Roadha Mihaaru
އައްޑު އަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފިން:ރައީސް

އައްޑު އަށް ތިން އަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފިން: ރައީސް

19 އޮކްޓޯބަރ 2017

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"ތައްޔާރު" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ރައީސް ޔާމީން ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އައްޑު އަށް މިހާ ބޮޑު ހޭދައެއް ކުރި ކަމަށް ބުނެވޭނެ އެހެން އެއްވެސް ސަރުކާރެއް މިހާތަނަށް ނޯންނާނެ ކަމަށެވެ. އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން އަދިވެސް ކުރިއަށް ގެންދަން ބޭނުންވާ ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީގެ ވާހަކަފުޅު ރައީސް ފެއްޓެވީ، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް މިރޭ ހުންނެވީ އައްޑޫގެ ރައްޔިތުންނާ އެކު އެ ސިޓީގައި ކަން ފާހަގަކުރައްވަމުންނެވެ.

އައްޑޫގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ފޭދޫގެ ބިން ހިއްކުން ފަދަ އެތައް މަޝްރޫއެއް މިހާރު ވެސް ކުރިއަށް އެބަދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އައްޑު އަތޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް އެބަ ހިނގާ. އެ މަޝްރޫއުތައް ހިނގާތީ، އަދި އިތުރު މަޝްރޫއުތަކަކަށް ފެންބޮވައިގަނެފައި ތިބެއްޖެ ކަމަށް ވަންޏާ ކުރަން ޖެހޭނެ ސުވާލަކީ ނާނާ، ދެން ހުރި ކަންކަން މި ރައީސް ޔާމީނަށް ކުރެވޭނެބާއޭ. ޝައްކެއް ނެތް އެކަން ވެސް ފުއްދާނީ މި ސަރުކާރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ތަރައްގީއެއް ނުކުރެވުނެވެ. ރައީސް ޔާމީނަށް އެކަން ކުރެއްވިދާނެތޯ އަހަނީ، އެމަނިކުފާނު ތަރައްގީ ގެންނަވާކަން އެމްޑީޕީން ވެސް ގަބޫލުކުރާތީ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނަޝީދު އައްޑު އަށް ކޮށްދެއްވި ހަމައެކަނި ކަމަކީ ސާކް ސަމިޓާ ދިމާކޮށް ކޮންވެންޝަން ސެންޓަރެއް އެޅުން ކަމަށެވެ. އެތައް މިލިއަން ރުފިޔާ ހޭދަކުރި އެ ކޮންވެންޝަން ސެންޓަރުގެ އެއްވެސް ބޭނުމެއް ސަމިޓުގެ ފަހުން ނުހިފުނު ކަމަށް ވިދާޅުވެ ރައީސް ޔާމީން ފާޑުވިދާޅުވި އެވެ.

މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް ޔާމީން އިށީނދެވަޑައިގަތުމަށް ވަޑައިގަންނަވާއިރު، އެމަނިކުފާނަށް ތާއީދުކޮށް ތެދުވެ އަތްޖަހަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް ޔާމީން އިށީނދެވަޑައިގަތުމަށް ވަޑައިގަންނަވާއިރު، އެމަނިކުފާނަށް ތާއީދުކޮށް ތެދުވެ އަތްޖަހަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކޮންވެންޝަން ސެންޓަރު، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި މި ސަރުކާރުން އަންނަނީ ތަރައްގީކުރަމުންނެވެ.

އައްޑޫގައި ވެސް އެންމެ ބޮޑު މައްސަލަ އަކީ ކަރަންޓް ކެނޑުން ކަން ފާހަގަކުރައްވައި ވިދާޅުވީ މުޅި ރާއްޖޭގައި 24 ގަޑިއިރު ކަރަންޓް ޔަގީން ކޮށްދިނީ މި ސަރުކާރުން ކަމަށެވެ. ކުރީ ސަރުކާރުތަކުގައި އެ ޔަގީންކަން ރައްޔިތުންނަށް ނުލިބި އޮތީ ކީއްވެތޯ ވެސް ރައީސް ޔާމީން އެއްސެވި އެވެ.

ކަރަންޓްގެ ފަސޭހަކަން، ރައީސް ވިދާޅުވި ގޮތުގައި، ހުރިހާ ރަށްތަކެއްގެ ރައްޔިތުންނަށް މިހާރު ވަނީ ގާއިމްވެފަ އެވެ.

"އެންމެ ބާރު ލައްވާފައި މިއަދު އައްޑޫން ކަރަންޓުގެ ވާހަކަ ދައްކާ މީހުންނަށް އަޅުގަނޑު އަހާލަން ބޭނުން ވަނީ އެ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ކީއްވެގެންތޯ އައްޑޫގެ ރައްޔިތުން ފެންވަރައި ހިނަވައި ހުރިހާ ކަމެއް ކުރަން ބޭނުންވާ މިންވަރަށް ކަރަންޓް ގާއިމްކޮށް ނުދެއްވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އައްޑޫ އަދި މުޅި ރާއްޖެ ވެސް އެމަނިކުފާނު ތަރައްގީ ކުރައްވަން ގެންގުޅުއްވާ ވިިިސްނުން ކުރިއަށް އޮތް ތަނުގައި ވެސް ދޫކޮށް ނުލައްވާނެ އެވެ.