Roadha Mihaaru
ތުރުކީ އެއާޕޯޓަށް ހަމަލާ ދިނީ އައިއެސްގެ ބޮޑެއް

ތުރުކީ އެއާޕޯޓަށް ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ އައިއެސްގެ ބޮޑެއް

01 ޖުލައި 2016

ވޮޝިންޓަން (ޖުލައި 1) - ތުރުކީގެ އިސްތަންބޫލްގެ އަތާތުރްކް އެއާޕޯޓަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހުރީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ޓެރަރިސްޓެއް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖުލައި 1) - ތުރުކީގެ އިސްތަންބޫލްގެ އަތާތުރްކް އެއާޕޯޓަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހުރީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ޓެރަރިސްޓެއް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީގެ ހައުސް ކޮމިޓީގެ ޗެއާމަން މައިކަލް މެކްކައުލް ވިދާޅުވީ ޖާނުންފިދާވުމުގެ ހަމަލާ ދިން ތިން މީހުން އެއާޕޯޓް ގޮއްވާލުމުގެ ހުރިހާ ކަމެއް ހިންގީ އައިއެސްގެ ވޯ މިނިސްޓްރީގެ އިސް ލެފްޓިނެންޓެއް ކަމަށްވާ އަޚުމަދު ޗަޓަޔޭވް ކިޔާ މީހެއްގެ ބެލުމުގެ ދަށުން ކަމަށެވެ. ރަޝިޔާގެ ނޯތު ކޯކަސަސް އަށް ނިސްބަތްވާ މި މީހާ އުޅޭ ތަނެއް ނޭނގެ އެވެ. އެކަމަކު އައިއެސްއާ މި މީހާއާ ގުޅުން އޮންނަ ކަމުގެ ހެކި އެބަހުރި ކަމަށް މެކްކައުލް ވިދާޅުވި އެވެ.

އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި ޕޮލިހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި ޕޮލިހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

ސީއެންއެން އަށް މެކްކައުލް ވިދާޅުވީ ޗަޓަޔޭވް ވަނީ އެތައް ފަހަރަކު ސީރިއާ އަށް ދަތުރުކޮށްފައި ކަމަށާއި އޭނާ ހަރަކާތްތެރިވެފަައި ވަނީ އައިއެސްގެ ހަނގުރާމައާ ބެހޭ މިނިސްޓްރީގެ އޮޕަރޭޝަންތައް ހިންގުމުގެ އިސް ލެފްޓިނެންޓެއްގެ ގޮތުގައި ކަމަށެވެ.

އިސްތަންބޫލް އެއާޕޯޓަށް ޖާނުންފިދާވެގެން ދިން ހަމަލާގައި ވަނީ 44 މީހުން މަރުވެ 230 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ޒަޚަމްވި މީހުންގެ ތެރޭން 80 މީހުންނަށް މިހާރު ވެެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެމެރިކާގެ ޓްރެޝަރީން މިދިޔަ އަހަރު ވަނީ ޗަޓަޔޭވް ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފަ އެވެ. އަދި އެމެރިކާ އާއި ތުރުކީގެ ތަންތަނަށް ހަމަލާ ދިނުމަށް އޭނާ ރާވަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އދ. އިން ލަފާކުރަނީ އޭނާ 130 ވަރަކަށް ހަނގުރާމަވެރިން ގެންގުޅޭ ކަމަށެވެ.

އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއަށްފަހު ޒަޚަމްވި މީހުން ވެއްޓިފައި.-- ފޮޓޯ: އޭއެފްޕީ

އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއަށްފަހު ޒަޚަމްވި މީހުން ވެއްޓިފައި.-- ފޮޓޯ: އޭއެފްޕީ

ތުރުކީގެ އޮފިޝަލުން ބުނަނީ ހަމަލާ ދިން ތިން މީހުން ނިސްބަތް ވަނީ ރަޝިޔާ، އުޒްބެކިސްތާން އަދި ކިރްގިސްތާނަށް ކަމަށެވެ. މި ތިން މީހުން މީގެ މަހެއްހާ ދުވަސް ކުރިން ތުރުކީ އަށް އެތެރެވެފައި ވަނީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އިން ކަމަށް ވެސް ބުނެފައިވެ އެވެ. އެ ތިން މީހުން ތިބީ އިސްތަންބޫލްގެ ފާތިހު އަވަށުގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ކަމަށް ވެސް ތުރުކީން ބުނެ އެވެ. ހަމަލާ ދިން މީހުންގެ އެކެއްގެ ޕާސްޕޯޓް ފެނިފައިވާ ކަމަށް ވެސް ތުރުކީ ސަރުކާރުގެ އޮފިޝަލުން ބުނެފައިވެ އެވެ.

ހަމަލާ ދިން މީހުންގެ ސީސީޓީވީ ފުޓޭޖް ފުލުހުން ވަނީ ފާތިހު އަވަށުގައި އެ މީހުން އުޅުނު ސަރަހައްދުގެ މީހުންނަށް ދައްކައިފަ އެވެ. އަދި އެ އަވަށުގެ މީހުންގެ ފަރާތުން ފުލުހުންނަށް ވަނީ އިތުރު މައުލޫމާތު ލިބިފަ އެވެ. އެއާޕޯޓަށް ދިން ހަމަލާއާ ގުޅިގެން ތުރުކީން މިހާތަނަށް ވަނީ 22 މީހުން ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ބިދޭސީ ތިން މީހުން ވެސް ހިމެނެ އެވެ.