މަހު ބޭއްވުމަށް އައީ މަސައްކަތް ކުރަމުން ކަމަށް އެ މީހާ ބުންޏެވެ. ސަމާ އަކީ ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ގޭސްގެ މުވައްޒަފެކެވެ.

ސަމާ އާއި ހާމީން ވެސް ހިމެނޭ ގޮތަށް އިތުރު ރައްޓެހިންތަކެއް ވެގެން އެ މީހުންގެ ރަހުމަތްތެރިއެއްގެ އުފަންދުވަހުގެ ޕާޓީއެއް ރޭ ބާއްވަން އުޅުނެވެ. އެ ޕާޓީ ރޭ 12 ޖަހާއިރު ބާއްވަން އޮތީ ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި ރޭ ހިނގައިދިޔައީ އެ ޕާޓީ އަށް ތައްޔާރުވުމުގެ ތެރޭގައި ގުރޫޕެއްގެ ތެރޭގައި ހިނގައި ދިޔަ ކަންތައްތަކެކެވެ.

ރޭ މަރުވި އެކަކުގެ ހަށިގަނޑުގެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުން ނެރެގެން ގެންދަނީ. -- ފޮޓޯ: މުހައްމަދު ޔާމީން/މިހާރު

ރޭ މަރުވި އެކަކުގެ ހަށިގަނޑުގެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުން ނެރެގެން ގެންދަނީ. -- ފޮޓޯ: މުހައްމަދު ޔާމީން/މިހާރު

އެކަމަށްޓަކައި ހުޅުމާލެ އިން ގެއަކުން ކޮޓަރިއެއް ހިފައި، ޕާޓީ އާ ބެހޭ ސައްލާތައް ކުރަމުން ދިޔަ ކަމަށްވެ އެވެ. އަދި ތިން ބުރިއަށް ހަދާފައި ހުރި އެ ގޭގެ ކުރިމަތީގައި އޮންނަ ގޮނޑުދޮށުގައި އެ އެންމެން ސަކަރާތް ޖަހައި މަޖާ ކުރި މަންޒަރު ފެނުނު ބަޔަކު ވެސް އެބަ ތިއްބެވެ. އެ މީހުންނަކީ އެގޮތަށް ވަރަށް ގިނައިން އެކުގައި ފެންނަ ބައެއް ކަމަށް ވެ އެވެ.

ޑްރަގް ޓެބްލެޓްތަކެއް ބޭނުންކުރި ކަމުގެ ތުހުމަތު

ސަމާ އާއި ހާމީންއާ އެކު އިތުރު ބަޔަކު ރޭ އެލްއެސްޑީ ޑްރަގް ޓެބްލެޓް ބޭނުން ކުރި ކަމަށް އެކަން ދެނެހުރި މީހަކު ބުންޏެވެ. އޭގެ ތެރެއިން ސަމާ އާއި ހާމީން އެ ބޭނުން ކުރީ އަލަށް ކަމަށް ވެސް ވެ އެވެ.

"ބާރުގަދަ އެނާޖީ ޑްރިންކަކަށް ބޭސް ގުޅަތަކެއް އަޅައިގެން އެ މީހުން އެ ބޮނިކޮށް އެކަމެއް ހިނގީ. އެ މީހުން އޭރު ތިބީ ގޮނޑުދޮށުގައި ސަކަރާތް ޖަހަން. ޑޮކްޓަރުން ވެސް ޔަގީންކަން އެބަދޭ، ގެނބިގެން މީހަކު މަރު ނުވާ ކަމަށާއި އެއްޗެއް ބޭނުންކޮށްގެން ވި ކަމެއް ކަން،" މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ.

ފުލުހުން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން، ޕާޓީ ޑްރަގްސް ނުވަތަ ޕާޓީތަކުގެ ތެރޭގައި "ކިކް" ގެންނަން ބޭނުން ކުރާ ޒާތުގެ ބާރުގަދަ ޑްރަގްސް އެ މީހުން ތިބި ތަނުން ވަނީ ފެނިފަ އެވެ.

މަރުވި ދެ ޒުވާނުން ތިބި ގެ ހުރި ސަރަހައްދު ފުލުހުން މިއަދު ބަންދުކޮށްފައި

މަރުވި ދެ ޒުވާނުން ތިބި ގެ ހުރި ސަރަހައްދު ފުލުހުން މިއަދު ބަންދުކޮށްފައި

ހާމީން މަރުވީ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަނިކޮށް

އެ ގުރޫޕުގެ ގާތް މީހަކު ކިޔައިދިން ގޮތުގައި ޓެބްލެޓް ބޭނުން ކުރުމުން، ފުރަތަމަ މެޔަށް ތަދެއް އެރީ ހާމީންގެ އެވެ. އެހެންވެ، އޭނާ ރަނގަޅު ކުރުމަށް ޓަކައި އެކުގައި އުޅުނު ރައްޓެހިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. އެކަމަކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ގޭގެ ފަސްޓް ފްލޯގެ ކޮޓަރި ތެރޭގައި އެ ޒުވާނާ ވަނީ މަރުވެފަ އެވެ.

އޭނާ ކާރަކަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔައީ ރޭ 8:30 ހާއިރު އެވެ. އެ މީހުންނާ އެކުގައި އެއްކޮށް އުޅުނު އެހެން ޒުވާނަކަށް ލިބުނު ޝޮކަކާ ގުޅިގެން އޭނާ އަށް ފަރުވާދިނުމަށް ވެސް ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނީ އެ ދެ މީހުން ގެންދިޔައިރު އެ މީހުންގެ ގައިގައި ވެލި ހުރި ކަމަށާއި އެ މީހުން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ގައިގައި ވެސް ވެލި ހުރި ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް ފުލުހުންނާއި ހޮސްޕިޓަލަކުން ވެސް އަދި ނުދެ އެވެ.

