Roadha Mihaaru
ގްރީސްއަށް ނުވެއްދި އައިއެސްމީހާ އެމެރިކާއާ ހަވާލުކުރަނީ

ގްރީސް އަށް ނުވެއްދި އައިއެސް މީހާ އެމެރިކާއާ ހަވާލުކުރަނީ

15 ނޮވެމްބަރ 2019

އަންކަރާ (ނޮވެމްބަރު 15) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ހަނގުރާމަކުރި އެމެރިކާ މީހާ ތުރުކީން ފޮނުވާލި ނަމަވެސް އޭނާ ގްރީސް އަށް އެތެރެވުމުގެ ހުއްދަ ނުލިބުމުން އެމެރިކާއާ ހަވާލު ކުރާނެ ކަމަށް އަންކަރާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (ނޮވެމްބަރު 15) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ހަނގުރާމަކުރި އެމެރިކާ މީހާ ތުރުކީން ފޮނުވާލި ނަމަވެސް އޭނާ ގްރީސް އަށް އެތެރެވުމުގެ ހުއްދަ ނުލިބުމުން އެމެރިކާއާ ހަވާލު ކުރާނެ ކަމަށް އަންކަރާ އިން ބުނެފި އެވެ.

ގްރީސް އަށް އެތެރެވާން ދެކޮޅު ހެދުމުން އޭނާ ހުރީ ތުރުކީ އާއި ގްރީސް ގުޅޭ ބޯޑަރުގަ އެވެ. ތުރުކީގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ މީހާގެ ނަމަކީ މުހައްމަދު ދަރްވިސް އެވެ. އެއީ އެމެރިކާގައި ދިރިއުޅޭ ޖޯޑަން ދަރިކޮޅުގެ މީހެކެވެ. ތުރުކީން ބުނެފައި ވަނީ އޭނާ ގްރީސް އަށް އެތެރެނުވުމަކީ އަންކަރާއާ ބެހޭ ކަމެއް ނޫން ކަމަށާއި ދެން އޮތް ގޮތަކީ އޭނާ އެމެރިކާއާ ހަވާލު ކުރުން ކަމަށެވެ. އަދި އޭނާއާ ހަވާލުވުމަށް އެމެރިކާ އިން އެއްބަސްވެފައިވާ ކަމަށް ވެސް ތުރުކީގެ ދާޚިލީ ވުޒާރާ އިން ވަނީ ބުނެފަ އެވެ. އެކަމަކު އެމެރިކާ އަށް ދާން އޭނާ ބޭނުމެއް ނުވެ އެވެ.

ތުރުކީން ވަނީ ޖަރުމަން، ފްރާންސް، އަޔަލޭންޑް އަދި ޑެންމާކަށް ނިސްބަތްވާ އައިއެސްގެ 20 މީހަކު ވެސް އެ މީހުންގެ ގައުމުތަކަށް ކުރިން ފޮނުވާލައިފަ އެވެ.

ތުރުކީން ބުނީ އެ ގައުމުގެ ޖަލުތަކުގައި ތިބި އައިއެސްގެ 2،500 އަށް ވުރެ ގިނަ ހަނގުރާމަވެރިން އެ މީހުންގެ ގައުމުތަކާ ހަވާލުކުރަން ބޭނުންވާ ކަމަށެވެ. މީގެ ތެރޭން ގިނައީ ޔޫރަޕް މީހުންނެވެ. ނަމަވެސް އެ މީހުންނާ ހަވާލުވުމަށް ޔޫރަޕުގެ ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އައިއެސްއާ ގުޅުނު 100 އަށް ވުރެ ގިނަ މީހުންގެ ރަށްވެހިކަން އިނގިރޭސިވިލާތުން ވަނީ ބާތިލްކޮށްފަ އެވެ.

ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ ޕްރޮގްރާމް އޮން އެގްސްޓްރީމިޒަމް އިން ބުނި ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން އެމެރިކާގެ 82 މީހަކު ވަނީ އައިއެސްއާ ގުޅެން ގޮސްފަ އެވެ. އޭގެ ތެރޭން 19 މީހުން ވަނީ އެނބުރި އެމެރިކާ އަށް އައިސްފަ އެވެ. އެއީ 15 ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ. އެނބުރި އައި މީހުންގެ ތެރޭން 13 މީހަކަށް ވަނީ ދައުވާކޮށްފަ އެވެ.