01 ޖުލައި 2016
ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ދޫކުރާ ރަށްރަށް ތަރައްގީ ނުކުރެވޭ ކަމަށާއި އެ މޮޑެލް ދޫކޮށްލަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ދޫކުރާ ރަށްރަށް ތަރައްގީ ނުކުރެވޭ ކަމަށާއި އެ މޮޑެލް ދޫކޮށްލަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 1997 އިން ފެށިގެން ޓޫރިޒަމްގެ ބޭނުންތަކަށް ގިނަ ރަށްތަކެއް ބިޑް ކުރި ނަމަވެސް ގިނަ ރަށްރަށް ތަރައްގީ ނުކުރެވޭ ކަމަށެވެ. އަދި އެމްޓީޑީސީގެ މޮޑެލްގެ ތެރެއިން ދޫކުރި ނުވަ ރަށުގެ ތެރެއިން ހަތަރު ރަށެއް ރިސޯޓުތަކުގެ ގޮތުގައި ހުޅުވި ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޓީޑީސީގެ ނުވަ ރަށުގެ ތެރެއިން ތިން ރަށެއްގެ އެއްބަސްވުން ބާތިލްކޮށްފައިވާއިރު، އަދިވެސް އެއް ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ކަން ޒަމީރު ފާހަގަކުރެއްވި އެވެ. އަދި އެއް ރަށް ވަނީ ވިއްކާލައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބިޑް ކުރުމެއް ނެތި އަދި އެމީހަކު ހަދަން ބޭނުންވާ ރިސޯޓަކަށް ފުރުސަތު ދީފި ނަމަ، ކާމިޔާބު ވެދާނެ އެވެ.
"މިދިޔަ 1997 އިން ފެށިގެން 2016އާ ހަމައަށް ބިޑް ކުރެވުނީ 88 ރަށެއް. އޭގެ ތެރެއިން 40 ރަށެއް އަންޑަ ކޮންސްޓްރަކްޝަން ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ. އެނގިވަޑައިގަންނަވާނެ 2014، 2016 ގައި ދެ ފަހަރަށް އެބައޮތް ނުވަ ރަށެއް ބިޑް ކުރެވިފައި. އެއްވެސް ރެސްޕޮންސެއް އައިސްފައެއް ނެތް،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މުލީއާގޭގައި ބޭއްވި ޕްރެސް ބްރީފިންގައި ޒަމީރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ހަވީރު ބޭއްވި ނިއުސް ބްރީފިންގައި މިނިސްޓަރު ޒަމީރު އަދި މަޖިލިހުގެ ބައެއް އެހެން މެމްބަރުން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ނަމަވެސް ޓޫރިޒަމްގެ ގާނޫނުގައި ބުނާ ޖޮއިންޓް ވެންޗާ ނުވަތަ ސަރުކާރާ ގުޅިގެން އަމިއްލަ ކުންފުނިތަކުން ތަރައްގީކުރާ ރިސޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރު ފާހަގަކުރެއްވި ގޮތުގައި ޖޭވީ އުސޫލުން ރަށްތައް ތަރައްގީ ކުރުން ރާއްޖެ އަށް ތައާރަފުކުރިއިރު، ޓެކްސްއެއް ނުނަގަން އެވެ. އެކަމަކު ވަރަށް ރަނގަޅު ޓެކްސް ނިޒާމެއް މިހާރު ރާއްޖޭގައި އޮތުމުން، ޖޭވީގެ އުސޫލުން ރަށްތައް ތަރައްގީ ކުރުމަށް ސަރުކާރުން ބައިވެރިވާންޖެހޭ ކަމަށް މިހާރު ސަރުކާރަށް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބިޑް ކުރުމެއް ނެތި، ޓޫރިޒަމް ތަރައްގީ ކުރަން ރަށްތަކާއި ބިންތަކާއި ފަޅުތައް ދޫކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އިސްލާހު ޕްރޮޕޯޒް ކުރެވިފައި ވަނީ ޕޮލިހާއި އޮޑިޓަ ޖެނެރަލާއި އޭސީސީއާ އެކު އެކި ފަހަރުމަތިން އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުގައި، އެމްއެމްޕީއާރުސީގެ އިޝޫ އާއި އޭގެ އިތުރުން ސީއެސްއާރުގެ މޮޑެލްގެ ދަށުން އެމްޑީޕީގެ ސަރުކާރުން ދޫކޮށްފައިވާ ރަށްތަކާ ބެހޭ ގޮތުން ކުރެވިފައިވާ މަޝްވަރާތަކުގެ އަލީގައި،" ޒަމީރު ވިދާޅުވި އެވެ.
މުލީއާގޭގައި މިއަދު ހަވީރު ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ބިޑް ކުރުމެއް ނެތި ރަށްތަށް ދޫކުރާއިރު، އެ ރަށްތަކުގެ ލިސްޓެއް ފެންނަން އޮންނާނެ އެވެ.
