Roadha Mihaaru
ކުޅުންތެރިންނަށް ތައުރީފް ކުރިއިރު، ކޯޗު މާޔޫސްވެފައި

ކުޅުންތެރިންނަށް ތައުރީފް ކުރިއިރު، ކޯޗު މާޔޫސްވެފައި

11 އޮކްޓޯބަރ 2017

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި އޮމާން އަތުން 3-1 އިން ބަލިވެ އަމިއްލަ ބާރުގައި މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނުއިރު، ރޭގެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ތައުރީފްކޮށްފި އެވެ. އެކަމަކު އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި އޮމާން އަތުން 3-1 އިން ބަލިވެ އަމިއްލަ ބާރުގައި މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނުއިރު، ރޭގެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ތައުރީފްކޮށްފި އެވެ. އެކަމަކު އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

ކޮންމެ ގްރޫޕަކުން ދެ ޓީމު ކޮލިފައިވާއިރު، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ފަލަސްތީން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިރޭ 10-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ރާއްޖެ އަށް ދެން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

މެޗަށް ފަހު ސްޓެވާޓް ބުނީ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ފުރަތަމަ ހާފަށް ބަލާއިރު ރަނގަޅަށް ކުޅުނު ޓީމަކީ އަހަރެމެން. އެކަމަކު 60 ނޫނީ 70 މިނިޓަށް ދިޔަ ހިސާބުން އަހަރެމެން ވަރުބަލިވެއްޖެ އެ ހިސާބުން އެނގޭ އަހަރެމެން މި ލެވެލަށް އަދި ފިޓްނަސް ނެތްކަން. ވަން ގޯލުތަކަށް ބަލާއިރު ވަދެފައި ހުރީ ހުރަސްތަކުން. މި މެޗުގައި ކުޅުންތެރިން ކުރި ހިތްވަރަށް ބަޔަކު ފާޑުކިޔާނަމަ އަހަރެން ބުނާނީ އެ ބަޔަކު މި މެޗު ނުބަލަޔޭ،" އޭނާ ބުންޏެވެ.

އޮމާނުން މެޗުގެ ފުރަތަމަ 19 މިނިޓް ތެރޭ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެހެން ނަމަވެސް އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖެ އަށް ލަނޑެއް ޖަހައިދީ މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ. އެހެން ނަމަވެސް އޮމާނުން ވަނީ ދެ ވަނަ ހާފްގައި އިތުރު ލަނޑެއް ޖަހައި ތިން ޕޮއިންޓް ހޯދައިފަ އެވެ.

"ބަލިވެފައި އޮތްއިރު ވެސް އަހަރެމެން ޑްރޯއެއް ކުރަން ނޫނީ އެހެން ގޮތަކަށް ނުވިސްނައި ކުޅުނީ އޭޝިއަން ކަޕަށް ކޮލިފައިވާން ޖަހަން ބޭނުންވާ ލަނޑުތައް ޖެހޭތޯ މަސައްކަތް ކުރަން. އޮމާން އަތުން 5-0 އިން ބަލިވި މެޗަށް ފަހު އަހަރެމެން މި މެޗުގައި މިދެއްކީ ހިތްވަރުގަދަ ކުޅުމެއް. ފާޑުކިޔާނަމަ ފާޑުކިޔަންވީ އަހަންނަށް ކުޅުންތެރިންނަކަށް ނޫން. އެއީ ފަހުރުވެރިވާ ވަރުގެ ހިތްވަރުގަދަ ކުޅުމެއް މި ކުޅުންތެރިން ކުޅެފި،" މެޗުދިޔަ ގޮތާ ގުޅޭގޮތުން ސްޓެވާޓް ބުންޏެވެ.

