Roadha Mihaaru
މޫނު ބުރުގާ މަނާކުރި ގަވާއިދަށް އަމަލު ކުރަން ފަށައިފި

މޫނު ބުރުގާ މަނާކުރި ގަވާއިދަށް އޮސްޓްރިއާގައި އަމަލު ކުރަން ފަށައިފި

02 އޮކްޓޯބަރ 2017

ވިއެނާ (އޮކްޓޯބަރު 2) - އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރާ ގަވާއިދަށް އޮސްޓްރިއާގައި އިއްޔެ އިން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވިއެނާ (އޮކްޓޯބަރު 2) - އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރާ ގަވާއިދަށް އޮސްޓްރިއާގައި އިއްޔެ އިން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ސްކޫލްތަކާއި ކޯޓު ފަދަ ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރަން އޮސްޓްރިއާގެ ވެރިކަންކުރާ ކޯލީޝަނުން އެއްބަސްވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ސަރުކާރުން ބުނީ އަންހެނުން ބޭރު ތެރޭގައި އުޅޭ އިރު ބޮލުގެ އިސްތަށިގަނޑުން ފެށިގެން ދަތްދޮޅިއާ ހަމައަށް މޫނު ރީއްޗަށް ފެންނަން ވާނެ ކަމަށެވެ. އަދި އެއީ އޮސްޓްރިއާގެ އަގު ހިފެހެއްޓުމަށް ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އޮސްޓްރިއާގައި މޫނު ބުރުގާ މަނާކުރި އިރު އެ ގައުމުގައި މި މަހު ފަހުކޮޅު އާއްމު އިންތިޚާބު ބާއްވާނެ އެވެ. އަދި މިއީ ފްރީޑަމް ޕާޓީ އަށް ވޯޓު ހޯދަން ކުރި ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ވެރިކަން ކުރާ ކޯލީޝަނުން ކުރިން ބުނެފައި ވަނީ އޮސްޓްރިއާ އަކީ ހުޅުވިފައިވާ މުޖްތަމައެއް އޮންނަ ގައުމެއް ކަމަށާއި އެހެންވެ އާއްމު ތަންތަނުގައި މޫނު ނިވާކޮށްގެން ނޫޅެވޭނެ ކަމަށެވެ.

މުސްލިމް ޖަމާއަތްތަކުން ވަނީ މި ބަދަލު ކުށްވެރިކޮށްފަ އެވެ. އަދި ބައި މަދު މުޖްތަމައުތަކުގެ ހައްގު ވެސް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އޮސްޓްރިއާގައި މޫނު ބުރުގާ އަޅަނީ ގާތްގަނޑަކަށް 150 މީހުން ކަމަށްވެ އެވެ. އޮސްޓްރިއާގެ އަށް މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 700،000 އެވެ.

އޮފިޝަލުން ބުނެފައި ވަނީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ގަލްފުގެ ގަައުމުތަކުން އަންނަ ޓޫރިސްޓުން މަދުވާނެ ކަމަށެވެ. ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މޫނު ބުރުގާ މަނާ ކުރުމުގެ އަމުރު ބައެއް ރިސޯޓްތަކުގައި ވެސް ހިނގާނެ ކަމަށެވެ.

ޔޫރަޕުގެ އެހެން ބައެއް ގައުމުތަކުގައި ވެސް ވަނީ މި ބާވަތުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ފްރާންސާއި ބެލްޖިއަމުން ވަނީ 2011 ވަނަ އަހަރު ބުރުގާ މަނާކޮށްފަ އެވެ. އަދި ޖަރުމަނުގައި ވެސް ވަނީ މޫނު ބުރުގާ މަނާ ކުރަން ނިންމައިފަ އެވެ. އެކަމަކު މޫނު ބުރުގާ އެޅުމަކީ އިނގިރޭސި ވިލާގުގައި ހުއްދަ ކަމެކެވެ.