"އެއީ ޕަބްލިކް ޑޮމެއިންގައި އޮންނަ ޑޮކިއުމެންޓެއް. މިސާލަކަށް ހއ. އަތޮޅުގައި އޮންނަ ރަށެއް، އެ ރަށަށް އިކުއިޒިޝަން ދައްކަންޖެހޭ އަދަދު އޮންނާނެ. ބޭނުންފުޅުވާ ބޭފުޅުން އެއަށް އެޕްލައި ކުރަންވީ. ލިސްޓް ބަލައިގެން އެކަކަށް ވުރެ ގިނައިން އަޅުގަނޑުމެންނަށް ލިބިއްޖެ ނަމަ، ގާނޫނުގައި އެބަބުނޭ އުސޫލެއް ކަނޑައަޅައިގެންނޭ ދޫކުރާނީ. އެ ދޫކުރާނެ އުސޫލެއް މި ކަނޑައަޅަނީ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންނަމަ، އިކުއިޒިޝަން ކޮސްޓް ދީގެން އަދި އެކިއެކި ލުއިގޮތްތައް ހަމަޖައްސަން ޖެހެ އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ޓޫރިޒަމްގެ ބޭނުންތަކަށް ބިޑް ކުރުމެއް ނެތި ރަށްރަށް ދޫކުރުމަކީ ކުރިން ވެސް އެކި ސަރުކާރުތަކުގައި ކުރަމުން އައި ކަމެއް ކަމަށެވެ. އެކަމަކު އެކަން އޭރު ކުރަމުން އައީ ޖޮއިންޓް ވެންޗަ އުސޫލުގެ ތެރެއިން ކަމަށާއި އެއީ ގާނޫނުގައި ބުނާ މަފްހޫމާ ހިލާފު ކަމެއް ކަމަށް އަނިލް ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްތައް ދޫކުރީ ވެސް އެ މޮޑެލްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި އަނިލް ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"އެހެންވީމާ އަޅުގަނޑު މިދަންނަވަނީ އެ މޮޑެލް ދޫކޮށްލައްވާށޭ. ޖޭވީ މޮޑެލްއަށް ނުދާށޭ. ޖޭވީ މޮޑެލް އަކީ ވަރަށް ސިއްރުވެރިކަމާ އެކު ކުރެވެމުން ދިޔަ ކަންތައްތަކެއް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިޑް ކުރުމެއް ނެތި ދޫކުރާ ރަށްރަށަށް ލިބޭ ފައިސާ ވަންނާނީ މީރާގެ އެކައުންތަށް ކަމަށާއި އެމްއެމްޕީއާރުސީގެ އެކައުންޓަށް ނުވަންނާނެ ކަމަށެވެ.
"[އެމްއެމްޕީއާރުސީ] ގެ އެކައުންޓަށް ވަން ފައިސާ މީރާގެ އެކައުންޓަށް ވެސް ވަދެފައެއް ނެތް،" އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަނިލް ވިދާޅުވި އެވެ.
ބިޑް ކުރުމެއް ނެތި، ޓޫރިޒަމް ތަރައްގީކުރަން ރަށްތަކާއި ބިންތައް އަދި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. މި އިސްލާހު ޕީޕީއެމްގެ މަޖިލިސް މެމްބަރުން އިސްވެ ތިއްބަވައިގެން ފާސްކުރެއްވީ ވެސް މައުމޫންގެ އެދިވަޑައިގަތުމާ ހިލާފަށެވެ.
ބިޑްނުކޮށް ރަށްތައް ދޫނުކުރެވޭ ގޮތަށް އިސްލާހު ގެންނަނީ
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި
ބިޑްނުކޮށް ރަށްތައް ދޫނުކުރެވޭ އިސްލާހު ބޭރުކޮށްލައިފި
ފަސިންޖަރުންގެ ހައްގުތައް ހޯދައިދޭން ބިލެއް ހުށަހަޅަނީ
ޕީޕީއެމް މެމްބަރުންގެ ރުޅި ފަޅައިގެން ދިޔަ ދުވަސް
އިއުލާން ނުކޮށް ރަށްތައް ދޫކުރުމާ ދެކޮޅަށް މައުމޫން
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި
ޒަމީރަށް އޮތް ޔަގީންކަމަކީ ޕްރޮޖެކްޓްތައް އަވަސްވާނެކަން
ޕީޕީއެމްގެ ޕީޖީ ގުރޫޕާއެކު މަސައްކަތް ކުރުމުގެ ދައުވަތު
ގެއްލުންވާތީ ޝަންގްރިއްލާގެ ސަރުކާރުގެ ހިއްސާ ދޫކޮށްލަނީ