Roadha Mihaaru
ނަޝީދުގެ ޓީމުން އިތުރަށް ހަދާނެ ދޮގެއް ނެތް: ނިހާން

ނަޝީދުގެ ޓީމު ޔޫރަޕްގައި އިތުރަށް ހަދާނެ ދޮގެއް ނެތް، ގަބޫލެއް ނުކުރާނެ: ނިހާން

09 އޮކްޓޯބަރ 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ރާއްޖެއާ ގުޅޭ ގޮތުން ޔޫރަޕްގައި އިތުރަށް ހަދާނެ ދޮގެއް ނެތް ކަމަށާއި އެ ޓީމުން ހަދާ ދޮގުތައް އެއްވެސް ގައުމަކުން ގަބޫލު ނުކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ރާއްޖެއާ ގުޅޭ ގޮތުން ޔޫރަޕްގައި އިތުރަށް ހަދާނެ ދޮގެއް ނެތް ކަމަށާއި އެ ޓީމުން ހަދާ ދޮގުތައް އެއްވެސް ގައުމަކުން ގަބޫލު ނުކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެން ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ ފަރާތްތާ ހިއްސާކުރަން ޖެނީވާ އަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ކުރި ދަތުރަށް ފަހު ނިހާން "މިހާރު" އަށް ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ޔޫރަޕްގައި ވަރަށް ގިނަ ދޮގުތައް ނަޝީދުގެ ޓީމުން ހަދާފައިވާ ކަމަށެވެ. ޔޫރަޕްގެ އެކި ގައުމުތަކަށް ވަފުދުތައް ގޮސްގެން އޭރު ދެއްކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ވާހަކަ ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރުވެސް ރައީސް މައުމޫން ދިފާއުކުރެއްވީ. އެކަމަކު ނަޝީދުގެ ޓީމުން ޔޫރަޕްގެ އެކި ދޮރާށިތަކަށް ގޮސް ދައްކަމުން ދިޔައީ މައުމޫނަކީ މީހުން މަރާ، ރައްޔިތުންނަށް އަނިޔާވެރި ދުނިޔެމަތީގައި ނުބައި މީހެއް ކަމަށް،" ނިހާން ވިދާޅުވި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރައުދުލް ހުސެއިންއާ އެކު ޕީޕީއެމްގެ އިސްބޭފުޅުން ބޭއްވި ބައްދަލުވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރައުދުލް ހުސެއިންއާ އެކު ޕީޕީއެމްގެ އިސްބޭފުޅުން ބޭއްވި ބައްދަލުވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

"އިއްޔެ ގޯސްވި ބޭފުޅާ މިއަދު މިވަނީ ރަނގަޅުވެފައި. ދެއިރު ދެ ދަޅަ އަށް ގޮސް ނުބައި ވާހަކަތައް ދެއްކި ބޭފުޅާ ދިފާއު ކުރައްވައި މިއަދު ޔޫރަޕްގައި ނަޝީދުގެ ޓީމުން ވާހަކަ ދައްކަނީ. މިގޮތަށް ކަންތައްތައް ކުރަން ފެށީމަ ޔޫރަޕުން ވެސް ގަބޫލެއް ނުކުރާނެ."

ނިހާން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކަމާ ގުޅޭ ގުޅޭ ގޮތުން ނަޝީދުގެ ޓީމުން ވަނީ ވަރަށް ގިނަ ދޮގުތައް ހަދައިފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުންނާއި މަޖިލީހުގައި ނުބާއްވާ ޖަލްސާތަކަކީ ވެސް ބޭއްވި ޖަލްސާތަކެއް ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ކިޔައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖެނީވާ އަށް ގޮސް އެ ދޮގުތައް ވެސް ސާފުކޮށްދިނިން. ނަޝީދުގެ ޓީމުން ކިޔައިދީފައި އޮތީ ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވި ކަމަށް. އެކަމަކު އެއީ، މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަން އިއުލާންކޮށްފައި އޮތް ދުވަހެއް، މި ކަހަލަ ދޮގުތައް އަޅުގަނޑުމެން ސާފުކޮށްދީފައި ވާނީ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ކަންކަމާ ގުޅޭ ގޮތުން ބޮޑެތި ރިޕޯޓްތައް ހަދައިގެން ހެދި ދޮގުތައް ވެސް ނަޝީދުގެ ޓީމުން މިހާރު ވަނީ ދިފާއުކޮށްދޭން ޖެހިފައި ކަމަށެވެ. އެހެންކަމުން، އިތުރަށް ރާއްޖެއާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަގީގަތްތަކާއި ރާއްޖެއާ ގުޅޭގޮތުން ހަދާފައިވާ ދޮގުތައް ޔޫރަޕްގެ ގައުމުތަކަށް މިހާރު އެނގޭނެ އެވެ. ރާއްޖެއާ ގުޅޭގޮތުން ފަތުރާ ނުބައި މައުލޫމާތުތަކުގެ ހަގީގަތް ހާމަކޮށްދިނުމަކީ މާކުރިން ވެސް ޕީޕީއެމުން ކުރަން ވެފައި އޮތް ކަމެއް ކަން ނިހާން ވިދާޅުވި އެވެ.