Roadha Mihaaru
އަބްދުﷲގެ މަރާ ގުޅޭ ތުހުމަތުތަކަށް ޖަވާބެއް ނެތް!

އަބްދުﷲގެ މަރާ ގުޅިގެން ކުރާ ތުހުމަތުތަކަށް ޖަވާބެއް ނެތް!

12 އޮކްޓޯބަރ 2017

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު މަރުވީ އޭނާ އަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން އިހުމާލުވުމުގެ ސަބަބުން ކަމަށް ބުނެ އާއިލާ އިން ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާއިރު ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލާގައި ވާހަކައެއް ނުދެއްކި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު މަރުވީ އޭނާ އަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން އިހުމާލުވުމުގެ ސަބަބުން ކަމަށް ބުނެ އާއިލާ އިން ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާއިރު ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލާގައި ވާހަކައެއް ނުދެއްކި އެވެ.

މީގެ ދެ އަހަރު ކުރިން، 2015 ގެ މެއި އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ ހޯމަ ދުވަހެވެ.

އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުންނެވެ. ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ލަަސްކުރި ކަމަށް އާއިިލާ އިން ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަބްދުﷲ ހޮޑުލައި ބޭރަށް ހިންގުމުގެ އިތުރުން ގޮޅި ތެރެއަށް ދެތިން ފަހަރަށް އަނބުރައިގަނެގެން ވެއްޓުމުން ފަރުވާދީފައި ނުވާ ކަމަށް އާއިލާ އިން ބުންޏެވެ. ހޯމަ ދުވަހު ވެސް ގޮޅިތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން މާލެ ގެނެސް ފަރުވާ ދޭން ފެށިއިރު އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ފޭލްވެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވީ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށް ތުހުމަތުކުރާއިރު ވެސް މި މައްސަލާގައި ކަރެކްޝަނަލް ސާވިސް އިން ވާހަކައެއް ނުދައްކަ އެވެ. މިކަމާ ގުޅޭގޮތުން އެ މުއައްސަސާ އަށް ގުޅުމުން ވެސް ޖަވާބެއް ނުދިނެވެ.

މިއީ، އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަން ޖެހޭ މައްސަލައެކެވެ. އެކަމަކު މި މައްސަލާގައި އެ ކޮމިޝަނުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އަބްދުﷲގެ މަރާ ގުޅޭގޮތުން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެޗްއާރުސީއެމުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދިނެވެ.

ރަޝީދުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ މިދިޔަ އަހަރެވެ. އޭނާގެ މައްޗަަށް ހުކުމް ކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ.