Roadha Mihaaru
"ވަޒީފާ ގެއްލުނަސް ކުޅުންތެރިން ބަދުނާމު ނުކުރާނަން"

ވަޒީފާ ގެއްލުނަސް ކުޅުންތެރިން ބަދުނާމު ނުކުރާނަން: ގައުމީ ކޯޗު

15 ނޮވެމްބަރ 2017

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ފަަލަސްތީން އަތުން 8-1 އިން ބަލިވުމުން ވަޒީފާ ގެއްލުނަސް ކުޅުންތެރިން ބަދުނާމުކޮށް ވާހަކަ ނުދައްކާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ފަަލަސްތީން އަތުން 8-1 އިން ބަލިވުމުން ވަޒީފާ ގެއްލުނަސް ކުޅުންތެރިން ބަދުނާމުކޮށް ވާހަކަ ނުދައްކާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

މިއީ ފާއިތުވި ފަނަރަ ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ ސީނިއާ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި އެއް މެޗެވެ. ކޮލިފައިންގައި ރާއްޖެ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޮމާނުގައި އެ ޓީމު އަތުން 5-0 އިން ވެސް ބަލިވެފަ އެވެ.

ރޭގެ މެޗުގައި ފަލަސްތީނުން އަށް ގޯލު ޖެހިއިރު އިތުރު ލަނޑުތަކެއް ޖަހަން ވެސް ފުރުސަތު ލިބުނެވެ. އޭގެ ތެރެއިން ދެ ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ ހަމަލާތަކެއް މަތަކޮށްފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ ރާއްޖޭގެ ހަމައެކަނި މައްސަލަ އަކީ ޑިފެންސް ކަމަށެވެ.

"ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަންނަށް މައްސަަލަ އަކީ ޑިފެންސް. ބައިކޮޅަށް ވަން އަށް ގޯލު. އޭގެ ތެރެއިން ހަ ގޯލަކީ އަހަރެން ދެކޭ ގޮތުގައި ރާއްޖޭން ހަދިޔާއެއްގެ ގޮތުގައި ދިން ގޯލުތަކެއް. މި އަށް ވުރެ ކަންތައްތައް ރަނގަޅުވާން ޖެހޭ،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމުގެ ކަންތައްތައް ހަމަޖައްސަން އެފްއޭއެމުން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ކޮންމެ މެޗަކަށް ފަހު އެ ކޮމިޓީ މެދުވެރިކޮށް ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެ އެވެ. ސްޓެވާޓް ބުނީ މި މެޗުގެ ނަތީޖާއާ ގުޅިގެން އޭނާ ޖަވާބުދާރީވާން ޖެހޭ ފަރާތަކަށް ފުރިހަމަ އަށް އެއްބާރުލުންދޭނެ ކަމަށާއި ޒިންމާ ވެސް ނަގާނެ ކަމަށެވެ.

"ފަލަސްތީނަށް އަންނަން 34 ގަޑިއިރު ކޮށްފައި މި ކުޅުންތެރިން މި ކުރި މަސައްކަތް. އުފުލި ތަކުލީފު އަހަންނަށް ފެނިއްޖެ. މެޗުގެ ނަތީޖާގެ ޒިންމާ އަހަރެން ނަގާނަން. ހާޒިރުވާން ޖެހޭ ކޮމިޓީ އަކަށް ވެސް ދާނަން. އެކަމަކު މި ކުޅުންތެރިން ފަލަސްތީނަށް އައިސް މި ކުރި މަސައްކަތް ހަނދާން ނައްތާލާފައި އަހަރެން މި ކުޅުންތެރިން ބަދުނާމެއް ނުކުރާނަން. އެއީ އަހަރެންގެ ވަޒީފާ ގެއްލުނަސް ނުކުރާނެ ކަމެއް،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުކަމަށް ސްޓެވާޓް ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަމަޖެއްސީ މައިގަނޑު ދެ ޓާގެޓެއް ހަވާލުކޮށްފަ އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖޭގެ ގައުމީ ޓީމު އެސިސްޓަންޓް ކޯޗު ކަމުން އިސްމާއިލް މަހްފޫޒް (އިންމަ) ވަކިވެ މާޒިޔާއާ ހަވާލުވުމުން ރޭގެ މެޗުގައި ޓީމަށް އިރުޝާދުދިނުމުގައި އުޅުނީ ކޯޗު ސްޓެވާޓް އެކަންޏެވެ. އެފްއޭއެމުން ބުނީ އެސިސްޓަންޓް ކޯޗެއް ހަމަޖެއްސުމުގެ ކަންތައް ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ.

ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ފަލަސްތީން އޮތީ ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޮމާނަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ކޮލިފައިން ފަހު މެޗުގައި އަންނަ އަހަރު މާޗް 27 ގައި ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭނީ ބޫޓާނާ އެވެ.