Roadha Mihaaru
އައިއެސްގެ ހަމަލާއެއްގައި އިރާގުން 11 މީހުން މަރު

އައިއެސްގެ ހަމަލާއެއްގައި އިރާގުން 11 މީހުން މަރާލައިފި

27 އޮކްޓޯބަރ 2021

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، އިރާގުގައި އިއްޔެ ދިން ހަމަލާއެއްގައި މަދުވެގެން 11 މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލައިފި އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، އިރާގުގައި އިއްޔެ ދިން ހަމަލާއެއްގައި މަދުވެގެން 11 މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލައިފި އެވެ.

އިރާގު ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އައިއެސްގެ ހަނގުރާމަވެރިން ހަމަލާ ދިނީ، ވެރިރަށް ބަގުދާދުގެ އިރުއުތުރުން އޮންނަ ކުޑަ އަވަށެއް ކަމަށްވާ އައްރަޝާދު އަށެވެ. މި ހަމަލާގައި ޒަހަމްވެގެން 25 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރޭގައި ވަރަށް ހާލު ބޮޑު މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. އެހެންކަމުން މި ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އިރާގު ސަރުކާރުން ބުނި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން ހަމަލާ ދިން ސަރަހައްދަށް މިހާރު ވާނީ ސިފައިންނާއި ފުލުހުން ފޮނުވައިފަ އެވެ. އިރާގުގެ ރައީސް ބަރްހަމް ސާލިހް ވިދާޅުވީ އެއްވެސް ހަތިޔާރެއް ނެތް އާންމުންގެ ބަޔަކަށް މިފަދަ ހަމަލާއެއް ދީ ބަޔަކު މަރައިލުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި އައިއެސްގެ ހަނގުރާމަވެރިން ނައްތައިލުމުގެ މަސައްކަތް އިތުރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ގައުމުގެ ހަމަޖެހުން ނަގައިލުމަށް ހިންގި ވަރަށް ދަށު ދަރަޖައިގެ ނުރައްކާތެރި އަމަލެއް. މިއިން އެނގެނީ، އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތައް ނައްތައިލުމުގެ މަސައްކަތް އިތުރު ކުރުމުގެ މުހިންމުކަން. އަދި އަހަރެމެންގެ ސަލާމަތީ ބާރުތައް އިތުރަށް ތަރައްގީކޮށް ބާރުގަދަ ކުރުމުގެ މުހިންމުކަން. އަދި އިސްލާމިކް ސްޓޭޓްގެ ބާރާ މެދުގައި އަހަރެމެން އިހުމާލުވެގެން ނުވާނެކަން. އޭގެ ބަދަލުގައި އަހަރެމެން މަސައްކަތް ކުރަންވީ، މި ސަރަހައްދުގައި މިހާރު ބާކީ ތިބި އައިއެސްގެ ކުދިކުދި ބިސީތައް ނައްތައިލުމަށް،" ބަރްހަމް ސާލިހް ވިދާޅުވި އެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ވިދާޅުވީ، އައިއެސް ޖަމާއަތުގެ ކިބައިން އިރާގު ސިފައިން ރަނގަޅަށް ބަދަލު ހިފާނެ ކަމަށެވެ.

"ޓެރަރިސްޓުންނަށް މިހާރުވެސް ވާނީ އަހަރެމެންގެ ކަންތައް ތަޖުރިބާކުރެވިފައި. އަހަރެމެން ވައުދުވި ކަންތައް އަހަރެމެން ފުއްދައިފިން. ކޮންމެ ތަނަކަށް ފިލަން ދުވިޔަސް، އިރާގުގައި ވެސް އަދި އިރާގުން ބޭޜުގައިވެސް، އަހަރެމެން ކަލޭމެން ފަހަތުން ގޮސް ހޯދައި އަތުލައިގަންނާނަން. އިރާގު ރައްޔިތުންނާ ދެކޮޅަށް މިގްދާދިއްޔާގައި އެމީހުން އެ ހިންގި ޖަރީމާގެ ބަދަލު ނުހިފައި ދޫކޮށްލާނެ ކަމަށް ހީނުކުރާތި،" ބޮޑުވަޒީރު ވިދާޅުވި އެވެ.

އައިއެސް ޖަމާއަތް 2014 ވަނަ އަހަރު އުފަންވެގެން އައިއިރު، އިރާގުގެ އުތުރާއި ހުޅަނގުގެ ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އެ ޖަމާއަތާ ދެކޮޅަށް އެމެރިކާ އާއި ނޭޓޯ ގައުމުތަކުގެ އަސްކަރީ އެހީތެރިކަމާ އެކު އިރާގު ސިފައިން ދިން ހަމަލާތަކުގައި، އައިއެސް ޖަމާއަތުގެ ބާރު ކަނޑުވާލައި، އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ ބިންތައް، 2017 ވަނަ އަހަރު އިރާގު ސިފައިން ވަނީ އަނބުރާ ހިފައިފަ އެވެ.

އެހެން ނަމަވެސް، އައިއެސް ޖަމާއަތުގެ ކުދިކުދި ބިސީތައް މިހާރުވެސް އިރާގުގެ ރަށްފުށު ސަރަހައްދުތަކުގައި ފިލައިގެން އުޅެ އެވެ. އަދި ދޭތެރެ ދޭތެރެއިން ހަމަލާތައް ދެ އެވެ.

އެ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބަގުދާދުގެ ތަޔަރާން މައިދާނުގައި ދިން ޖާނުން ފިދާވުމުގެ ދެ ހަމަލާއެއްގައި އާންމުންގެ 32 މީހަކު މަރައިލި އެވެ. އަދި 110 މީހުން ޒަހަމްވި އެވެ. އޭގެ ހަ މަސް ފަހުން، ބަގުދާދުގެ އިރުން އޮންނަ ސަދްރު ސިޓީގެ މާރުކޭޓެއްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 30 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.