Roadha Mihaaru
ބިޑްނުކޮށް ރަށްތައް ދޫނުކުރެވޭ ގޮތަށް އިސްލާހު ގެންނަނީ

ބިޑްނުކޮށް ރަށްތައް ދޫނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

22 ނޮވެމްބަރ 2018

ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ރަށްތައް ދޫކުރަން މަޖުބޫރުވާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ރަށްތައް ދޫކުރަން މަޖުބޫރުވާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވައިފި އެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު މަޖިލީހަށް ފޮނުއްވި އިސްލާހުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ރަށެއް، ބިމެއް، އަދި ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ރަނގަޅު ގޮތުގައި ލިބޭނެ ގޮތެއް ނޫން ކަމަށެވެ.

ޕީޕީއެމުން އިސްވެ، ޓޫރިޒަމްގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް ބިޑް ކުރުމެއް ނެތި ދެވޭ ގޮތް ހަދައިފަ އެވެ. އެ އިސްލާހަށް، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކި އެވެ.

ރިފާއު ވިދާޅުވި ގޮތުގައި، މިހާރު އޮތް އޫސުލަކީ ކޮރަޕްޝަނަށް މަގުފަހިވާނެ އެތައް ކަމެއް ކުރެވިދާނެ އުސޫލެކެވެ. އަދި އުސޫލާ މެދު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިފާއު މަޖިލީހަށް ފޮނުއްވި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށް، ބިން އަދި ފަޅުތައް ކުއްޔަށް ދޭން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑަޅައި އުސޫލުތަކެއް މަތިން ކަމަށެވެ. އަދި އެ ތަންތަން ދޭން ވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން، މިހާރު ވެސް އަމަލު ކުރަމުން އަންނަ އުސޫލުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރާ ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ އަދަދާއި އެ ތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާ އެކު ޓޫރިޒަމް މިނިސްޓްރީން އާންމުކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ލިސްޓަށް އުނި އިތުރެއް ގެންނަން ބޭނުންވާ ނަމަ، ރައީސް އޮފީހުގެ ހުއްދައާ އެކު، އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެ އެވެ.

ޓޫރިޒަމްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ ލިސްޓުގައި އެތަނެއް ކުއްޔަށް ދޭނެ އަގާއި، އިކުއިޒިޝަން ކޮސްޓް ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ. އަދި އިކުއިޒިޝަން ކޮސްޓް އެންމެ ފުރަތަމަ ދައްކާ ފަރާތަކަށް މިނިސްޓްރީން އެތަން ކުއްޔަށް ދެވިދާނެ އެވެ.

ޕީޕީއެމްގެ އަޣުލަބިއްޔަތު ކުރިން އޮތް މަޖިލީހުން ބިޑްނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސްވެރިން ކުރިން ވިދާޅުވީ ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ދޫކުރާ ރަށްރަށް ތަރައްގީ ނުކުރެވޭ ކަމަށާއި އެ މޮޑެލް ދޫކޮށްލަންޖެހޭ ކަމަށެވެ.

ބިޑް ކުރުމެއް ނެތި، ޓޫރިޒަމް ތަރައްގީކުރަން ރަށްތަކާއި ބިންތައް އަދި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެމީހުން ދެކޭ ގޮތުގައި، ޓޫރިޒަމްގެ ގާނޫނަށް އެ އިސްލާހު ގެނައީ ގާނޫނު އަސާސީއާ ހިލާފަށެވެ.