ގައުމީ ކޯޗުކަން ސްޓެވާޓަށް ދިންއިރު ބޮޑު ދެ ޓާގެޓެއް ހަމަޖެއްސި އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އޮމާން މެޗު ފެށުމުގެ ކުރިން ވެސް މެޗަށް ފަހު ވެސް ސްޓެވާޓް އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ މި ފަހަރު ރާއްޖެ އަށް އެކި ގޮތްގޮތުން ގޯސްތަކެއް ހެދިފައިވާ ކަމެވެ.

"މިއީ ފުރަތަމަ ފަހަރު އޭޝިއަން ކަޕުގެ މި ކަހަލަ ޓީމުތަކާ ދެކޮޅަށް ރާއްޖެ ކުޅޭ. އަހަރެންގެ އުއްމީދަކީ ރާއްޖޭގެ ފުޓްބޯޅައިގައި އުޅޭ އެންމެން މިކަމުން ފިލާވަޅުތަކެއް ހޯދަން. އެއީ މީގެއިން ފިލާވަޅުތަކެއް ނުލިބިއްޖެނަމަ ދެން އަނެއްކާ ވެސް މި ހިސާބަށް އަންނައިރު މާޒީގައި ހެދުނު ގޯސްތައް ތަކުރާރުވާނެ. އެއީ ފިޓްނަސް އެއް ނެތް. ދެން އަހަރެމެންގެ ތައްޔާރީތައް މިދަނީ އެންމެ ރަނގަޅަކަށް ނޫން،" ދިމާވި މައްސަލަތަކާ ގުޅޭގޮތުން ސްޓެވާޓް ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ނުކުތް ރާއްޖެ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ނުކުތް ރާއްޖެ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ފިޓްނަސް ކަންތައްތައް ރަނގަޅުވިނަމަ ކުޅުންތެރިން ތަފާތު ދައްކާނެ ކަމަށާއި އެހެން ނަމަވެސް އެކަންތައް ދިމާވި ގޮތުން މީހެއްގެ ބޮލުގައި އިލްޒާމް އަޅުވަން ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިން ތަކުރާރުކޮށް އެ ސަބަބެއް އޮޅުން ފިލުވަން އެހުމުން ބުނީ އެހެން ދުވަހެއްގައި އޭގެ ޖަވާބު ދޭނެ ކަަމަށެވެ.

"ރަނގަޅު ދުވަހެއްގައި އެ ވާހަކަ ދައްކާނަން. އަހަންނަށް ސަބަބު އެނގޭ. އެކަމަކު މި ވަގުތު އެއްވެސް މީހެއް ބޮލުގައި އިލްޒާމެއް އަޅުވަން ނެތިން. ކުޅުންތެރިންގެ ފިޓްނަސް ދަށްވެގެން މިއުޅޭ ސަބަބު އަހަންނަށް ނޭނގެންޏާ ކޯޗެއްގެ ގޮތުގައި އަހަރެންގެ ޒިންމާ އަދާކުރެވިފައެެއް ނެތް،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ބަލަނީ ކްލަބްގައި ދައްކާ ކުޅުމަށް ކަމަށާއި ޓީމުގައި މިހާރު ހިމެނޭ ކުޅުންތެރިން ލީގުގައި ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިން ދިވެހި ޕްރިމިއާ ލީގާއި މާލޭ ލީގުގައި ދެއްކި ކުޅުމާ މެދު އަހަރެން ހިތްހަމަ ޖެހޭ އެހެން ނޫންނަމަ އަހަރެން އެ ކުޅުންތެރިން ނުނަގާނަން. އަހަރެންނާ ވަރަށް ގިނަ ސުވާލު ތިކަމަށް އަމާޒުވޭ. ޓީމު ނަގަނީ އަހަރެން. ސްކޮޑު ނަގަނީވެސް އަހަރެން. އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ޓީމަށް ނަގަނީ،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައި ޕްރެކްޓިސް ފަށާއިރު މީގެ ކުރިން ފަހަރުތަކުގައި ތިން ކީޕަރުން ތިބެ އެވެ. އެހެން ނަމަވެސް މި ފަހަރު ޕްރެކްޓިސްތައް ފެށީ މުހައްމަދު ފައިސަލް އާއި މުހައްމަދު އިމްރާން (ކުޑަ އިންމަ)އާ އެކު އެވެ. އެފްއޭއެމުން އޭރު ބުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރެއް ޓީމާ ގުޅޭނެ ކަމަށެވެ. އެހެން ނަމަވެސް ޓީމާ ފަހު ވަގުތު މެޗު ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ގުޅުނީ މި ކުރިން ފަހަރު ސްކޮޑަށް އެރި ނިއު ރޭޑިއަންޓްގެ ކީޕަރު އަބްދުﷲ ޒިޔަޒަން އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އިސްމާއިލް މަހްފޫޒް (ކ) އާއި ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އިސްމާއިލް މަހްފޫޒް (ކ) އާއި ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕްރެކްޓިހުގައި ވެސް މި ފަހަރު ބައިވެރިނުވާ ކީޕަރެއް ސްކޮޑަށް ނެގުމުގައި ދިމާވި ކަންތައްތަކާ ގުޅޭގޮތުން ސްޓެވާޓާ ސުވާލުކުރުމުން އޭނާ ބުނީ އެ ސުވާލުގެ ޖަވާބު އޭނާ އަށް ނުދެވޭނެ ކަމަށެވެ.

