Roadha Mihaaru
އެއްލާ ކޮންމެ ގަލަކީ ހަދިޔާއެއް: ރައީސް ޔާމީން

ތަރައްގީ އަށް ފާޑުކިޔައި އަޅުގަނޑާ ދިމާލަށް އެއްލާ ކޮންމެ ގަލަކީ ހަދިޔާއެއް: ރައީސް

19 އޮކްޓޯބަރ 2017

މި ސަރުކާރުން ރާއްޖެ އަށް ގެންނަމުންދާ ތަރައްގީ އަށް ފާޑުކިޔައި އެމަނިކުފާނާ ދިމާލަށް އެއްލާ ކޮންމެ ގަލަކީ ހަދިޔާއެއްގެ ގޮތުގައި ބަލައިގަނެ އިމާރާތްތައް އުސްކުރައްވަން އެ ގާތައް ބޭނުން ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުން ރާއްޖެ އަށް ގެންނަމުންދާ ތަރައްގީ އަށް ފާޑުކިޔައި އެމަނިކުފާނާ ދިމާލަށް އެއްލާ ކޮންމެ ގަލަކީ ހަދިޔާއެއްގެ ގޮތުގައި ބަލައިގަނެ އިމާރާތްތައް އުސްކުރައްވަން އެ ގާތައް ބޭނުން ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"ތައްޔާރު" ގެ ނަމުގައި އަލިމަސް ކާނިބާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާ ދިމާލަށް މިހާރު އެންމެ ބޮޑަށް ގާއުކަނީ "ތަރައްގީ އަކީ އުސް އިމާރާތްތައްތޯ" ސުވާލުކޮށް ކަމަށެވެ. މިގޮތަށް އުކާ ގާތައް އެއްކޮށްގެން އިމާރާތްތައް އިތުރަށް އުސްކުރަން އެމަނިކުފާނަށް މާ ފަސޭހަފުޅުވާނެ ކަމަށް ވިދާޅުވި އެވެ.

"މި އަންނަ ކޮންމެ ގާކޮޅަކީ އަޅުގަނޑު ބިނާކުރާ ފައުންޑޭޝަންގެ މައްޗަށް އިމާރާތްކުރަން ކުރާ ހަދިޔާއެއް. އެހެންވީމާ މި މިސްރާބުން ކަހާލައިގެން އަޅުގަނޑު ހިނގައިދާނެ ކަމަށް ހީކުރެއްވުމަކީ އިދިކޮޅު ފަރާތްތަކަށް އަންނަ ވަރަށް ޅަ ޚިޔާލެއް،" ކޮންކްރީޓް އިމާރާތަކީ ތަރައްގީ ކަމަށް ސަރުކާރުން ދެކޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

މި ތަރައްގީއާ ގުޅޭ ގިނަ ވާހަކަތަކާއި ރައްޔިތުންނަށް އެދޭ ފަދަ އިތުރު ހަދިޔާތަކެއްގެ ވާހަކަ މި ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި އަންނަ މަހުގެ 17 ގައި ބާއްވާ ހާއްސަ ޖަލްސާގައި ވިދާޅުވެދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިރޭގެ ޖަލްސާގައި ރައީސް ޔާމީންގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ އިދިކޮޅު އެމްޑީޕީން ހިންގާފައިވާ އެކި ކަންކަމަށް ފާޑުވިދާޅުވުމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި އެ ސަރުކާރުން އަންގައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ތަޣައްޔަރުކުރަން ކޮށްފައިވާ މަސައްކަތް މިރޭގެ ޖަލްސާގައި ދެއްކި ވީޑިއޯ އިން ސާފުވާނެ އެވެ. ދައުލަތުގެ އެކި މުއައްސަސާތަކުގެ އަގު ވައްޓާލަން ކޮށްފައިވާ މަސައްކަތާއި ޖުޑިޝަރީ އަށް އެމްޑީޕީން ނުފޫޒު ފޯރުވި މިންވަރު ވެސް އެނގޭނެ އެވެ.

މިރޭގެ ޖަލްސާގައި ދެއްކި ވީޑިއޯގައި ވަނީ، އެފްޕީއައިޑީގެ 4.5 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލާގައި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭގެ އިތުރުން އެމްޑީޕީގެ ސަރުކާރުގައި ރައީސް ޔާމީނާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް އެ ވީޑިއޯގައި ބުނެ އެވެ. ސިޔާސީ ބޭބޭފުޅުން އެމްޑީޕީގެ ވެރިކަމުގައި ހައްޔަރުކޮށްފައި ވަނީ ގާނޫނަށް ބެލުމެއް ނެތި ކަމަށް ވެސް އެ ވީޑީއޯގައި ބުނެ އެވެ.

"ތައްޔާރު" ގެ ނަމުގައި ޕީޕީއެމުން އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ އަށް ދިޔަ މީހުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ތައްޔާރު" ގެ ނަމުގައި ޕީޕީއެމުން އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ އަށް ދިޔަ މީހުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްޑީޕީގެ ވެރިކަމަކީ "ކަޅުފޮއި މޫސުމެއް"ގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ މި މޫސުމްގެ މަތިން ބައެއް "އިއްޒަތްތެރިން" ހަނދާން ނެތިފައިވާތީ ހިތާމަކުރައްވާ ކަމަށެވެ. އެމްޑީޕީ އަކީ ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވި ސިޔާސީ ބޭފުޅުން ކޮންމެގޮތެއް ވިޔަސް ވަރިހަމަ ކަމަށް މިހާރު ތިއްބަވަނީ އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި ރައީސް ވިދާޅުވީ ކުރީގެ ރައީސް މައުމޫން ހައްޔަރުކުރަން މަގުމަތީގައި ދުން އަރުވައި، އެމްޑީޕީން ދިޔަ ގޮތާއި ކިނބިގަސްދޮށުގެ ދައުލަތަށް ނަގަން މަގުމަތީގައި ތިބެގެން އެމްޑީޕީން ކުރި ކަންކަން ވެސް ޕީޕީއެމުން ހަނދާން ނުނެތޭ ކަމަށެވެ.

"މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ހަނދާނަށް ގެންނަން ވާނެ. އޭރުން އަޅުގަނޑުމެންނަށް އެނގޭނީ ކޮންކަހަލަ ވެރިކަމެއް ކަން އޭރު އޮތީ،" ރައީސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ކޮރަޕްޝަންގެ ވާހަކަތައް އެންމެ ގަދައަށް ދެއްކެވި ބޭފުޅުން އެ ތިއްބެވީ ހަމަ އެ އޮޑީގައި ފަލި ޖައްސަވަން. ވެލިކާން ދިން މީހުން ވެސް އެ ތިބީ ހަމަ އެ އޮޑީގައި. އަދި އަނިޔާވެރިކަމާއި ދުވަހަކު ވެސް ވެރިކަމަށް ތަސައްރަފު ނުފުދޭ ކަމަށް ބުނި މީހުން ވެސް އެ ތިބީ ހަމަ އެ އޮޑީގައި ފަލި ޖެހުނު ހިސާބެއްގައި ފަލި ޖަހަން. ކަނޑައަށް ޣަރަގުވަންޏާ، ޣަރަގުވުން ވެސް މާ މޮޅު ކަމަށް ދެކިވަޑައިގެން."

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރަން ދީނީ ގޮތުން ވާޖިބު ވެއްޖެ ކަމަށް އޭރު ވިދާޅުވި ސިޔާސީ އިސްވެރިން ކޮބައިތޯ ވެސް ރައީސް ޔާމީން މިރޭ ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގާނޫނު ނަަގަހައްޓައި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެނެސްދޭ ބަޔަކީ މި ސަރުކާރު ކަމަށެވެ. މި ސަރުުކާރު ނޫން ބަޔަކު ގާނޫނީ ހަމަހަމަކަން ރައްޔިތުންގެ މެދުގައި ގެނެސްދީފައި ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ އަދި ކުޑަކެކުރިއަށް ވިޔަސް، ބޮޑުކެކުރިއަށް ވިޔަސް، މި ސަރުކާރުން ގާނޫނީ ހަމަހަމަކަން މި ގެނެސްދެނީ. އެހެންވެގެން އަމިއްލަ އެދުމުން ފޯވެގެން ތިއްބަވާ ސިޔާސީ ލީޑަރުންނަށް އެކަން ތަހައްމަލް ނުކުރެވިގެން މި އުޅެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.