Roadha Mihaaru

ތަރައްގީގެ ޒަމާނެއްގައި ބޮޑު މަތިންދާ ބޯޓެއް ގެއްލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން: ތަހުގީގު ޓީމު

ސިޑްނީ (އޮކްޓޯބަރު 3) - ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން ހޯދާފައިވާ ޒަމާނެއްގައި ބޮޑު މަތިންދާ ބޯޓެއް ގެއްލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރި ތަހުގީގު ޓީމުގެ ރިޕޯޓުގައި ބުނެފި އެވެ.

މަތިންދާ ބޯޓެއް ގެއްލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން
ހަސަން އާމިރު
ހަސަން އާމިރު

03 އޮކްޓޯބަރ 2017

ސިޑްނީ (އޮކްޓޯބަރު 3) - ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން ހޯދާފައިވާ ޒަމާނެއްގައި ބޮޑު މަތިންދާ ބޯޓެއް ގެއްލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރި ތަހުގީގު ޓީމުގެ ރިޕޯޓުގައި ބުނެފި އެވެ.

އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރި ޓީމުގެ ފަހުގެ ރިޕޯޓުގައި ވަނީ ބޯޓު ނުހޯދުނީތީ ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. އަދި ކޮންމެ ދުވަހަކު 10 މިލިއަން ޕަސިންޖަރުން މަތިންދާ ބޯޓުތަކުގައި ދަތުރުކުރާ ތަރައްގީގެ ކުރިއަރާފައިވާ ޒަމާނެއްގައި ބޮޑު ކޮމާޝަލް މަތިންދާ ބޯޓެއް ގެއްލި، އެ ބޯޓު ވީތަނެއް ނޭނގުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"ބޯޓު ހޯދުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރި ނަމަވެސް ބޯޓު ފެނިފައި ނުވުމަކީ ދެރަވާން ޖެހޭ ކަމެއް،" ރިޕޯޓުގައި ބުނެފައިވެ އެވެ.

ފަހުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ބޯއިން 777 ގެ ބޯޓު ވެއްޓިފައިވާނެ ކަމަށް ބެލެވެނީ އިންޑިއާ ކަނޑުގެ ދެކުނުން ބޯޓު ހޯދަން ކުރިން މަސައްކަތް ކުރި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯ މީޓަރު (9،700 އަކަ މޭލު) ގެ ސަރަހައްދެއްގަ އެވެ. މި ސަރަހައްދުގައި ބޯޓު އޮންނާނެ ކަމަށް ލަފާކޮށްފައި ވަނީ ޑްރިފްޓް މޮޑެލިން އާއި ސެޓެލައިޓް ޑޭޓާގެ އެހީގަ އެވެ.

ކުއާލަ ލަމްޕޫރުން ފުރައިގެން 239 މީހުންނާ އެކު ބެއިޖިން އަށް ދަތުރުކުރި ބޯޓު ގެއްލުނީ މާޗް 2014 ގަ އެވެ. ބޯޓު ހޯދަން ވަނީ ކަނޑު އަޑިން 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ބަލައިފަ އެވެ. އެކަމަކު 1،046 ދުވަހުގެ މަސައްކަތަށް ފަހު ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުމުން ބޯޓު ހޯދުމުގެ މަސައްކަތް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ އިން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ހުއްޓާލައިފަ އެވެ. އެމްއެޗް370 ގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހިތަކެއް 2015 އަދި 2016 ގައި ވަނީ އިންޑިއާގެ ކަނޑުގެ ބައެއް ރަށްތަކާއި އެފްރިކާގެ އިރުމަތީގެ ބައެއް ގައުމުތަކުން ފެނިފަ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނެފައި ވަނީ ބޯޓު ހޯދުމުގެ މަސައްކަތް އަލުން ފަށާނީ ބޯޓު އޮންނާނެ ތަނަކާ ބެހޭ އިތުބާރު ހުރި މައުލޫމާތު ލިބުމުން ކަމަށެވެ.