Roadha Mihaaru
ޝެޑިއުލަށް ގެނައި ބަދަލަކީ ބޮޑު ގެއްލުމެއް: މޯހަން

ޝެޑިއުލަށް ގެނައި ބަދަލުން ބޮޑު ގެއްލުމެއް ކުރިމަތިވާނެ: މޯހަން

23 އޮކްޓޯބަރ 2017

ވަކި ސަބަބެއް އެންގުމެއް ނެތި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށާއި އޭގެ ސަބަބުން ދ. ކުޑަހުވަދޫ އަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވަކި ސަބަބެއް އެންގުމެއް ނެތި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށާއި އޭގެ ސަބަބުން ދ. ކުޑަހުވަދޫ އަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އެފްއޭއެމުން މި ބުރު ފެށުމުގެ ކުރިން ފުރަތަމަ ނެރުނު ޝެޑިއުލްގައި ލީގު ނިމޭނެ ކަމަށް އޮތީ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުގަ އެވެ. އެކަމު މީގެ އެއް ދުވަސް ކުރިން ބަދަލުކޮށްގެން ނެރުނު އާ ޝެޑިއުލުގައިވާ ގޮތުން ލީގު ނިމެނީ އަންނަ މަހު 26 ވަނަ ދުވަހު އެވެ. އެއާ އެކު ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ދަތިތައް ހުރިހާ ޓީމަކަށް ވެސް ކުރިމަތިވާނެ އެވެ.

ކުޑަހުވަދޫ އާއި މާޅޮހަށް އެހެން ޓީމުތަކަށް ވުރެން ބޮޑަށް އުނދަގޫވާނެ އެވެ. އެއީ އެ ދެ ޓީމުން ވެސް އަންނަނީ ރަށުގައި ތިބެފައި ސީދާ މެޗަށް ކަމަށް ވުމުންނެވެ.

"އަޅުގަނޑުމެން ގާތުން ވެސް، ޓީމުގެ މެނޭޖްމަންޓު ކައިރީގައި ވެސް ހިޔާލެއް ނާހާ. ޝެޑިއުލް އައިސްފައި އޮތްތަން މި ފެންނަނީ. މިއަދު އޮފިޝަލުން ވެސް ދިޔަ އެފްއޭއެމަށް. ދެން ސިޓީ އަކުން ހުށަހަޅަން ދަންނަވާފައި އޮތީ. އެކަން އަޅުގަނޑުމެން ކުރާނަން އިރާދަކުރެއްވިއްޔާ،" މޯހަން ބުންޏެވެ.

އޭނާ ބުނީ ކުރިން އޮތީ ވަރަށް ރަނގަޅަށް ރޭވިފައި ކަމަށާއި މި ބަދަލު ގެނައުމުން ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެއީ ކުޑަހުވަދޫ ކަހަލަ ޓީމަކަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކެއް ކަމަށެވެ.

"ކުރިން އޮތީ ވަރަށް ރަނގަޅަށް ރޭވިފައި. ހަފްތާ ބަންދުގައި އޮތީ. ދެން ކުއްލިއަކަށް މި ބަދަލުވީ ހަފްތާ ތެރެ އަށް. ދެން ބަދަލުވިއިރުގައި އައުމާ މި ކަންތައްތަކަށް ބޮޑު ހުރަހަކަށް ވެގެންދާނެ. ވަޒީފާތަކުގައި އުޅޭ ކުޅުންތެރިން މި އުޅެނީ ހުސް. ހަފްތާ ބަންދުވީމަ އަންނަން ވެސް ވަރަށް ފަސޭހަ. ރަށްރަށު ޓީމުތަށް މުބާރާތަށް ވެއްދީ އެ ޓީމުތަކަށް ފުރުސަތުދިނުމުގެ ބޭނުމުގައި. އެކަމަކު މިހެން އޮވެލާފައި އެންގުމެއް ނެތި ޝެޑިއުލަށް ބަދަލު އައި ކޮން މަގުސަދެއްގައި ކަމެއް އެނގިފައި އޮތުމަކީ ރަނގަޅު ކަމެއް،" ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ކޯޗުކޮށްދީފައިވާ މޯހަން ބުންޏެވެ.

އޭނާ ބުނީ މިހާރު ކަންތައްތައް ހުރި ގޮތުން ކުޑަހުވަދޫ އަށް ދަތުުރުކުރުން ނޫން ކަމެއް ނެތް ކަމަށެވެ.

"ތިން ދުވަހުން މެޗެއް ކުޅެން ޖެހިފައި މި އޮތީ. ދެން މިހާރު ނޯންނާނެ ދަތުރުކުރުން ނޫން ކަމެއް އަޅުގަނޑަށް ހީވަނީ. މި ކޮޅަށް އައިސް މެޗު ކުޅެފަ އެކޮޅަށް ގޮސް ޖެހިފަ ތިން ދުވަސްވީމަ އަނެއްކާ ވެސް މިކޮޅަށް މި އަންނަން ޖެހެނީ. ދެން މިހާރު މިއޮތީ ޔޫރަޕްގައި މެޗު ކުޅޭގޮތަށް ޖެހިފައި. އެ ފެންވަރަށް ގޮސްފައި މިއޮތީ. ޓީމު އެ ފެންވަރަށް ނުދޭ. ކުޅުން އެ ފެންވަރަކަށް ނުދޭ. އެކަމަކު ކަންތައްތައް އެ ފެންވަރަށް ކުޅެން ޖެހިފައި މިއޮތީ،" ކުރިން އެފްއޭއެމް ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މޯހަން ބުންޏެވެ.

އެފްއޭއެމުން މީގެ ކުރިން މުބާރާތްތަކުގެ ޝެޑިއުލަށް އާންމު ގޮތެއްގައި ބަދަލު ގެންނަނީ ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުންނާއި ރަސްމީ ހަރަކާތްތަކަށް ސަރުކާރުން ގަލޮޅު ދަނޑު ބޭނުންވާނަމަ އެވެ.