Roadha Mihaaru
މޫނު ބުރުގާގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

މޫނު ބުރުގާގެ މައްސަލަ އަރަބިއްޔާ ބެލެނިވެރިން ކޯޓަށް ހުށަހަޅައިފި

02 އެޕްރީލް 2023

އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ރެހެންދި ޗޭމްބާސް ލޯފާމުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ޤާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެ، ބަލައިގަނެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވެފައި ވާތީ ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކޯޓުން ވަކި ގޮތެއް ނިންމަން ދެކަށް، މޫނު ބުރުގާ އަޅައިގެން ކުދިންނަށް ސްކޫލަށް ނުދެވޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި އަރަބިއްޔާ ސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން

- އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ތައުލީމު ލިބިގަތުމަކީ ރާއްޖޭގެ ކޮންމެ ކުއްޖަކަށް ލިބިފައިވާ ގާނޫނީ ހައްގެއް.

- އެއްވެސް ސަބަބަކާ ހުރެ އެއްވެސް ކުއްޖަކު އުނގެނުމުގެ ހައްގުން މަހުރޫމް ކުރުމަކީ ގާނޫނާއި ގަވާއިދުތަކުން ހުއްދަ ކުރާ ކަމަކަށް ނުވުން.

- ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދާއި ސްކޫލްގެ ޔުނިފޯމް ކޯޑު ސަރުކާރުގެ ގެޒެޓްގައި ނުޖަހައި އާންމުކޮށްފައިވުން.

- އެއްވެސް ކުއްޖަކަށް ސްކޫލަށް ނުދެވޭނެ ގޮތަކަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރުމަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ކަމަކަށް ވުން.

- މޫނު ބުރުގާ އެޅުމަކީ ރާއްޖޭގައި މުޖުތަމައު ގަބޫލުކުރާ ކަމަކަށް ވާތީ ސްކޫލް ކުދިންނަށް ވެސް ފުރުސަތު އޮންނަ ޖެހޭ.

- އަރަބިއްޔާގައި މޫނު ބުރުގާ އަޅާ ކުދިންނަށް ސްކޫލަށް ނުދެވޭ ގޮތް ހެދުމުން އެ ކުދިންނަށް މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭނެ ސްކޫލެއް ނެތުމުން، ތައުލީމުން މަހުރޫމުވުން.

- ސްކޫލްތަކުގެ ޔުނިފޯމް ކޯޑާއި އާންމު ގަވާއިދުތައް ހެދުމަކީ ސަރުކާރަށް ލިބިފައިވާ ބާރަކަށް ވިޔަސް، މުޖުތަމައު ގަބޫލުކުރާ މައްސަލަތަކުގައި ސަރުކާރުން ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން ޖެހޭނެ.

- މި މައްސަލައިގެ ސަބަބުން ދަރިވަރުންނަށް ނަފުސާނީ ގެއްލުން ލިބުން.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި އަރަބިއްޔާ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެއަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް އެދިފަ އެވެ.

ނަމަވެސް މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން، މޫނު ބުރުގާ އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ. އަދި އެ ސްކޫލުގެ ލީޑިން ޓީޗަރުންނާއި ބައެއް ޓީޗަރުން ކުދިން ވަކިން ގެންގޮސްގެން ވެސް މޫނު ބުރުގާ ނެގުމަށް ވާހަކަ ދައްކާ ހަދާ ކަމަށް ބެލެނިވެރިން ތުހުމަތުކޮށްފައިވެ އެވެ.

އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅު އެކަންޏެވެ.

އަރަބިއްޔާ ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. ނަމަވެސް، މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެ ސްކޫލްގައި އެބަތިބި ކަމަށްވެ އެވެ.