Roadha Mihaaru
އަތޮޅުތަކުން އައި ކުޅުންތެރިން ތަފާތެއް ނުކުރަން: ކޯޗު

އަތޮޅުތަކުން އައި ކުޅުންތެރިން ތަފާތެއް ނުކުރަން: ގައުމީ ކޯޗު

09 ނޮވެމްބަރ 2017

މިނިވަން ޗެމްޕިއަންޝިޕުން އައި ކުޅުންތެރިން ގައުމީ ސްކޮޑުގައި ނުހިމެނެނީ ތަފާތު ކުރުމުގެ އުސޫލެއް ގެންގުޅޭތީ ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިނިވަން ޗެމްޕިއަންޝިޕުން އައި ކުޅުންތެރިން ގައުމީ ސްކޮޑުގައި ނުހިމެނެނީ ތަފާތު ކުރުމުގެ އުސޫލެއް ގެންގުޅޭތީ ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އެފްއޭއެމުން މި ފަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ގެނައި އެންމެ ބޮޑު ބަދަލަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތަކުގެ މެދުގައި ކުޅޭ މިނިވަން ޗެމްޕިއަންޝިޕުން އަންނަ ޓީމުތަކަށް ވާދަކުރެވޭ ގޮތް ހެދުމެވެ. މި ބަދަލަށް ގިނަ ބަޔަކު ވަނީ ތާއީދުކޮށްފަ އެވެ. މީގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ކޮންމެވެސް ވަރަކަށް ނަމަވެސް ރަނގަޅުކަން ފާހަގަވެ އެވެ.

ނަމަވެސް ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި ވެސް މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމެއްގެ ކުޅުންތެރިއަކަށް ފުރުސަތު ދީފައިނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. ގައުމީ ކޯޗު ސްޓެވާޓް ބުނީ އަތޮޅުތަކުގެ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ ގޮތްތަކެއް އެބަހުރި ކަމަށެވެ.

"ރަށްރަށުގެ ކުޅުންތެރިންނަށް އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު ދިނުމަކީ ވަރަށް ރަނގަޅު ވިސްނުމެއް. އެކަމު އަހަންނަށް ހިއެއްނުވޭ މި ޓީމުތަކަށް ފުރުސަތު ދިނީ ސީދާ މި މުބާރާތުގެ ތެރެއިން މި ކުޅުންތެރިން އެއް ފަހަރުން ގައުމީ ޓީމަށް ގެންނަން ހެނެއް. ހާއްސަކޮށް މި ކަހަލަ ހާލަތެއްގައި ރަށުން ބޭރުގައި ތަފާތު މާހައުލެއްގައި ފަލަސްތީނާ ދެކޮޅަށް ކުޅެން. އެފްއޭއެމުން ވެސް އަހަރެން ވެސް ކޯޗިން ސްޓާފުން ވެސް ރަށްރަށުން އައި ޓީމުތައް ބާކީ ކުރީއެއް ނޫން. އަހަރެމެން ބޭނުމެއް ނުވޭ ކުއްލިއަކަށް ކުޅުންތެރިން ގެނެސް ސީދާ މި ކަހަލަ މެޗަކަށް އަރުވަން. މިސާލަކަށް މިއީ ބޫޓާން މެޗު ކަހަލަ މެޗެއް ނަމަ ރަނގަޅު،" އޭނާ ބުންޏެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރާ ދެ ކުޅުންތެރިންނަކީ ށ. މިލަންދޫ އަށް ކުޅޭ ބ.އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އާއި އއ. މާޅޮހުގެ ކީޕަރު އިބްރާހިމް ޒަމީރު (އިބޫ) އެވެ. ސްޓެވާޓް ބުނީ އޭނާ އަށް ވެސް 10 ކުޅުންތެރިއަކު ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުޅުންތެރިން މާލޭ ލީގުގައި ކުޅެފިނަމަ ގައުމީ ޓީމުގެ ޖާގަ ލިބޭނެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަހަންނަށް ފާހަގަކުރެވިއްޖެ 10 ވަަރަކަށް ކުޅުންތެރިން އެ ކުޅުންތެރިން އެބަޖެހޭ މާލޭ ލީގަށް އައިސް ގަވައިދުން ޕްރެކްޓިސްކޮށް ކުރިއަށްދާން. ދެން އެ ހިސާބުން އެ ކުޅުންތެރިން ގައުމީ ޓީމަށް ކުޅެން ތައްޔާރުވެވޭނެ. އަހަރެންގެ އެދުމެއް މާލޭ ލީގު ޓީމުތަކުން މި ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ،" އޭނާ ބުންޏެވެ.

ސްޓެވާޓް ވަނީ ގައުމީ ސްކޮޑު ނަގަނީ އެފްއޭއެމުން ކަމަށް ބުނެ ދައްކާ ވާހަކަ ތަކަށް ރައްދުދީފަ އެވެ.

"ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް އެފްއޭއެމުންނޭ ޓީމު ނަގަނީ. އެއީ އޮޅުމެއް އަހަރެން ނަަގަނީ ޓީމު. އިތުރު އެހެން މީހެއް ނޫން. އަހަރެންގެ އެސިސްޓަންޓް ކޯޗު. ނޫނީ އަސްލަމް (ކީޕަރު ޓްރެއިނަރު) ގެ ލަފާ އެކަނި އަހަރެން ހޯދަނީ. އެކަމަކު އެ ވެސް ބައެއް ފަހަރު. ޔަގީންކޮށް ބުނަން ކެރޭ އެފްއޭއެމްގެ އެކަކުވެސް ރައީސް ވެސް އަހަންނަށް ނުފޫޒެއް ނުފޯރުވާ ޓީމު ނެގުމުގައި. ޓީމު ނަގަނީ އަހަރެން. އެފްއޭއެމްގެ ރައީސް (ބައްސާމް) އަށް ވެސް ނޭގޭނެ ޓީމު ނަގާގޮތެއް. އެއީ އޭނަ ނުވެސް އަހާ،" އޭނާ ކިޔައިދިނެވެ.

މިދިޔަ މަހު 10 ވަނަ ދުވަހުގެރޭ އޮމާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ މަހު 10 ވަނަ ދުވަހުގެރޭ އޮމާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޗިންގައި މިހާތަނަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ޒިންމާ ނަގަން ދަސްވެފައިވާ ކަމަށާއި ކުޅުންތެރިންނަށާއި އެފްއޭއެމް އަށް ގައުމީ ޓީމުގެ މައްސަލައިގައި ފާޑުކިޔުމުގެ ބަދަލުގައި އޭނާ އަށް ފާޑުކިޔުން ރަނގަޅުވާނެ ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"ކޮންމެ ގޮތެއްވިޔަސް އެންމެ ފަހުން ހުރިހާ ކަމެއް އަންނާނީ އަހަންނަށް. އެއީ އަހަރެންނަށް މަގާމު ގެއްލުނަސް ގެއްލޭނީ. އަހަންނަށް ރަނގަޅަށް ކަންތައް ނުކުރެވިގެން. މީހުން އަހަންނަށް ފާޑުކިޔަނީ ފަލަސްތީނާއި އޮމާނާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ނަތީޖާއަށް ބަލައިގެންވާނަމަ އެކަން ވެސް ކުރަންވީ. އެކަމަކު އަހަންނަނީ ފިލައިގެން އުޅޭނެ މީހެއް ނޫން. އަހަންނަކީ ކަންކަމާ ކުރިމަތިލެވޭ ވަރުގެ ކޯޗެއް. ޓީމުގެ މައްސަލައިގައި މިހާތަނަށް ފާޑުކިޔަންވެއްޖެނަމަ އެ ކަން ކުރަންވީ އަހަންނަށް އަމާޒުކޮށް،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމުގައި އޭޝިއަން ކަޕް ކޮލިފައިން އަށް ރަޖިސްޓްރީ ކޮށްފައިވަނީ 50 ކުޅުންތެރިން ކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"98 ކުޅުންތެރިން ވާނީ އޭއެފްސީގައި ރަޖިސްޓްރީ ކޮށްފައި. އޭގެ ތެރޭގައި އަތޮޅުތަކުން ޓީމެއްގެ ކުޅުންތެރިއަކު ހިމެނޭނެ ހެނެއް ހިއެއްނުވޭ. މި ކުޅުންތެރިން ރަޖިސްޓްރީ ކުރީ ޖެނުއަރީ ނޫނީ ފެބްރުއަރީގައި އޭރު މި ޓީމުތަކުގެ މައުލޫމާތެއް ނެތް. މިއީ އިންމަ (އިސްމާއިލް މަހަފޫޒް) ގެ ވިސްނުމެއް. ހުރިހާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަކީ،" ސްޓެވާޓް ބުންޏެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މި ވަގުތު 98 ކުޅުންތެރިން ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް ގަވާއިދު އޮންނަ ގޮތުން މެޗު ފެށުމުގެ ހަތް ދުވަސް ކުރިން ބޭނުން ކުޅުންތެރިއަކު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް ވެސް ފައިނަލް ސްކޮޑުން ޖާގަ ދެވޭނެ ކަމަށް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުގެ ޒިންމާއާ ސްޓެވާޓް ދާއިމީ ގޮތެއްގައި ހަވާލުވީ ބޮޑު ދެ ޓާގެޓަކާ އެކު އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. ސްޓެވާޓް ބުނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އޮތީ ވަރަށް އުނދަގޫކޮށް ކަމަށާއި އެއް ޓާގެޓް ހާސިލްނުވެ ދިޔަސް މަގާމް ދޫކޮށްފައި ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް. އެއީ އޭޝިއަން ކަޕް ކޮލިފައިން ފަސޭހަވާނެ ކަމަށް ކުރިން ވެސް ހިއެއް ނުކުރަން. އަހަންނަކީ އުއްމީދު ދޫކޮށްލޭނެ މީހެއް ނޫން. ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ވެސް ނުދިޔައީޔާ އަހަރެން އަމިއްލަ އަށް ވެސް ޓީމު ދޫކޮށްދާނަން. އުއްމީދަކީ އެ މުބާރާތް ކާމިޔާބު ކުރަން. ޗެލެންޖް ދޫކޮށްފާދާނެ މީހެއް ނޫން އަހަންނަކީ،" އޭނާ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރަށުންބޭރުގައި ފަލަސްތީނާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އަށް އޮތީ މުބާރާތަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. ރާއްޖެ އަށް ދެން އޭޝިއަން ކަޕުން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.