"މި ސުވާލުތައް ކުރަންވީ އެފްއޭއެމްއާ. އަހަންނަކާ ނޫން. އަހަރެން ހަމައެކަނި ޓީމަށް ކޯޗުކޮށްދެނީ. ޓީމު ނަގަނީ އަހަރެން. ކުޑަ އޮޅުމެއް އުޅުނީ ރެޖިސްޓްރޭޝަނުގައި. ތިން ކީޕަރުން ތިބެން ޖެހޭކަން އެނގޭ. އެކަމަކު އެއީ ހެދުނު ގޯހެއް. ކޮންމެ މީހަކަށް ވެސް ގޯހެއް ހެދިދާނެ. އެފްއޭއެމަކުން ނޫން ޓީމު ނަގަނީ. އަހަރެން ޓީމު ނަގަނީ،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓާ ގައުމީ ޓީމު ހަވާލުކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ދޮރު ރާއްޖެ އަށް ބަންދުވިޔަސް އޭނާ ވިސްނުންހުރީ ޓީމާ އެކު ކުރިއަށްދާށެވެ.

"ރާއްޖެ އަށް ކޯޗުކޮށްދިނުމަކީ އަހަރެން ވަރަށް ކުރާހިތުން ކުރާ ކަމެއް. އެންމެން ހިތްއެދޭ ނަތީޖާތައް ކުރިއަށް ހުރި މެޗުތަކުގައި ނެރެވޭތޯ މަސައްކަތްކުރާނަން. ކުޑަ މިރަކަލްއެއް ބޭނުމީ ދެން ކޮލިފައިވާން. އަދި ވެސް އުއްމީދެއް ދުލެއް ނުކޮށްލަން އަހަރެން ދެން ތައްޔާރު މިވަނީ ފަލަސްތީނާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗުން މޮޅެއް ހޯދަން. އަހަރެން މަގާމުން ވަކިކުރާ ވާހަކަ އަންގަންދެން ޓީމާ އެކު ކުރިއަށްދާނަން. ސާފް ޗެމްޕިއަންޝިޕް ވެސް އެއީ އަހަރެންނާ ހަވާލުކުރި ޓާގެޓެއް. އޭޝިއަން ކަޕް ކޮލިފައިން އަށް ފަހު އެއީ ޓާގެޓެއް. އެ މުބާރާތުގެ ފައިނަލަށް ނުގޮސްފިއްޔާ އާ ކޯޗެއް ވެސް އައިސްދާނެ،" ސްޓެވާޓް ބުންޏެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗު އޮންނާނީ އަންނަ މަހު 14 ވަނަ ދުވަހު އެވެ. އެ ދުވަހު ރަށުންބޭރުގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.