Roadha Mihaaru
ބިޑްނުކޮށް ރަށްތައް ދޫނުކުރެވޭ އިސްލާހު ބޭރުކޮށްލައިފި

ބިޑްނުކޮށް ރަށްތައް ދޫނުކުރެވޭ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި

05 ޑިސެމްބަރ 2018

ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑްކޮށްގެން ރަށްތައް ދޫކުރަން މަޖުބޫރުވާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑްކޮށްގެން ރަށްތައް ދޫކުރަން މަޖުބޫރުވާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ 41 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އަދި އެ ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 22 މެމްބަރުންނެވެ. މި ބިލް ބޭރުކޮށްލީ ސަރުކާރު ކޯލިޝަންގެ މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ޕީޕީއެމުން އިސްވެ، ޓޫރިޒަމްގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް ބިޑް ކުރުމެއް ނެތި ދެވޭ ގޮތް ހަދައިފަ އެވެ. އޭރު އެ އިސްލާހަށް، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކި އެވެ.

ރިފާއު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށް، ބިން އަދި ފަޅުތައް ކުއްޔަށް ދޭން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑަޅައި އުސޫލުތަކެއް މަތިން ކަމަށެވެ. އަދި އެ ތަންތަން ދޭން ވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ކަމަށް އިސްލާހުގައިވެ އެވެ.

ރިފާއު ވިދާޅުވި ގޮތުގައި، މިހާރު އޮތް އޫސުލަކީ ކޮރަޕްޝަނަށް މަގުފަހިވާނެ އެތައް ކަމެއް ކުރެވިދާނެ އުސޫލެކެވެ. އަދި އުސޫލާ މެދު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިފާއުގެ އިސްލާހުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ރަށެއް، ބިމެއް، އަދި ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ ރައްޔިތުންނަށް މަންފާ ކުރާނެ އުސޫލެއް ނޫނެވެ.

ޕީޕީއެމްގެ އަޣުލަބިއްޔަތު ކުރިން އޮތް މަޖިލީހުން، ބިޑްނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސްވެރިން ކުރިން ވިދާޅުވީ ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ދޫކުރާ ރަށްރަށް ތަރައްގީ ނުކުރެވޭ ކަމަށާއި އެ މޮޑެލް ދޫކޮށްލަންޖެހޭ ކަމަށެވެ.

ބިޑް ކުރުމެއް ނެތި، ޓޫރިޒަމް ތަރައްގީކުރަން ރަށްތަކާއި ބިންތައް އަދި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭރު އަމާޒުވި އެވެ. އެމީހުން ދެކޭ ގޮތުގައި، ޓޫރިޒަމްގެ ގާނޫނަށް އެ އިސްލާހު ގެނައީ ގާނޫނު އަސާސީއާ ހިލާފަށެވެ.