ސަމާ މަރުވީ ގަޑިއެއްހާއިރު ފަހުން

ސަމާ މަރުވީ ހާމީން މަރުވިތާ ގަޑިއެއްހާ އިރު ފަހުންނެވެ. ސަމާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި އެ މީހުންނާ އެކު އުޅުނު އިތުރު ދެ ޒުވާނަކު ވެސް ހޮސްޕިޓަލަށް ފަހުން ގެންދިޔަ އެވެ.

"ސަމާ އަށް ވެސް އެހެން ވެގެން ގޭގެ ކޮޓަރި އަށް ވައްދައިގެން ވަރަށް ބޮޑަށް މަސައްކަތް ކުރި ރަނގަޅު ކުރެވޭތޯ. ދެ މީހުންގެ ހެޔަށް ގޮތް ވާން ފެށީމަ، ގޮނޑުދޮށުގައި ތިބި އެންމެން ވެގެން ސަމާ އާއި ހާމީން ގޮވައިގެން ވަނީ ގޭގެ ކޮޓަރި އަށް ކަމަށް ވަނީ،" އޭނާ ބުންޏެވެ.

މަރުވި ދެ ޒުވާނުންނާއި ރަހުމަތްތެރިން ތިބި ގެ (ވާތްފަރާތުން ދެ ވަނަ އަށް ކްރީމް ކުލަ ލާފައި) އަދި އެ މީހުން ހަރަކާތްތެރިވި ހުޅުމާލޭގެ ސަރަހައްދު

މަރުވި ދެ ޒުވާނުންނާއި ރަހުމަތްތެރިން ތިބި ގެ (ވާތްފަރާތުން ދެ ވަނަ އަށް ކްރީމް ކުލަ ލާފައި) އަދި އެ މީހުން ހަރަކާތްތެރިވި ހުޅުމާލޭގެ ސަރަހައްދު

އާސަންދަ އިން ބުނީ ހުޅުމާލޭގައި ހިނގި މަރުގެ ދެ ހާދިސާއާ ގުޅިގެން ފުލުހުުންގެ ބެލުމުގެ ދަށުން ދެ ފިރިހެނަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތަކެއް ހަދާފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އާސަންދަ އިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ޔޫރީން ޓެސްޓުތަކެއް ވަނީ ހަދައިފަ އެވެ. އަދި ހައްޔަރުކުރީ ޑްރަގަށް ޕޮޒިޓިވްވި ޒުވާނެއް ކަން އެނގިފައިވެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ވެސް ފުލުހުން އަދި އެއްވެސް އެއްޗެއް ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ.

ދެ މަރުން ރަހުމަތްތެރިން ޝޮކްގައި

ސަމާ އާއި ހާމީންގެ މަރާ ގުޅިގެން އެ މީހުންގެ ރަހުމަތްތެރިންނާއި އާއިލާ ވެސް ތިބީ ޝޮކްގަ އެވެ. ހާއްސަަކޮށް، ޑްރަގާ ގުޅުވައިގެން މި ދެކެވޭ ވާހަކަތަކުގެ ސަބަބުންނެވެ. ބައެއް މީހުން ބުނި ގޮތުގައި ދެ ޒުވާނުންނަކީ ވެސް ހިތްހެޔޮ، ވަރަށް ރަނގަޅު ދެ ޒުވާނުންނެވެ. އެ ދެ މީހުން ޑްރަގް ޓެބްލެޓް ބޭނުންކޮށްފާނެ ކަމާމެދު އެ މީހުން ސުވާލު އުފައްދަ އެވެ. އަދި މިއީ ބަޔަކު ގަސްދުގައި އެ މީހުންނަށް ދިން ލަނޑެއް ކަމަށް ބުނުމުގެ ޖާގަ ވެސް އެބައޮތް ކަމަށް އެކަކު ބުންޏެވެ. އޭގެ އެއް ސަބަބެއް ކަމަށް ބުނަނީ މިއީ އެ ދެ މީހުން މީގެ ކުރިން ދުވަހަކު ވެސް ބޭނުން ކުރި އެއްޗަކަށް ނުވުމެވެ. ހަމަ އެހެންމެ، ހާމީން ދަންނަ މީހުން ބުނަނީ އޭނާއަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ނޫން ކަމަށާއި ބަސް މަދު އަހުލާގު ރަނގަޅު މީހެއް ކަމަށެވެ.

ސަމާ އާއި ހާމީންގެ ހަށިގަނޑު ހުޅުމާލޭ ހޮސްޕިޓަލްގައި ބާއްވާފައި އޮތްއިރު، ފުލުހުން އަންނަނީ އެ މައްސަލަ ބާރަށް ތަހުގީގު ކުރަމުންނެވެ. އަދި ތުހުމަތު ކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ބައެއް މީހުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގަށް ބަޔާން ނަގައިފަ އެވެ.

މި ދެ ޒުވާނުންގެ ޖަނާޒާ ބާއްވާނެ އިރެއް އަދި ނުނިންމަ އެވެ. އެކަމަކު، ހުޅުމާލެ ހޮސްޕިޓަލްގައި ދެ ޒުވާނުންގެ މޫނު ބެލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ.