Roadha Mihaaru

އެމްއެޗް370 ގެއްލުނުތާ ފަސް އަހަރު: ބޯޓާ ބެހޭ ފަސް ތިއަރީ

ކުއާލަ ލަމްޕޫރު (މާޗް 9) - މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ހާދިސާ އަށް ހުކުރު ދުވަހު ފަސް އަހަރު ފުރުނު ނަމަވެސް ބޯޓާ ބެހޭ އެއްވެސް ހިލަމެއް އަދިވެސް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދުމަށް ވަނީ އޭވިއޭޝަން ތާރީޚުގއި ކުރި އެންމެ ބޮޑު މަސައްކަތް ކޮށްފަ އެވެ.

އެމްއެޗް370 ގެއްލުނުތާ 5 އަހަރު: ބޯޓާ ބެހޭ 5 ތިއަރީ
ހަސަން އާމިރު
ހަސަން އާމިރު

09 މާޗް 2019

ކުއާލަ ލަމްޕޫރު (މާޗް 9) - މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ހާދިސާ އަށް ހުކުރު ދުވަހު ފަސް އަހަރު ފުރުނު ނަމަވެސް ބޯޓާ ބެހޭ އެއްވެސް ހިލަމެއް އަދިވެސް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދުމަށް ވަނީ އޭވިއޭޝަން ތާރީޚުގއި ކުރި އެންމެ ބޮޑު މަސައްކަތް ކޮށްފަ އެވެ.

އިންޑިއާ ކަނޑުގެ ހުޅަނގުގެ ބައެއް ގައުމުތަކަށް މަތިންދާ ބޯޓެއްގެ ބައިތަކެއް ލައްވުމުން އެއީ އެމްއެޗް370 ގެ ބައިތަކަކަށް ވެދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބޯޓު ގެއްލުމާ ގުޅޭ ގޮތުން އެތައް ތިއަރީތަކެއް މިހާތަނަށް ހާމަކޮށްފައިވެ އެވެ. ބައެއް ތިއަރީ އަށް އިތުބާރު ކުރެވެ އެވެ. ތިރީގައި މިވަނީ އެމްއެޗް370 ގެއްލުމާ ގުޅޭ ގޮތުން ހާމަކޮށްފައިވާ ފަސް ތިއަރީ އެކެވެ.

މެކޭނިކަލް ފެއިލިއާ

ބޯޓު ގެއްލުމާ ގުޅޭ ގޮތުން އެންމެ ބޮޑަށް ފޯކަސްކޮށްފައި ވަނީ މެކޭނިކަލް ނުވަތަ ސްޓްރަކްޗަރަލް ފެއިލިއާއެއް ކަމަށެވެ. ބައެއް ތަޖްރިބާކާރުން ލަފާ ކުރަނީ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިލެކްޓްރިކް ކޮމްޕޯނެންޓް އަނދައި ބޯޓްތެރޭގައި ދުން ބޯވެ ޕަސިންޖަރުންނާއި ކްރޫން ހޭނެތުނީ ކަމަށެވެ. އަދި އޭގެ ފަހުން ބޯޓު އޮޓޯޕައިލެޓުގައި ގޮސް، ތެޔޮ ހުސްވެގެން އިންޑިއާ ކަނޑަށް ވެއްޓުނީ ކަމަށެވެ. މި ތިއަރީ އަށް ބިނާކޮށް އިންޑިއާ ކަނޑުގެ އަޑިން ބޮޑު ސަރަހައްދެއް ވަނީ ބަލައިފަ އެވެ.

ޕައިލެޓުގެ މައްސަލައެއް

އެމްއެޗް370ގެ ޕައިލެޓް ޒަހާރީ އަހުމަދު ޝާހުއާ ބެހޭ ގޮތުން ވެސް ތަފާތު އަޑުތައް ވަނީ ފެތުރިފަ އެވެ. އެއް ބަޔަކު ބުނަނީ އޭނާ ގަަސްދުގައި ބޯއިން 777 ގެ ބޯޓު ވައްޓާލީ ކަމަށެވެ. ބޯޓު ގެއްލުނުތާ ދުވަސްތަކެއް ފަހުން ވަނީ ޕައިލެޓުގެ މެންޓަލް ހެލްތާ މެދު މީޑިއާތަކުން ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ޕައިލެޓުގެ ޒަހާރީގެ އާއިލާ އާއި ރަހުމަތްތެރިން ބުނަނީ އޭނާ އަކީ ވަރަށް އިހްތިރާމް ކުރެވޭ ޕައިލެޓެއް ކަމަށެވެ.

