Roadha Mihaaru
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން

ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން:ނިހާން

23 ޖެނުއަރީ 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސުން ވާދަކުރައްވަން ތާއީދު ނުކުރައްވާ ކަމަށާއި އެކަން ހުއްޓުވަން ވެސް ތާއީދު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސުން ވާދަކުރައްވަން ތާއީދު ނުކުރައްވާ ކަމަށާއި އެކަން ހުއްޓުވަން ވެސް ތާއީދު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އުފައްދަން އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ޕީޕީއެމް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާނު ވިދާޅުވީ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގަތުމަކީ ކުރީގެ ރައީސުންނަށް ވެސް އޮތް ހައްގެއް ކަމަށެވެ. އެކަމަށް ހުރަސް ނާޅުއްވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

"ހިދުމަތް ކުރައްވަން އެ ބޭފުޅުންނަށް ބަޖެޓެއް ދީ، އޮފީހެއް ދީ، މުސާރައެއް ދީ އެނޫން ވެސް ކަންކަން އޮއްވައި އަނެއްކާ އިއްޒަތްތެރި މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރުފާރުން އެތެރެ އަށް ވަޑައިގެން ކަންތައްތަކެއް ކުރެއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ކަމެއް ނޫން. އެހެންނަމަވެސް އެއީ އަސާސީ ހައްގެއް، މަދަނީ ހައްގެއް، ސިޔާސީ ހައްގެއް. އެހައްގު ބްލޮކް ކުރުމަކީ ވެސް އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން،" ނިހާނު ވިދާޅުވި އެވެ.

ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހަަށް އިންތިހާބު ވެއްޖެ ނަމަ އުފެދޭނެ ބައެއް މައްސަލަތަކުގެ ވާހަކަ ދައްކަވަމުން ނިހާން ނެންގެވި އެއް މިސާލަކީ މަޖިލީހުގެ ތަޅުމުގައި މުހާތަބު ކުރުމުގެ މައްސަލަ އެވެ. އެގޮތުން އެބޭފުޅުންގެ ނަމުގެ ކުރިއަށް "ރައީސް"ގެ ލަގަބު ލައިގެން މުހާތަބު ކުރަން ޖެހޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރައީސުން މަޖިލީހަށް އިންތިހާބުވުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމުގައި ގޮތެއް ނުނިންމަވާކަން ނިހާން ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ގާނޫނަށް އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.

ލަތީފު ބިލު ހުށަހެޅުއްވުމުން އެމްޑީޕީން ބުނެފައި ވަނީ ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތެއް ހެދިޔަ ނުދޭނެ ކަމަށެވެ.