މާލެއިން ވިއްކަން ނިންމާފައިވާ ބިންތަކުގެ އަގު ދަށްކޮށް، އަލުން ބިޑަށް ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
10 އޮކްޓޯބަރ 2017
މާލެއިން ވިއްކަން ނިންމާފައިވާ ބިންތަކުގެ އަގު ދަށްކޮށް، އަލުން ބިޑަށް ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މާލެއިން 19 ބިމެއް ވިއްކަން މިދިޔަ އޮގަސްޓް މަހު ސަރުކާރުން އިއުލާން ކުރިއިރު ފުރަތަމަ އޮތީ ބިން ގަނެވޭނީ އެންމެ މަދުވެގެން އަކަފޫޓަކަށް 15،000ރ. ގެ ރޭޓުން ކަމަށެވެ. އެ މުއްދަތު މިދިޔަ މަހު ހަމަވެގެން އަލުން އިއުލާން ކުރިއިރު އޮތީ އަކަފޫޓަކަށް މަދުވެގެން ހުށަހެޅޭނެ އަގު 12،000ރ. އަށް ދަށްކޮށްފަ އެވެ.
ކުރީގެ އަގުގައި އެ ބިންތައް ވިއްކި ނަމަ ދައުލަތަށް 792 މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ. އެކަމަކު އެއިން އެއްވެސް ބިމެއް ގަންނަން އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން ބިން ވިއްކާނީ ބިޑް އުސޫލުން، ކޮންމެ އަކަފޫޓަކަށް އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަގު ހުށަހެޅޭނީ މި މަހު 16 އިން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ސަރުކާރުން ވިއްކަން ނިންމީ އޯކިޑްމަގުގައި ހުންނަ މ. މާފަންނުއާގެ އިން ދައުލަތަށް ނަގާފައިވާ ބައިން ތިން ބިމަކާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ކުނިކޮށިން ހަ ބިމާއި ވިލާ ކޮލެޖާ ޖެހިގެން އޮތް އެސްޓީއޯގެ ކޮންކްރީޓް މިކްސް ތައްޔާރުކުރާ ބިމުން 10 ބިމެކެވެ.
މާލެއިން ބިން ވިއްކަން ނިންމުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ. ސަރުކާރުން ބުނެފައިވަނީ ބިން ވިއްކަނީ ރައްޔިތުންގެ މަންފާއަށް ކަމަށާއި އެކަމުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށެވެ.
ކުރިން ބިމާ ބެހޭ ގާނޫނު އޮތީ ދައުލަތުގެ ބިންތައް ނުވިއްކޭ ގޮތަށެވެ. އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކަން ނިންމުމުން އޭރު ގާނޫނު އޮތް ގޮތުން އެކަން ނުކުރެވޭނެ ކަމަށް ކޯޓުން ނިންމި އެވެ. އެކަމަކު 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުން އެ ގާނޫނު އިސްލާހުކޮށް، ދައުލަތުގެ ބިންތައް ވިއްކޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ފްލެޓު ލިބޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުމުން
ފްލެޓް ދޭން ގެދޮރުނެތް މީހުންނަށް އިސްކަންދެވޭނެ ގޮތެއް
މާލޭގައި އުޅޭ މީހުންނަށް ގޯތި ދެނީ ދެ ކެޓަގަރީއަކުން
ގުޅިފަޅުން ދޭ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފި
ގޯތިތަކުގެ އެއްބަސްވުމަށް ބަދަލުގެނައީ ގާނޫނާ ފުށުއަރާތީ
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރު ނަގައިފި
އުފާވެރިކަމުގެ ކަރުނަ: މާލޭގެ ބިންވެރިކަމުގެ ޔަގީންކަން
ބިން ކަނޑައި، ގޯތި ރަޖިސްޓްރީ ހަވާލު ކުރަން ފަށައިފި
ގޯތި ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