ޓެރަރިޒަމްގެ ރޭވުމެއް

ޓެރަރިޒަމްގެ ރޭވުމެއްގެ ދަށުން ބޯޓު ހައިޖެކްކުރި ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. މި ޚިޔާލަށް ތާއިދުކުރި މީހުންގެ ތެރޭގައި މީޑިއާ ވިޔަފާރީގެ އިސް ބޭފުޅެއް ކަމަށްވާ ރުޕަޓް މާޑޮކް ހިމެނެ އެވެ. ބޯޓު ގެއްލުމާ އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެޗް370 "ވަގަށް ނަގާފައިވާނެ" ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ބޯޓު ހައިޖެކްކޮށްގެން ޑިއަގޯ ގާސިއާ އަށް ގެންދަނިކޮށް އެމެރިކާ ސިފައިން ވަނީ ބަޑި ޖަހައި ވައްޓާލައިފަ އެވެ. އެކަމަކު އެމެރިކާ އިން އެކަން ދޮގު ކުރެ އެވެ.

ރިމޯޓަކުން ބޯޓު އެހެން ތަނަކަށް ގެންދިއުން

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ބޯޓު ހައިޖެކް ކުރުމުން ސަލާމަތްކުރުމުގެ ގޮތުން ރިމޯޓް ކޮންޓްރޯލުގެ އެހީގައި ވަނީ އެހެން ހިސާބަކަށް ބޯޓު ގެންގޮސްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯއިން އިން 2006 ވަނަ އަހަރު ވަނީ އެ ކުންފުނީގެ ސިސްޓަމެއް އެކްޓިވޭޓްކޮށްފި ނަމަ ޕައިލެޓާއި ކްރޫންގެ ބާރުގެ ދަށުން ބޯޓު ދަތުރު ކުރެވޭ ގޮތް ހަދައިފަ އެވެ. އެއީ ބޯޓެއް ހައިޖެކްކުރާ ހާލަތްތަކުގައި ބޯޓު ސަލާމަތް ކުރާ ނިޒާމެއް ކަމަށްވެ އެވެ. މި ތިއަރީ އަށް ތާއިދުކުރާ ފަރާތްތަކުގެ ތެރޭގައި މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.

ފަހަރެއްގައި ޕުޓިން؟

އެންމެ މަޖާ ތިއަރީ އަކީ ނިއު ޔޯކް ޓައިމްސްގައި އެމެރިކާގެ އޭވިއޭޝަން ތަޖްރިބާކާރަކު 2015 ވަނަ އަހަރު ލިޔެފައިވާ ވާހަކަތަކެވެ. އޭނާ ލަފާކުރާ ގޮތުގައި އެމްއެޗް370 ވަނީ ކަޒަކްސްތާނުގައިވާ ރަޝިޔާގެ ތަނަކަށް ގެންގޮސްފަ އެވެ. އަދި ކަމުގެ ފަހަތުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަތެއް ވެދާނެ ކަމަށް އެނާ ލަފާކޮށްފައިވެ އެވެ.

އިންޑިއާގެ އޮޑިޝާގެ ޕޫރީގެ ބީޗްގައި އިންޑިއާގެ އާޓިސްޓަކު މެލޭޝިއާ އެލާއިންސްގެ މަންޒަރެއް ހަދާފައި. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ އޮޑިޝާގެ ޕޫރީގެ ބީޗްގައި އިންޑިއާގެ އާޓިސްޓަކު މެލޭޝިއާ އެލާއިންސްގެ މަންޒަރެއް ހަދާފައި. --ފޮޓޯ:އޭއެފްޕީ

އެމްއެޗް 370 ހޯދަން އެންމެ ފަހުން ކަނޑު އަޑި ބެލި އެމެރިކާގެ ކުންފުނި އޯޝަން އިންފިނިޓީން ވަނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 80،000 އަކަ ކިލޯމީޓަރު (30،888 އަކަ މޭލު)ގެ ސަރަހައްދެއް ބަލައިފަ އެވެ. ނަމަވެސް ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުމުން އެމްއެޗް370 ހޯދުމުގެ މަސައްކަތް އޯޝަން އިންފިނިޓީން ވަނީ ހުއްޓާލައިފަ އެވެ.

އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ކުރިން ވެސް ވަނީ ބަލައިފަ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލީ ޖެނުއަރީ، 2017 ގަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

ބޯޓުން ދަތުރުކުރީ ޗައިނާގެ 153 މީހުންނާއި މެލޭޝިއާގެ 38 މީހުންގެ އިތުރުން އެމެރިކާ، އީރާން، ކެނެޑާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، ފްރާންސް، ނިއު ޒީލެންޑް، ޔޫކްރޭން، ރަޝިޔާ، ޓައިވާން އަދި ނެދަލޭންޑްސް މީހުންނެވެ. ބޯޓުގެ 12 ކްރޫންނަކީ މެލޭޝިއާ މީހުންނެވެ.

އެމްއެޗް370 ގެއްލުނު ހާދިސާގެ ރަސްމީ ރިޕޯޓް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ނެރެފަ އެވެ. އޭގައި އާ ވާހަކަތަކެއް ނެތެވެ.